ސަންދީޕްގެ ބަހުގެ ހޫނު ހަމަލާތަކެއް ދީޕިކާއަށް

ޑައިރެކްޓަރު ސަންދީޕް ރެޑީ އަދި ބަތަލާ ދީޕިކާ ޕަދުކޯން--ފޮޓޯ/ބޮލީވުޑްހަންގާމާ

ހިންދީ ސިނަމާގެ އިތުރުން ތެލުގޫ ފިލްމުތައް ގެނެސްދީފައިވާ ޑައިރެކްޓަރު ސަންދީޕް ރެޑީ ވަންގާގެ ހޫނު ބަހުގެ ހަމަލާތަކެއް ބަތަލާ ދީޕިކާ ޕަދުކޯންއަށް އަމާޒުކޮށްފިއެވެ.

ފިލްމު "އެނިމަލް"ގެ ޑައިރެކްޓަރު އަމިއްލަ ޓުވިޓާގައި ލިޔުނު ޕޯސްޓެއްގައި ވަކި ބަތަލާއަކަށް ނިސްބަތް ނުކޮށް ބުނެފައިވަނީ، ކޮންމެ ފިލްމީ ތަރިއަކަށް ވެސް ސްކްރިޕްޓެއް ނެރޭޓްކޮށްދެނީ ސަތޭކަ ޕަސެންޓު އިތުބާރު އެ ބަތަލާއަކާ މެދު އޮންނާތީ ކަމަށެވެ.

ނަމަވެސް, އެހެން ޒުވާން ފިލްމީ ތަރިއަކު ދަށްކޮށްލުމުގެ ނިޔަތުގައި ފިލްމުގެ ސްކްރިޕްޓް އެހެން މީހުންނަށް ކިޔައިދިނުމަކީ ހަމަހަމަކަމާ މެދު ވަކާލާތުކުރާ ތަރިންގެ ހަގީގީ ނިޔަތާ މެދު ސުވާލު އުފެދޭ ކަމެއް ކަމަށް ސަންދީޕް ވަނީ ބުނެފައެވެ.

ސަންދީޕް ފިލްމު ޑައިރެކްޓަރެއްގެ ހައިސިއްޔަތުން ފިލްމު އިންޑަސްޓްރީގައި ގާއިމުކޮށްފައިވާ މަގާމު ހާސިލުކޮށްފައިވަނީ ވަރަށް ބުރަ މަސައްކަތުން ކަމަށާއި އެކަން އެފަދަ ފިލްމީ ތަރިންނަށް އަންދާޒާ ނުކުރެވޭނެ ކަމަށް "ކަބީރު ސިންގް"ގެ ޑައިރެކްޓަރު ވަނީ ބުނެފައެވެ.

ބަތަލާ ދީޕިކާ ޕަދުކޯން ދާދިފަހުން ބައިވެރިވި ވޭވް ސަމިޓްގައި އެކްޓަރު ޝާހްރުކް ޚާންއާ އެކު--ފޮޓޯ/އެންޑީޓީވީ

އެކްސްގައި ކުރި ޕޯސްޓު ނިންމާމަލުން ސަންދީޕް ބުނެފައިވަނީ ބޭނުން ބަޔަކަށް ދެން ފަހަރަކުން ފިލްމުގެ ސްކްރިޕްޓް އެއްކޮށް ކިޔައިދިނަސް އޭނާއަށް އެކަމުން ކުރާނެ އަސަރެއް ނޯންނާނެ ކަމަށެވެ.

ސަންދީޕްގެ މި ޕޯސްޓަކީ ނޫންގޮތަކަށް ބަތަލާ ދީޕިކާ ޕަދުކޯންއަށް އަމާޒުކޮށް ލިޔެފައިވާ ޕޯސްޓެއް ކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ. ހަމައެއާއެކު ފިލްމުގެ ޕްލޮޓް އާއްމުކުރުމަށް ފަހު އެންމެންނަށް އެނގޭނެހެން ލީކުކޮށްލުމަކީ ވަރަށް އަންޕްރޮފެޝަނަލް އަމަލެއްގެ ގޮތުގައި ބުނެ ގިނަ ބަޔަކު ވަނީ ދީޕިކާއަށް ފާޑުކިޔާފައެވެ.

ސަންދީޕް އަލަށް ފަށަން ތައްޔާރުވަމުން އަންނަ ފިލްމު "ސްޕިރިޓް"ގެ ބަތަލާގެ ރޯލަށް ދީޕިކާ އެއްބަސްވެ, ފިލްމާ ގުޅޭ ވަރަށް ގިނަ މަޝްވަރާތައް ރަސްމީކޮށް ކުރިއަށް ގެންގޮސްފައިވަނިކޮށް ބަތަލާ ވަނީ ފިލްމުން ވަކިވެފައެވެ. ދީޕިކާއަށް ސަންދީޕް މި ފިލްމު ހުށަހަޅާފައިވަނިކޮށް ބަތަލާ އަލަތު ދަރިފުޅަށް ބަލިވެއިނުމާ ގުޅިގެން ފިލްމުގެ މަސައްކަތް އޭރު ވަނީ ހުއްޓާލާފައެވެ.

ފިލްމު "ސްޕްރިޓް"ގެ މަސައްކަތްތައް ފެށުމަށް ސަންދީޕް ނިންމާ ދީޕިކާއާ އެކު ފަހުން ކުރެވުނު މަޝްވަރާތަކުގައި ބަތަލާ މި ފިލްމަށް އެއްބަސްވާން ނިންމި އަގަކީ 20 ކްރޯޑު ރުޕީސްއެވެ. މީގެ އިތުރުން, ފިލްމުގެ ފައިދާގެ ގޮތުގައި ލިބޭ އާމްދަނީން ބައި އެޅުމަށް ވެސް ދީޕިކާ ވަނީ ޝަރުތުކޮށްފައި ކަމަށް ރިޕޯޓުތައް ބުނެއެވެ.

ހަމައެއާއެކު މި ފިލްމުގެ ޝޫޓިންގްތަކަށް ދީޕިކާއަށް ދެވޭނީ ކޮންމެ ދުވަހެއްގެ ވެސް ހަ ގަޑިއިރު ކަމަށާއި އިތުރަށް ހޭދަވާ ވަގުތުތަކަށް ފައިސާ ނަގާނެކަން ބަތަލާގެ ޓީމުން ސަންދީޕަށް އަންގާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ފިލްމުގައި ދީޕިކާ މަސައްކަތްކުރުމަށް ކަނޑައެޅިފައިވާ 100 ދުވަސް ހަމަވެ, އިތުރު މުއްދަތުގައި މަސައްކަތަށް ނުކުންނަ ނަމަ އެ ދުވަސްތަކަށް ވެސް ބޮޑު އަގެއް ބަތަލާ ކިޔާފައިވާ ކަމަށް ފިލްމީ ޚަބަރުތައް ބުނެއެވެ. މި ޝަރުތުތަކާ ގުޅިގެން އެއްބަސްވުމަކަށް ނާދެވުމުން އެންމެ ފަހުން ދީޕިކާގެ ބަދަލުގައި އެ ރޯލަށް މިހާރު ނަގާފައިވަނީ ޒުވާން ބަތަލާ ތުރިޕްތީ ދިމްރީއެވެ.

comment ކޮމެންޓް