ވީއައިއޭގެ އާ ޓާމިނަލް ހުޅުވުން ޖުލައި 26ގައި!

ވީއައިއޭގެ އާ ޓާމިނަލް: ވީއައިއޭގެ އާ ޓާމިނަލް ހުޅުވުން ޖުލައި 26ގައި -- ފޮޓޯ/ އެމްއޭސީއެލް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލް މިއަހަރުގެ ޖުލައި 26ގައި ހުޅުވާނެ ކަމަށް އެމްއޭސީއެލް އިން މިއަދު ބުނެފިއެވެ.

މިކަން ހާމަކޮށްފައި ވަނީ މިއަދު ހުޅުލެ އައިލެންޑް ހޮޓެލްގައި ބޭއްވި އޭވިއޭޝަން ފޯރަމުގެ ދެވަނަ އެޑިޝަނުގައެވެ. މި ފޯރަމުގައި އޭވިއޭޝަން ދާއިރާގެ ގިނަ ސްޓޭކް ހޯލްޑަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

އޭގެތެރޭގައި އެއާޕޯޓު އަދި އެއާލައިން އޮޕަރޭޓަރުންނާއި، އިންޑަސްޓްރީގެ އޮގަނައިޒަރުން އަދި ޓްރެވަލް ޕްރޮފެޝަނަލުން ހިމެނެއެވެ. އެއް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ފޯރަމްގައި، އެކުގައި މަސައްކަތް ކުރެވޭނެ ގިނަ ގޮތްތަށް ވަނީ މަޝްވަރާ ކޮށްފައެވެ. އަދި ރާއްޖޭގެ އޭވިއޭޝަން އިންފްރާންސްޓަކްޗަރާއި ޚިދުމަތް ފަތުރުވެރިކަމުގެ ޑިމާންޑާ އެއްގޮތަށް ފޯރުކޮށްދެވޭނެ ގޮތްތައް ވެސް މަޝްވަރާ ކުރިއެވެ.

ވީއައިއޭގެ އާ ޓާމިނަލް: ވީއައިއޭގެ އާ ޓާމިނަލް ހުޅުވުން ޖުލައި 26ގައި -- ފޮޓޯ/ އެމްއޭސީއެލް

ވީއައިއޭގައި މިހާރު ބޭނުންކުރާ ޓާމިނަލުން ޚިދުމަތް ދިނުމުގެ ކެޕޭސިޓީއަކީ އަހަރަކު 1.5 މިލިއަން މީހުންނަށް ކަމަށްވާއިރު، އާ ޓާމިނަލް ހުޅުވުމުން އެ އަދަދު ހަތް މިލިއަނަށް އިތުރުވާނެ ކަމަށް ސަރުކާރުން ބުނެެއެވެ.

އެ ޓާމިނަލުގައި 72،000 އަކަފޫޓުގެ ބޮޑުމިނެއް ހުންނައިރު 47 ޗެކިން ކައުންޓަރާއި ހަ ސެލްފްސާވިސް ކިއޮސްކްގެ އިތުރުން ޒަމާނީ ބެގެޖް ހޭންޑްލިން ސިސްޓަމެއްގެ އިތުރުން އެޑްވާންސް ސެކިއުރިޓީ ސްކްރީނިން ނިޒާމެއް ގާއިމް ކުރެވޭނެ ކަމަށް އެމްއޭސީއެލްއިން ބުނެއެވެ.

އެއާޕޯޓުގައި މިހާތަނަށް ހިންގާ އެންމެ ބިޔަ މަޝްރޫއުގެ ތެރޭގައި ހިމެނޭ އާ ޓާމިނަލްގެ މަސައްކަތަކީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރުން ސައުދީގެ ބިންލާދިން ގްރޫޕާ ހަވާލުކުރި މަސައްކަތެކެވެ.

ބިން ލާދިން ގްރޫޕާ އާ ޓާމިނަލްގެ މަސައްކަތް ހަވާލުކުރީ ގާތްގަނޑަކަށް 5.3 ބިލިއަން ދިވެހި ރުފިޔާއަށެވެ.

މި މަޝްރޫއަކީ ރައީސް ޑރ، މުހައްމަދު މުއިއްޒު ވެސް އެންމެ އިސްކަމެއްދެއްވާ އެއް މަޝްރޫއެވެ. އެގޮތުން ޔޫއޭއީ ސަރުކާރު މެދުވެރިކޮށް މި ފަހުން ރައީސް ވަނީ އެ މަޝްރޫއަށް 1.2 ބިލިއަން ރުފިޔާ ހޯއްދަވާފައެވެ.

ރައީސް ވިދާޅުވީ މަސައްކަތް ކުރައްވަނީ މި އަހަރުގެ ޓޫރިޒަމް ސީޒަން ފެށެންވާއިރަށް އެ މަޝްރޫއު އެއްކޮށް ނިންމައިލާ، ޓާމިނަލް އޮޕަރޭޝަނަށް ގެނައުމަށް ކަމަށެވެ.

comment ކޮމެންޓް