މަރަޑޯނާގެ މަރާ ގުޅޭ ޝަރީއަތުން ފަނޑިޔާރަކު އިސްތިއުފާދީފި

މަރަޑޯނާގެ މަރާގުޅޭ ޝަރީއަތުން އިސްތިއުފާދިން ފަނޑިޔާރު ޖޫލިއެޓާ މަކިންޓަޗް. ފޮޓޯ/އޭޕީ

އާޖެންޓީނާގެ ފުޓްބޯޅަ ކުޅުންތެރިޔާ ޑިއޭގޯ މަރަޑޯނާގެ މަރާއި ގުޅޭ ޝަރީއަތުގެ ރިޔާސަތު ބަލަހައްޓަވާ ތިން ފަނޑިޔާރުންގެ ތެރެއިން އެކަކު އިސްތިއުފާ ދީފިއެވެ.

އަންގާރަ ދުވަހު ގާޒީ ޖޫލިއެޓާ މަކިންޓަޗް އިސްތިއުފާ ދީފައި ވަނީ މަރަޑޯނާގެ މަރާއި އޭގެ ފަހުން ދިމާވި ކަންކަމާ ބެހޭ ޑޮކިއުމެންޓްރީއެއްގައި ބައިވެރިވި ކަމަށް ތުހުމަތުކޮށްފައިވަނިކޮށެވެ.

މައްސަލަ ބަލާ ބެންޗުން މަކިންޓަޗް ވަކިކުރުމަށް ގޮވާލައި، މައްސަލައިގެ ޝަރީއަތް ހުއްޓުވީ ދައުވާ ލިބޭ އެއް ފަރާތް ކަމަށްވާ، މަރަޑޯނާގެ ޑޮކްޓަރު ލިއޮޕޮލްޑޯ ލޫކޭއެވެ.

މަރަޑޯނާ މަރުވިއިރު، އޭނާ އަކީ ނިއުރޯސާޖަންއެއްގެ އިތުރުން މަރަޑޯނާގެ ޕާސަނަލް ޑޮކްޓަރެކެވެ. ލޫކޭގެ ވަކީލު ޖޫލިއޯ ރިވާސް ކޯޓުގައި ބުނީ ޑޮކިއުމެންޓްރީގައި ބައިވެރިވުމަށް އިނގިރޭސި ނިއުސް ކުންފުންޏެއް ކަމަށްވާ ބީބީސީން އޭނާގެ ކްލައިންޓާ ގުޅި ކަމަށެވެ.

ރިވާސް އިތުރަށް ބުނީ އެ މުއާމަލާތުގެ ތެރެއިން އެ މީހުންނަށް އެނގުނީ ޑޮކިއުމެންޓްރީގެ ޕްރޮޑަކްޝަން ކުންފުންޏަކީ ފަނޑިޔާރު މަކިންޓަޗްގެ ބޭބެ ޖުއާން މަކިންޓަޗް އާ ގުޅުން އޮތް ކުންފުންޏެއް ކަމަށެވެ.

އަދި ކޯޓު ރޫމުން ކެމެރާއެއް ފެނިފައިވާ ކަމަށް ފުލުހުންވެސް ބުނެފައިވެއެވެ.

އެހެންވެ، މެއި މަހުގެ 20 ވަނަ ދުވަހު ޕްރޮސެކިއުޓާ ޖެނެރަލް ޕެޓްރިސިއޯ ފެރާރީ ވަނީ ހާދިސާ މުރާޖައާ ކުރެވެމުންދާއިރު، ޝަރީއަތް ހަފުތާއެއްހާ ދުވަހު މަޑުޖައްސާލުމަށް އަންގަވާފައެވެ.

މަކިންޓަޗް ވަނީ އެ ތުހުމަތުތައް ދޮގުކޮށްފައެވެ.

ކުރިއަށް އޮތް މަސްތަކުގައި މަކިންޓަޗްގެ ބަދަލުގައި އާ ފަނޑިޔާރަކު ނަގާނެ ކަމެއް ސާފެއް ނޫނެވެ.

އާޖެންޓީނާގެ ޕްރޮސެކިއުޓަރުންތަކެއް އިސްނަގައިގެން މަރަޑޯނާގެ މަރާ ގުޅޭ މައްސަލަ ބަލަމުން އަންނައިރު، މައްސަލަ ބަލާ ފަޑިޔާރެއްގެ ގޮތުގައި މާޗް 11 ވަނަ ދުވަހުން ފެށިގެން މަކިންޓަޗް އަންނަނީ މަސައްކަތް ކުރަމުންނެވެ.

ޝަރީއަތް ކުރިއަށްދާއިރު އިންޓަވިއުތަކާއި އެހެނިހެން އާންމު ކޮމެންޓްރީތަކުގައި ބައިވެރިވުން ފަނޑިޔާރުންނަށް މަނަލެވެ.

މަރަޑޯނާ މަރުވީ 2020 ވަނަ އަހަރު އުމުރުން 60 އަހަރުގައެވެ. އޮޓޮޕްސީ ރިޕޯޓުގައިވާ ގޮތުން މަރަޑޯނާ ނިދީގައި މަރުވީ ހިތާއި ފުއްޕާމޭ ފެއިލްވެގެންނެވެ.

ނަމަވެސް މަރަޑޯނާގެ އާއިލާ އިން ވަނީ މަރަޑޯނާ މަރުވުމުގައި ސިއްޙީ ފަރާތްތަކުގެ އިހުމާލު އެބައޮތް ކަމަށް ބުނެ ކޯޓަށް މައްސަލަ ހުށަހަޅާފައެވެ.

މަރަޑޯނާގެ ދެ އަންހެން ދަރިން ބުނީ ސިކުނޑީގެ އޮޕަރޭޝަނަށް ފަހު އުމުރުން 60 އަހަރުގެ މަރަޑޯނާ ގެޔަށް ބަދަލުކުރި ފަހުން ހޮސްޕިޓަލުން އެންމެ ރަނގަޅަށް އޭނާގެ ހާލަތު ވަގުތުން ވަގުތަށް ބަލާފައި ނުވާ ކަމަށެވެ.

މަރަޑޯނާގެ ވަކީލު މަޓިއަސް މޯލާ މެދުވެރިކޮށް ހުށަހަޅާފައިވާ މައްސަލައިގައި ބަލާ ބައެއް ކަންތައްތަކަކީ އެމްބިއުލަންސްއަށް ގުޅައިގެން އެ އަންނަން ދޮޅު ގަޑިއިރު ހޭދަވި ސަބަބާއި ދެ ހަފުތާއެއްހާ ދުވަސް ކުރިން ސިކުނޑީގެ އޮޕަރޭޝަނެއް ކޮށްފައި ގެޔަށް ބަދަލުކުރި މީހެއްގެ ސިއްހީ ކަންތައްތައް ރަނގަޅަށް ބެލުމުގައި ހޮސްޕިޓަލުން އިހުމާލުވެފައިވާކަމެވެ. ބޮޑަށް ތުހުމަތުކުރާ އެއް ކަމަކީ މަރަޑޯނާގެ އޮޕަރޭޝަންކުރި ޑރ. ލޫކޭ ފަރުވާކުޑަކުރި ކަމަށެވެ.

comment ކޮމެންޓް