ދެ ޖެޓްސްކީއާއި ގިނަ އަދަދެއްގެ ތަކެތި ސަޕްލައިކޮށްދޭނެ މީހުންތަކެއް ހޯދުމަށް ޑިފެންސް މިނިސްޓްރީން ކުރި އިއުލާނުތައް ބާތިލުކޮށްފިއެވެ.
އިއްޔެ ވަކިވަކިން ކުރި އިއުލާނުތަކެއްގައި ޑިފެންސް މިނިސްޓްރީން ވަނީ ދެ ޖެޓްސްކީއާއި ގިނަ އަދަދެއްގެ ތަކެތި ސަޕްލައިކޮށްދޭނެ މީހުންތަކެއް ހޯދަން ބޭނުންވާ ކަމަށް ބުނެފައެވެ.
އެ މިނިސްޓްރީން އޭރު ހޯދަން އިއުލާނުކުރީ:
- ދެ ޖެޓްސްކީ
- ލޭޒާ އެންގްރޭވިން މެޝިނެއް
- އިންޓަރެކްޓިވް ސްމާޓް ބޯޑެއް
- ސައުންޑް ސިސްޓަމެއް
- 10 މޮޓޯ ސައިކަލު
- ޓީވީތަކެއްގެ
- ކަނޑު އުޅަނދުތަކެއްގައި ހަރުކުރުމަށް ބޭނުންވާ ރާޑަރު ސިސްޓަމްތަކަކާއި އެކްސެސަރީސް
- ލައިފްޖެކެޓު
- 25 ލެޕްޓޮޕް
- ޑިޖިޓަލް ޕްރިންޓިން މެޝިން
އެތަކެތީގެ އިތުރަށް ވެހިކަލެއް މަރާމާތުކޮށްދޭނެ މީހަކު ހޯދަން ވެސް އެ މިނިސްޓްރީން އިއުލާނުކުރިއެވެ.
ނަމަވެސް، މިހާރު އެ އިއުލާނުތައް ވަނީ ބާތިލްކޮށްފައެވެ.
ސަރުކާރު އިދާރާތަކަށް ތަކެތި ސަޕްލައިކޮށްދޭނެ މީހުން ހޯދަން ދޭތެރެއަކުން އިއުލާނުކުރެއެވެ.
ދިވެހި އަސްކަރިއްޔާގެ ގާބިލުކަން އިތުރުކުރުމަށް މަސައްކަތް ތަކެއް ކުރަމުން ދާކަމަށް މީގެ ކުރިން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.
އެގޮތުން، ސަރުކާރުން ވަނީ ދިވެހި އަސްކަރިއްޔާގެ ވައިގެ ޚިދުމަތަށް އަންމޭންޑް އޭރިއަލް ވެހިކަލް (ޔޫއޭވީ)ތަކެއް ތުރުކީން ގެނެސްފައެވެ. އަދި، މިފަހުން ދިވެހި އަސްކަރިއްޔާއަށް ވަނީ އާ ވެހިކަލްތަކެއް ވެސް ގެނެސްފައެވެ.
އެގޮތުން ގެނައި ޓޭންކަރުތަކާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވަނިކޮށް، ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫނު ވިދާޅުވީ، އިގުތިސާދީ ގޮތުން ގައުމު މިއަދު މިއޮތް ދަތި ހާލަތުގައި ވެސް ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ކޮށްގެން ސިފައިންނަށް ބޭނުންވާ ޓޭންކަރުތަކާއި ޑްރޯން އަދި މިސައިލް ފަދަ ވަސީލަތްތައް ހޯދުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.