ފުލިދޫން ރަށު ފެންވަރުގައި 'ޓޫ އޮފް އަސް'ގެ ކާމިޔާބީ ފާހަގަކޮށްފި

ޓޫއޮފްއަސް އިން ވ. ފުލިދޫއަށް ކުރި ދަތުރުގެ ތެރެއިން -- ފޮޓޯ: ޓޫއޮފްއަސް

މި ސަރަހައްދުގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި އެއް މިއުޒިކް މުބާރާތް ކަމަށްވާ އިންޑިއާގެ 'ބެޓްލް އޮފް ދަ ބޭންޑްސް އިންޓަނޭޝަނަލް'ގެ ދެވަނަ ރަނަރަޕްކަން ހޯދި ދިވެހި ބޭންޑް، 'ޓޫ އޮފް އަސް'ގެ ކާމިޔާބީ، ވ. ފުލިދޫން ފާހަގަކޮށްފިއެވެ.

'ޓޫ އޮފް އަސް'ގެ މި ކާމިޔާބީ އަކީ ދިވެހިރާއްޖޭގެ ލައިވް މިއުޒިކްގެ ތާރީޚުގައި އެންމެ ފާހަގަކޮށްލެވޭ އެއް ކާމިޔާބީއެވެ. މި ކާމިޔާބީ ފާހަގަ ކުރުމުގެ ގޮތުން މިދިޔަ ހުކުރު ދުވަހާއި ހޮނިހިރު ދުވަހު އޮލިމްޕަހުގައި ފޯރިގަދަ ލައިވް މިއުޒިކް ޝޯތަކެއް ވެސް ބާއްވާފައިވެއެވެ.

ޓޫއޮފްއަސް އިން ވ. ފުލިދޫއަށް ކުރި ދަތުރުގެ ތެރެއިން ރަށުގައި ދިރިއުޅޭ މީހުންނާއެކު މުނިފޫހި ފިލުވުމުގެ ހަރަކާތެއްގައި -- ފޮޓޯ: ޓޫއޮފްއަސް

މި ޝޯގައި އިންޑިއާގެ ބައެއް ފަންނާނުން ބައިވެރިވިއެވެ. އެގޮތުން ބެޓްލް އޮފް ދި ބޭންޑްގެ ހޮސްޓް ކެޓަން ސިންގްއާއި ޝިވޮހަމް ބޭންޑް ވެސް މި ޝޯއިން ބެލުންތެރިންނާ ބައްދަލުކުރިއެވެ.

މި ޝޯއަށްފަހު މިދިޔަ އާދިއްތަ ދުވަހު ފުލިދޫގައި ވަނީ ޓޫ އޮފް އަސްގެ ކާމިޔާބީ ފާހަގަކޮށްފައެވެ. ޓޫ އޮފް އަސް އާއެކު އިންޑިއާގެ ފަންނާނުން ވެސް ފުލިދޫއަށް ދިޔައެވެ.

ފުލިދޫގައި ޓޫ އޮފް އަސްގެ ކާމިޔާބީ ފާހަގަކުރީ ސަގާފީ ކުޅިވަރުން ރާއްޖޭގެ އެއްވަނަ ހޯދާފައިވާ އެ ރަށަށް ނިސްބަތްވާ ބްލޫ ސްޓާ ކްލަބާއި އެ ރަށުގެ ޕަބްލިކް ރެސްޓޯރަންޓެއް ކަމަށްވާ ކުނާ ކެފޭ އެންޑް ބިސްޓްރޯ ގުޅިގެންނެވެ.

ޓޫއޮފްއަސް އިން ވ. ފުލިދޫއަށް ކުރި ދަތުރުގެ ތެރެއިން، އިންޑިއާއިން އައި ޝޯގެ ޓީމު -- ފޮޓޯ: ޓޫއޮފްއަސް

ބޮޑު ބެރާއި ސަގާފީ ހަރަކާތްތަކުން ޓޫ އޮފް އަސްއަށް ފުލިދޫން ވަރަށް ހޫނު މަރުހަބާއެއް ކިޔައިފައި ވާއިރު، އިންޑިއާގެ ފަންނާނުންނަށް ރާއްޖޭގެ ސަގާފަތް ދައްކާލައިފައި ވެއެވެ.

މި ހަރަކާތާ ގުޅިގެން "ސަން"އަށް މައުލޫމާތު ދެމުން ކުނާ ކެފޭއިން ބުނީ، ޓޫ އޮފް އަސްގެ ފަންނާނުންނަކީ 'ބެޓްލް އޮފް ދި ބޭންޑްސް'ގައި ބައިވެރިވުމުގެ ކުރިން ވެސް ގަވާއިދުން އެ ރެސްޓޯރަންޓުގައި ޝޯ ދޭ ފަންނާނުންތަކެއް ކަމަށެވެ.

ޓޫއޮފްއަސް އިން ވ. ފުލިދޫއަށް ކުރި ދަތުރުގެ ތެރެއިން، ފުލިދޫއިން މަރުހަބާ ކިއުން -- ފޮޓޯ: ޓޫއޮފްއަސް

"އެހެންވީމާ އެމީހުންނަށް ލިބުނު ކާމިޔާބީ ފާހަގަކުރަން ބޭނުންވީ. އަދި އިންޑިއާގެ ފަންނާނުންނަށް ރާއްޖޭގެ ހަގީގީ ރީތިކަމާއި ސަގާފަތް ދައްކައިލުމަށް އެމީހުން ވެސް މި ހަރަކާތުގައި ބައިވެރި ކުރީ،" ކުނާ ކެފޭއިން ބުންޏެވެ.

މި ދަތުރުގައި ކުނާ ކެފޭ އަދި ބްލޫ ސްޓާ ކްލަބުން ވަނީ އިންޑިއާގެ ފަންނާނުންނަށް ވޯޓާ ސްޕޯޓްސް ތަޖުރިބާ ކުރުމުގެ ފުރުސަތު ވެސް ދީފައެވެ.

ކުރިއަށް އޮތް ބޮޑު އީދަށް ވެސް ޓޫ އޮފް އަސް އިން ވަނީ ފޯރިގަދަ ހަރަކާތްތަކެއް ރާވާފައެވެ.

comment ކޮމެންޓް