މަހަކު 57،000 ރުފިޔާގެ މުސާރައެއް ލިބޭ ގޮތަށް މޯލްޑިވްސް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީ (މިފްސާ)އަށް ސީއީއޯއެއް ހޯދަން މިއަދު އިއުލާނުކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން ބުނީ، އެ މަގާމަށް މީހަކު އައްޔަންކުރަން ހަމަޖެހިފައި ވަނީ ފަސް އަހަރާއި 10 އަހަރާ ދެމެދުގެ މުއްދަތަކަށް ކަމަށެވެ.
އެ މަގާމަށް ކުރިމަތިލާ މީހެއްގެ ހުންނަން ޖެހޭ ޝަރުތުތަކަކީ:
- ގުޅުން ހުރި ދާއިރާތަކުން 20 އަހަރުގެ ތަޖުރިބާ ލިބިފައިވުން
- ގާނޫނީ، އިކޮނޮމިކްސް، އެކައުންޓިން ނުވަޔަ ބިޒްނަސް އިން ބެޗެލާސް ޑިގްރީ ހާސިލުކޮށްފައިވުން
- މުއައްސަސާއެއް ހިންގުމުގެ ތަޖުރިބާ ލިބިފައިވާ މީހަކަށްވުން
އެމަގާމަށް ޝައުގުވެރިވާ މީހުން ލިޔެކިޔުންތަކާއެކު އެޕްލިކޭޝަން ހުށަހަޅެމުގެ ސުންގަޑިއަކީ އަންނަ އާދިއްތަ ދުވަހުގެ 10:00ގެ ނިޔަލަށެވެ.
ގާނޫނު އަސާސީން ރައީސް ޑރ. މުޙައްމަދު މުއިއްޒަށް ލިބިދޭ ބާރުގެ ދަށުން އެ މަނިކުފާނު މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭޝަލް ސާވިސަަސް އޮތޯރިޓީގެ ނަމުގައި އިދާރާއެއް އުފެއްދެވީ ޖެނުއަރީ 21، 2024ގައެވެ.
އެންމެ ފުރަތަމަ މި އޮތޯރިޓީ ހިންގަމުން އައީ އިކޮނޮމިކް މިނިސްޓްރީގެ ދަށުންނެވެ. އެކަމަކު، މިހާރު އެ އިދާރާ ހިންގުން ވަނީ ފިނޭންސް މިނިސްޓްރީއާ ހަވާލުކޮށްފައެވެ.
އެ އިދާރާއަށް ގަވަނިން ބޯޑެއް ރައީސް އެކުލަވާލާފައިވާއިރު، ޗެއާޕާސަންގެ މަގާމަށް ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު ވަނީ އައްޔަނުކުރައްވާފައެވެ.
މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީގެ ނަމުގައި ސަރުކާރުގެ އިދާރާއެއް ގާއިމުކުރީ ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ގާނޫނުގައި ފާހަގަކޮށްފައިވާ އޯފް ޝޯ ފައިނޭންސިން ޚިދުމަތްތަކުގެ އިތުރުން އޮން-ޝޯ ފައިނޭންސިން ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު އެކުލަވާލުމަށް ކަމަށް ރައީސް އޮފީހުން މީގެ ކުރިން ބުނެފައިވެއެވެ.
މި އޮތޯރިޓީގެ މަސައްކަތްތަކުގެ ތެރޭގައި އޯފް ޝޯ ފައިނޭންސިން ޚިދުމަތްތަކުގެ އިތުރުން، އޮން ޝޯ ފައިނޭންސިން ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ ޤާނޫނީ އޮނިގަނޑު އެކުލަވައިލުމާއި، ދިވެހިރާއްޖޭގައި އޯފް ޝޯ، އޮން ޝޯ ޑިވެލޮޕްމަންޓް ބޭންކުތަކާއި އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރުތައް ގާއިމު ކުރުމާ ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، ރާއްޖޭގެ މާލީ ބާޒާރު ތަރައްގީކޮށް ވާދަވެރި ނިޒާމެއް ގާއިމު ކުރުމަށް ހުރި ގާނޫނީ އަދި އިދާރީ ހުރަސްތަކަށް ޒަމާނީ ހައްލުތައް ހޯދުމަށް ކުރަންޖެހޭ ދިރާސާތައް ކުރުން ހިމެނެއެވެ.