ޕީޖީގެ އިރުޝާދަށް ރައުދު ބަންދުން ދޫކޮށްލައިފި

ރައުދު: މައްސަލައިގެ ލިޔެކިޔުންތައް ދިރާސާކޮށް، ޕީޖީ އޮފީހުން ވަނީ ރައުދު ދޫކޮށްލަން އިރުޝާދު ދީފައި --

މިދިޔަ މަހުގެ 18 ވަނަ ދުވަހު ހ. މިޓާޒްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދުއާ އެއްކޮށް ހާދިސާ ހިނގި ވަގުތު ހުރި، ގ. އެރިޔަދޫ، ރައުދު އަހުމަދު ޒިލާލަށް ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވުމުން އޭނާ ދޫކޮށްލަން އެ އޮފީހުން އިރުޝާދު ދީފިއެވެ.

ފުލުހުން "ސަން"އަށް އިއްޔެ މައުލޫމާތު ދިން ގޮތުގައި ރައުދަށް ދައުވާ ކުރަން ފޮނުވައިފައި ވަނީ މިދިޔަ ހޮނިހިރު ދުވަހެވެ. ނަމަވެސް އޭނާއަށް ދައުވާކޮށްދޭން އެދޭ މައްސަލައިގެ ތަފުސީލެއް ލިބިފައިނުވެއެވެ.

މިއަދު ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ ރައުދަށް ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ހުށަހެޅުމުން މައްސަލައިގެ ލިޔެކިޔުންތައް ދިރާސާކުރުމަށްފަހު އޭނާ ބަންދުން ދޫކޮށްލުމަށް ޕީޖީ އޮފީހުން އިރުޝާދު ދިން ކަމަށެވެ.

އެހެންވެ، ރޭ ރައުދު ބަންދުން ދޫކޮށްލައިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މިދިޔަ މަހުގެ 24ގައި ހައްޔަރުކުރި ރައުދުގެ ބަންދު އެކި ފަހަރު މަތިން އިތުރުކުރުމަށްފަހު، މި މަހުގެ 15 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް 20 ދުވަސް ޖަހައިފައެވެ. އެ މުއްދަތު ހަމަނުވަނީސް މިދިޔަ ބުރާސްފަތި ދުވަހު އޭނާ ދޫކޮށްލިއެވެ. ނަމަވެސް މާ ގިނައިރެއްނުވެ އޭނާ އަނެއްކާވެސް ހައްޔަރުކުރިއެވެ.

އެއަށްފަހު ހުކުރު ދުވަހު އޭނާގެ ބަންދަށް ވަނީ ފަސް ދުވަސް ޖަަހައިފައެވެ.

އެކާވީސް އަހަރުގެ ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން ރައުދާ ފުލުހުން ސުވާލުކޮށް، މަސްތުވާތަކެއްޗަށް ޓެސްޓު ކުރި ނަމަވެސް ފުރަތަމަ އޭނާ ހައްޔަރެއް ނުކުރެއެވެ.

އެ ހާދިސާ ހިނގިތާ ފަސް ދުވަސް ފަހުން ފުލުހުން ބޭއްވި ސިއްރު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ، ރައުދު މަސްތުވާތަކެއްޗަށް ޕޮޒިޓިވްވިކަން ހާމަކޮށްފައެވެ. އެ ފަހުން އޭނާ ހައްޔަރުކުރީ އެ މައްސަލަައިގައި ގިނަ ބަޔެއްގެ ފާޑުކިޔުން ފުލުހުން އަމާޒުވެފައި ވަނިކޮށެވެ.

ފުލުހުންވަނީ ޔުމްނު ވެއްޓުނީ އަމިއްލައަށް ކަމަށް ބުނެފައެވެ.

އެކަމަކު، އޭނާއާ ހަވާލާދީ އާއިލާގެ ފަރާތުން ވަނީ އެއީ އަމިއްލައަށް ކުރި ކަމެއް ނޫން ކަމަށް ބުނެފައެވެ. ހާދިސާ ހިނގި ހ. ފެންޓެނޯއީ ގޭގައި އުޅުނީ ވެސް މި މައްސަލައިގައި ހައްޔަރުކުރި ރައުދާއި ދެ މީހުން އެކަނި ނޫން ކަމަށާއި އިތުރު ހަތަރު މީހުން އުޅުނު ކަމަށް އާއިލާއިން ޔުމްނުއާ ހަވާލާދީ ބުނެފައެވެ.

ޔުމްނުއަށް ލިބުނު އަނިޔާތަކަށް ދައުލަތާއި އަމިއްލަ ފަރާތްތަކުގެ އެހީއާއެކު، މެލޭޝިއާގައި އަންނަނީ ފަރުވާ ދެމުންނެވެ.

މިދިޔަ ބުރާސްފަތި ދުވަހު ފުލުހުން ނެރުނު ބަޔާނެއްގައި ވަނީ އެ މައްސަލައިގައި ތަހުގީގަށް ޔުމްނުގެ ބަޔާން ނެގުމަށް އާއިލާއިން އެއްބާރުލުން ނުދޭ ކަމަށާއި އެހެންވެ، އެކަން ކުރަން އޭނާ ފަރުވާ ހޯދަމުންދާ މެލޭޝިއާގެ ފުލުހުންގެ އެހީތެރިކަން ހޯދަން ނިންމައިފައިވާ ކަމަށެވެ.

ޔުމްނުގެ އާއިލާއިން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފައެވެ. އެގޮތުން ބަޔާން ނަގަން ރަސްމީކޮށް ނޭދޭ ކަމަށާއި ފުލުހުން އެދިފައިވަނީ އަމިއްލަ ގޮތުން ބައްދަލުކުރަން ކަމަށް އެ އާއިލާއިން ތުހުމަތުކޮށްފައިވެއެވެ.

ޔުމްނުގެ މައްސަލައިގައި ފުލުހުން ހާމަ ކުރާ މައުލޫމާތަށާއި ތަހުގީގު ކުރިއަށްގެންދާ ގޮތަށް އިތުބާރު ނުކުރެވޭ ކަމަށާއި އެ ތަހުގީގަށް މައްސަލައާ ގުޅުން ހުރި ސަރުކާރުގެ އިސް ވެރިންތަކެއްގެ ނުފޫޒު ފޯރުވާ ކަމަށް ބުނެ ޒުވާނުންތަކެއް ސިލްސިލާ މުޒާހަރާތަކެއް ކޮށްފައިވެއެވެ.

comment ކޮމެންޓް