މިދިޔަ ހޯމަ ދުވަހު ތ. ކަނޑޫދޫ ސުކޫލުގައި ކިޔަވާ 11 އަހަރުގެ ދަރިވަރެއްގެ އިނގިލި އަނބުރާލައި، ހުޅުން ނައްޓާލި ކަމަށް ތުހުމަތުކޮށް، އިއްޔެ ހައްޔަރުކުރި އިންޑިއާ ޓީޗަރު، ދޫކޮށްލައިފިއެވެ.
ފުލުހުން މިއަދު ބުނީ، އިއްޔެ ހެނދުނު އެ ޓީޗަރު ހައްޔަރު ކުރުމަށްފަހު، އޭނާގެ ބަޔާން ނެގުމަށްފަހު މިހާރު ދޫކޮށްލައިފައިވާ ކަމަށެވެ.
ނަމަވެސް މައްސަލަ އަދިވެސް ތަހުގީގުކުރަމުން އަންނަކަމަށް ފުލުހުން ބުންޏެވެ.
މީގެ ކުރިން "ސަން"އަށް މައުލޫމާތު ދެމުން އެ ކުއްޖާގެ ބައްޕަ ކުރިން ބުނީ، ހޯމަ ދުވަހު ހެނދުނު، ސްކޫލުގެ އިންޓަވަލް ގަޑީގައި އެ ކުއްޖާ ގެންގުޅުނު ފެންފުޅިން އެ ޓީޗަރުގެ ގައިގައި ޖެހުނު ކަމަށެވެ.
ފެންފުޅި ޖެހުމާއެކު، އެ ޓީޗަރު އައިސް އެ ކުއްޖާގެ އިނގިލީގައި ހިފައި ''ބާރަށް އަނބުރައިލީ'' ކަމަށް އޭނާ ބުންޏެވެ. ކުއްޖާގެ އިނގިލި ހުޅުން ނެއްޓުނީ އެހެންވެ ކަމަށާއި ހަމަ އެ ވަގުތު ޓީޗަރު އެ ކުއްޖާގެ އިނގިލީ ހުޅު އަޅުވައިދިން ނަމަވެސް، އޭގެ ފަހުން އަޅައި ނުލާކަމަށް ކުއްޖާގެ ބައްޕަ ބުންޏެވެ.
ސްކޫލުގެ ކަމާބެހޭ އެއްވެސް ފަރާތަކަށް ވެސް އެ ވާހަކަ ނާންގާ ކަމަށް ކުއްޖާގެ ބައްޕަ ތުހުމަތު ކުރެއެވެ.
ހާދިސާ ހިނގި ދުވަހު ފުލުހުން ބުނީ، އެ ދުވަހު ހެނދުނު 10:55ހާއިރު ތ. ކަނޑޫދު ސްކޫލްގެ ދަރިވަރެއްގެ އިނގިލި، އެ ސްކޫލުގެ ބިދޭސީ ޓީޗަރެއް ހިފައި އަނބުރާލައިގެން ހުޅުން ނައްޓުވައިލި މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި އެކުއްޖާއަށް ވޭމަންޑޫގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.
މި މައްސަލައިގައި އެޑިއުކޭޝަން މިނިސްޓްރީގެ ބަހެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.