14 ރުފިޔާއަށް ދޭ ޗޮކުލެޓެއް ވަގަށް ނަގައި ކެއުމުން، 15 ދުވަހަށް ބަންދުކޮށްފި

ކްރިމިނަލް ކޯޓު: 14 ރުފިޔާއަށް ދޭ ޗޮކުލެޓެއް ވަގަށް ނަގައި ކެއުމުން، 15 ދުވަހަށް ބަންދުކޮށްފި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

'ރެޑްވޭވް ޕްލާޒާ'އިން 14 ރުފިޔާއަށް ދޭ ޗޮކުލެޓެއް ވަގަށް ނަގައި، ކެއި މައްސަލައިގައި ދިވެހި ފިރިހެނަކު 15 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

މި މައްސަލައިގައި ބަންދުކުރުމަށް އަމުރުކޮށްފައި ވަނީ ޒަވާދަވިއު، ހދ. ހަނިމާދޫ، އުމުރުން 37 އަހަރުގެ ޝުރައިޚު ޝަރީފެވެ.

އޭނާގެ މައްޗަށް ކުރަނީ ވައްކަންކުރުމުގެ ކުށުގެ ތުހުމަތެވެ.

ކްރިމިނަލް ކޯޓުގެ އަމުރުގައިވާ ގޮތުން މިއީ އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހާޒިރުކުރެވުނު ފުރަތަމަ ފަހަރެވެ. އަދި އޭނާ ހައްޔަރުކޮށްފައި ވަނީ އިޖުރާއަތާއި އެއްގޮތަށްކަމަށް ކަނޑައަޅާފައިވެއެވެ.

ފުލުހުންގެ ހާދިސާ ރިޕޯޓުން އެނގޭ ގޮތުގައި މި މައްސަލައަކީ 'ރެޑްވޭވް ޕްލާޒާ'އިން ވައްކަންކުރި މީހެކެވެ. އޭނާ ހިފަހައްޓާފައި ހުރިކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން އެ ފިހާރައަށް ގޮސް، އެ ފިހާރައިގެ ކެމެރާ ފުޓޭޖު ވަނީ ބަލައިފައެވެ.

އެވަގުތު ފިހާރައިގައި އިން މީހާއަށް ކެމެރާއިން އޭނާ ފިހާރައަށް އައިސް، ފިހާރަ ހަރުން 'ސްކިނާ' ބްރޭންޑުގެ 50 ގްރާމްގެ ޗޮކުލެޓެއް ވަގަށް ނަގައި، އެ ކާލުމަށްފަހު އޭގެ ކަރުދާސްގަނޑު ޖީބަށް ލާތަން ފެނުމާއެކު އޭނާ ހުއްޓުވައި ފުލުހުންނަށް ރިޕޯޓުކުރީއެވެ.

އެ މައްސަލައިގައި އޭނާ ވަނީ އެއީ ޗޮކުލެޓެއް ކަމަށާއި، އެއީ 14 ރުފިޔާއަށްދޭ އެއްޗެއްކަމުން ގިނަ ދުވަހަށް ބަންދުނުކުރުމަށް އެދިފައި ކަމަށް ކޯޓު އަމުރުން އެނގެއެވެ.

ބަންދު ލޮގަށް ބަލާއިރު، އޭނާއަކީ ކުށުގެ ރެކޯޑު އޮތް ފަރާތެއް ކަމަށާއި، މިއަހަރު ތެރޭގައި ވެސް ތިން ފަހަރެއްގެ މަތިން ކުށުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށް ކޯޓު އަމުރުގައި ބަޔާންކޮށްފައިވެއެވެ. އަދި އޭގެ ތެރޭގައި ވައްކަމުގެ މައްސަލަތައް ހިމެނޭ ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.

މި މައްސަލައިގައި އޭނާ 15 ދުވަހަށް ބަންދުކުރުމަށް އިއްޔެ ވަނީ އަމުރުކޮށްފައެވެ.

މި މައްސަލައިގެ ހެކީގެ ގޮތުގައި ހުށަހަޅާފައި ވަނީ ކަންހިނގައިދިޔަ ގޮތް ބަޔާކޮށް ކުށުގެ ވެއްޓަށް ހާޒިރުވި ފުލުހުންގެ ހާދިސާ ރިޕޯޓު އެކަންޏެވެ.

އޭނާ ބަންދުގައި ބަހައްޓަންޖެހޭ ހާލަތެއްގެ ގޮތުގައި ކޯޓު އަމުރުގައި ފާހަގަކޮށްފައި ވަނީ އޭނާ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށްޓަކައެވެ.

comment ކޮމެންޓް