އިލެކްޓްރޯނިކް މޮނިޓަރިން ނިޒާމުގެ ތެރެއިން ޓެގު އަޅުވައި، އިތުރު ދެ މީހަކު މިދިޔަ ހަފުތާގެ އަންގާރަ ދުވަހު ކްރިމިނަލް ކޯޓުން ދޫކޮށްލައިފިއެވެ.
މިސަރުކާރުން ގައިދީން ޓެގު އަޅުވާފައި ދޫކުރަން ފެށީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ނުވަތަ 'ވާނުވާ' ބަންދުގެ މައްސަލައަށް ހައްލު ގެނައުމަށެވެ. އެގޮތަށް ދޫކޮށްލާ މީހުންގެ ތަފުސީލު ކްރިމިނަލް ކޯޓުގެ އަމުރުތަކުން ވަނީ ހާމަކުރަންފަށައިފައެވެ.
މިހާތަނަށް ޖުމުލަ ފަސް މީހަކު ޓެގު އަޅުވާފައި ވަނީ ދޫކޮށްލާފައެވެ. އޭގެ ތެރެއިން ދެ މީހަކު މިދިޔަ މަހުގެ 28ގައި ދޫކޮށްލިއިރު، ތިން ވަނަ މީހާ ދޫކޮށްލީ މިމަހު އެކެއްގައެވެ. އެ ތިން މީހުންނަކީ ވެސް މަސްތުވާތަކެތީގެ މައްސަލަތަކުގެ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި މީހުންނެވެ.

މީހެއްގެ ފައިގައި މީގެ ކުރިން ޓެގް އަޅުވާފައި: ޓެގު އަޅުވާފައި އިތުރު ދެމީހުން ދޫކޮށްލައިފި، އެއީ ޑައިމޯފިން ޓްރެފިކްކުރި ކަމަށް ތުހުމަތުވާ ބައެއް ----- ފޮޓޯ/ ފުލުހުން
އޭގެފަހުން، މިދިޔަ ހަފުތާގެ އަންގާރަ ދުވަހު އިތުރު ދެ މީހުން ވަނީ ޓެގު އަޅުވައި ދޫކޮށްލައިފައެވެ. އެއީ، 24 އަހަރުގެ ށ. ނޫމަރާ، ހަވީރީގެ އަބްދުﷲ ފަޞީޙާއި 41 އަހަރުގެ ސ. ހިތަދޫ، ހަދުވަރުމަތީގެ ޙުސައިން އަބްދުލް މަޖީދެވެ.
ފަސީޙަކީ ޑައިމޯފިންއާއި ކެނެބިސް ޓްރެފިކްކުރި ކަމަށް ތުހުމަތުވާ މީހެއް ކަމަށްވާއިރު، މަޖީދަކީ ވެސް ޑައިމޯފިން ޓްރެފިކްކޮށްގެން ބަންދުގައި ހުރި މީހެކެވެ.
އެ ދެ މީހުންގެ ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރުގައި ވަނީ، ދައުލަތުން އެދުނު ޝަރުތުތަކަށް ދެމީހުން ވެސް އެއްބަސްވެފައިވާ ކަމަށެވެ.
އެ ދެމީހުން ދޫކޮށްލީ 100 ދުވަހުގެ މުއްދަތަށެވެ.
އެ އަމުރުތަކުގައި ވަނީ، އެ މީހުންގެ މައްޗަށް ކަނޑައަޅާފައިވާ ޝަރުތުތަކުގެ މުއްދަތު އިތުރުކުރަން އެދޭނަމަ، އަމުރުތަކުގެ މުއްދަތު ހަމަވުމުގެ ކުރިން ދައުލަތުން އެކަމަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ.
ވާނުވާ ބަންދުގައި ތިބޭ މީހުން ޓެގު އަޅުވާފައި ދޫކުރަން ނިންމާފައިވާކަން، ޕީޖީ އޮފީހުން ހާމަކުރީ މިދިޔަ މަހުގެ 21ގައެވެ.
އޭގެފަހުން، ޓެގު އަޅުވައި ގައިދީން މިނިވަން ކުރަން ފެށިކަން ރައީސް ޑރ. މުޙައްމަދު މުއިއްޒު އިއުލާންކުރެއްވީ މިދިޔަ މަހުގެ 28ގައެވެ.
ޕީޖީ އޮފީހުން ބުނީ، ބަންދަށް ލުއިދެވޭނީ ޓެގް އެޅުވުމުން އެ މީހުންގެ ފަރާތުން މުޖުތަމައުގެ ސަލާމަތަށް އޮތް ނުރައްކާ ކުޑަކުރެވިދާނެކަމަށް ފެންނަ ބާވަތްތަކުގެ ކުށްތަކުގެ ތުހުމަތުކުރެވޭ މީހުންނަށް ކަމަށެވެ. އެ ނޫން މީހުންގެ ބަންދަށް އެ ނިޒާމުގެ ތެރެއިން ލުޔެއް ދިނުމަށް ހަމަޖެހިފައިނުވާ ކަމަށް ވެސް ބުންޏެވެ.
އޭގެތެރޭގައި، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލައިގައި ބަންދުކޮށްފައިވާ މީހުންނާއި މަރުގެ މައްސަލަތަކުގައި ބަންދުކޮށްފައިވާ މީހުންނާއި ޓެރަރިޒަމްގެ ބޮޑެތި މައްސަލަތަކުގައި ބަންދުކޮށްފައިވާ މީހުންގެ އިތުރަށް މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ބޮޑެތި މައްސަލަތަކުގައި ބަންދުކޮށްފައިވާ މީހުން ހިމެނެއެވެ.
ޕީޖީ އޮފީހުން ބުނީ، މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ރިމާންޑު ޖަލުތަކުގެ ޖާގައަށްވުރެ އިތުރަށް މީހުން ބަންދުކޮށްފައިވާއިރު، އެ މަސައްކަތުގެ ތެރެއިން ރިމާންޑު ޖަލުތަކުގެ ޖާގައިގެ ދަތިކަމަށް ކޮންމެ ވެސް މިންވަރެއްގެ ހައްލެއް ލިބޭނެ ކަމަށެވެ. އަދި، ބަންދުގައި ބައިތިއްބަންޖެހޭ މީހުންނަށް ލިބިދޭ ވަސީލަތްތަކަށް ހެޔޮ ބަދަލެއް ގެނެވޭނެކަމަށް ދެކޭ ކަމަށް ވެސް ޕީޖީން ބުންޏެވެ.