ހަތްދިހަ ފަސް އެނދާއެކު، އައިޖީއެމްއެޗުގައި މަލްޓި ސްޕެޝަލިޓީ ސާޖިކަލް ވިންގެއް މިއަދު ހުޅުވައިފިއެވެ.
މި ވިންގު ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ، މުޙައްމަދު މުއިއްޒެވެ.
ވިންގު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި މާލެ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވީ، އެ ވިންގުގައި ޖެނެރަލް ސާޖާރިއާއި ނިއުރޯ ސާޖަރީއާއި ޕްލާސްޓިކް ސާޖަރީއާއި ޔޫރޮލޮޖީއާއި އޯތޯ ސާޖާރީތައް ހަދާ ބަލިމީހުން އެނދުމަތިކޮށްގެން ފަރުވާދޭނެ ކަމަށެވެ.

މާލެ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ---- ފޮޓޯ/ ރައީސް އޮފީސް
މިއަދު ހުޅުވި ވިންގުގައި ހުރީ:
- ޖެނެރަލް ވޯޑުގައި 44 އެނދު
- ހައި ޑިޕެންޑެންސީ ޔުނިޓުގައި 15 އެނދު
- ޕްރައިވެޓް ރޫމްގެ ގޮތުގައި 14 ކޮޓަރި
- ބާން ޔުނިޓުގެ ގޮތުގައި ފުރަތަމަ ފަހަރަށް ދެ އެނދު
އޭނާ ވިދާޅުވީ، މިދިޔަ ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލަށް ގިނަ ކުރިއެރުންތަކެއް އައިސްފައިވާ ކަމަށެވެ.
އެގޮތުން ފާހަގަކުރެވޭ ކަންކަމުގެ ތެރޭގައި:
- ކުޑަކުދިންނަށް ޚާއްސަ އިމަޖެންސީ ރޫމެއް ގާއިމުކުރެވުން
- ދަރުމަވަންތަ ހޮސްޕިޓަލުގައި ފާޓިލިޓީ ސެންޓަރެއް ގާއިމުކޮށް، އައިވީއެފް ތައާރަފުކުރެވުން
- ދަރުވަމަންތައާއި އައިޖީއެމްއެޗުގެ އޮޕަރޭޝަންތައް ކުރާ ބައިގެ ޚިދުމަތް ދޭން ފެށުން
- ދަރުމަވަންތަ ހޮސްޕިޓަލުގެ ކެތުގެ ލެބުގެ މައްސަލަ ހައްލުކޮށް ޚިދުމަތް ފޯރުކޮށްދެވުން
- ދަރުމަވަންތަ ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ޓަރައްގީކޮށް، ބޭނުންނުކުރާ ފްލޯތައް ބޭނުންކުރަން ފެށުން

އައިޖީއެމްއެޗުގެ މަލްޓި-ސްޕެޝަލިޓީ ސާޖިކަލް ވިންގު ރައީސް މުއިއްޒު ބައްލަވާލައްވަނީ ---- ފޮޓޯ/ ރައީސް އޮފީސް
ނަވާރަ ސަތޭކަ ނުވަދިހަ ފަހެއްގައި ހުޅުވި އައިޖީއެމްޗު ހޮސްޕިޓަލު ހުޅުވިއިރު، މާލޭގެ އާބާދީއަކީ 62،000 ކަމަށާއި 2023ގައި މާލެ ސަރަހައްދުގައި 212،000ގައި މީހުން އުޅޭކަން އޭނާ ފާހަގަކުރެެއްވިއެވެ.
އެންމެ ފުރަތަމަ އެ ހޮސްޕިޓަލު ހުޅުވިއިރު، އެތަނުގައި ހުރީ 185 އެނދު ކަމަށާއި އެކި ތަރައްގީތަކުގެ ތެރެއިން 2023ވަނަ އަހަރާ ހަމައަށް ދަރުމަވަންތަ ހޮސްޕިޓަލު ހިމައިނައިގެން އައިޖީއެމްއެޗުގައި 310 އެނދު ބޭނުންކުރެވެމުން އައި ކަމަށް އަބްދުއްރައްޒާގު ވިދާޅުވިއެވެ.
މާނައަކީ ފާއިތުވެ ދިޔަ 28 އަހަރު މި ދެހޮސްޕިޓަލުގައި އިތުރުކުރެވިފައި ވަނީ 130 އެނދު. ނަމަވެސް، އަޅުގަނޑުމެނަށް މިދިޔަ އަހަރު އެކަނި ދަރުމަވަންތަ އަދި އައިޖީއެމްއެޗު ހޮސްޕިޓަލަށް މި ގެނެވުނު އިތުރު ތަރައްގީއާއެކީގައި 119 އެނދު އިތުރުކުރެވިފައި މިވަނީ.
މިއަދު އިފުތިތާހުކުރި ވިންގުގެ 75 އެނދާއެކު މުޅި ޖުމުލަ 510 އެނދު އެ ހޮސްޕިޓަލުގައި ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެއާއެކު، ކާޑިއޯތޮރެޓިކްސްއާއި ބައިޕާސް ސާޖަރީގެ އިތުރުން އިންޓަވެންޝަނަލް ރޭޑިއޮލޮޖީގެ ޚިދުމަތް ކުރިއަށް އޮތް ތަނުގައި ފަށަން ގަސްތުކުރާ ކަމަށް އަބްދުއްރައްރާގު ވަނީ ވިދާޅުވެފައެވެ.
ރައީސް މުއިއްޒު ވަނީ އެ ވިންގު ހުޅުވައިދެއްވުމަށް ފަހު، އެތަނުގެ ޚިދުމަތްތަކާއި ވަސީލަތްތައް ބައްލަވާލައްވާފައެވެ.