50 މިލިއަން ފޮލޯވަރުންނާ އެކު މި ޒުވާނުން އެންމެ އުހުގައި

ސޯޝަލް މީޑިއާގައި ބޮޑު މަގުބޫލުކަމެއް ހޯދަމުން އަންނަ ޖަންނަތު އަދި އަވްނީތު--ފޮޓޯ/ޕިންކްވިލާ

އިންޑިއާގެ މުނިފޫހިފިލުވުމުގެ ދާއިރާއިން މި ފަހުން އެއްވެސް ވަރަކަށް ނުފެންނަ މި ޒުވާނުންނަކީ ފިލްމީ ދުނިޔޭގެ އެންމެ ކާމިޔާބު ތަރިންނަށްވުރެ ބެލުންތެރިންގެ މެދުގައި މާ ބޮޑު މަޝްހޫރުކަމެއް ހޯދަމުން އަންނަ ޒުވާނުންނެވެ.

މި ލިސްޓުގެ އެންމެ ކުރިން ޖާގަ ހޯދާ މީހުންގެ ތެރޭ 23 އަހަރުގެ ޒުވާން ޓީވީ ބަތަލާ ޖަންނަތު ޒުބައިރު ރަހުމާނީ، އަވްނީތު ކައުރު އަދި ބައެއް ފިލްމުތަކުން ފެނިފައިވާ އީޝާ ގުޕްތާ ހިމެނެއެވެ.

ސޯޝަލް މީޑިއާގައި ބޮޑު މަގުބޫލުކަމެއް އޮންނަ ޖަންނަތު ޒުބައިރުގެ އިންސްޓަގްރާމް ފޮލޯވާސްގެ އަދަދު 50 މިލިއަނަށް އަރާފައިވާއިރު މިއީ ބޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ ޝާހްރުކް ޚާން އަދި އައިޝްވާރިޔާ ރާއީގެ އިންސްޓަގްރާމް ފޮލޮވާސްއަށް ވުރެ އެތައް ގުނަ މަތީ އަދަދެކެވެ.

ޖަންނަތު އަދި އަވްނީތު ހޮލީވުޑް އެކްޓަރު ޓޮމް ކްރޫޒްއާ އެކު--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

ޖަންނަތުގެ ބައޯގައި އޭނާއަކީ އެކްޓަރެއްގެ ގޮތުގައި ސިފަކޮށްފައިވީ ނަމަވެސް ބަތަލާ އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައިވަނީ 2018 ވަނަ އަހަރު ރިލީޒްކުރި ރާނީ މުކަރުޖީގެ ފިލްމު "ހިޗްކީ"ގެ ހާއްސަ ފެނިލުމަކުންނެވެ.

އޭރު ޖަންނަތުގެ އުމުރަކީ އެންމެ 16 އަހަރެވެ. ފުރާވަރަށް އެރުމަށް ފަހު އެއްވެސް ފިލްމަކުން އަދި ޑްރާމާ ސީރީސްއަކުން ޖަންނަތު ފެނިފައި ނެތް ނަމަވެސް ސޯޝަލް މީޑިއާ މެދުވެރިކޮށް ޑިޖިޓަލް ދުނިޔޭގައި ޖަންނަތުއަށް ލިބޭ މަޝްހޫރުކަމާ އެއްވަރަށް އޭނާ އަންނަނީ އާމްދަނީ ހޯދަމުންނެވެ.

ބޮލީވުޑް ބަތަލާ އީޝާ ގުޕްތާ--ފޮޓޯ/ޓެލެގްރާފްއިންޑިއާ

މި ފަހުން ގިނަ ބައެއްގެ ސަމާލުކަން ހޯދި ޗައިލްޑް އާޓިސްޓް އަވްނީތު ކައުރުއަކީ ވެސް މި ލިސްޓުން ޖާގަ ހޯދާފައިވާ ފަންނާނެކެވެ. ޢުމުރުން އެންމެ އަށް އަހަރުގައި ޓެލެވިޒަން މެދުވެރިކޮށް އެކްޓިން ކެރިއަރު ފެށި އަވްނީތު ލީޑް އެކްޓަރެއްގެ ގޮތުގައި ބެލުންތެރިންނަށް ފެނުނީ 2023 ވަނަ އަހަރު ރިލީޒްކުރި ފިލްމު "ޓިކޫ ވެޑްސް ޝެރޫ"އިންނެވެ.

ޖުމްލަ 32 މިލިއަން އިންސްޓަގްރާމް ފޮލޯވާސްއާ އެކު ލިބެމުން އަންނަ މަޝްހޫރުކަމުގެ ސަބަބުން ފިލްމުތަކުންނާއި ޑްރާމާ ސީރީސްތަކުން ފުރުސަތު ހޯދުމަކީ އަވްނީތުއަށް އެހާ މުހިއްމު ކަމެއް ނޫނެވެ.

ޖަންނަތުއާއި އަވްނީތުއަށް ސޯޝަލްމީޑިއާގައި ލިބިފައިވާ ސަމާލުކަމާއި މަޝްހޫރު ކަމުގެ ސަބަބުން ދާދި ފަހުން ބޭއްވި ހޮލީވުޑް ފިލްމު "މިޝަން އިމްޕޮސިބަލް 8"ގެ ޕްރީމިއާގައި ބައިވެރިވި ފިލްމުގެ ލީޑް އެކްޓަރު ޓޮމް ކްރޫޒްއާ ބައްދަލުކުރުމުގެ ފުރުސަތު ވެސް މި ދެ ޒުވާނުންނަށް ވަނީ ލިބިފައެވެ.

ޖަންނަތުއާއި އަވްނީތު ހިމެނިފައިވަނީ އެ ދައުވަތު ލިބުނު ހަމައެކަނި އިންޑިއާގެ ތިން މީހުންގެ ތެރެއިންނެވެ. އިންޑިއާގެ އޭ-ލިސްޓު ތަރިންގެ އިތުރުން އެއްވެސް ނޫސްވެރިއަކަށް ވެސް މި ޕްރީމިއާގައި ބައިވެރިވުމުގެ ދައުވަތު ލިބިފައެއް ނުވެއެވެ.

މި ލިސްޓުން ޖާގަ ހޯދާފައިވާ ބަތަލާ އީޝާ ގުޕްތާގެ އިންސްޓަގްރާމް ފޮލޮވާސްގެ އަދަދު 19 މިލިއަނަށް އަރާފައިވާއިރު އީޝާ އެންމެ ފަހުން ފިލްމަކުން ފެނިފައިވަނީ 2019 ވަނަ އަހަރެވެ. އެހެންނަމަވެސް، އިންސްޓަގްރާމްގެ އިތުރުން ސޯޝަލް މީޑިއާ އެހެނިހެން ޕްލެޓްފޯމްތަކުން ލިބެމުން އަންނަ މަޝްހޫރުކަމާ އެކު އީޝާއަށް އާމްދަނީ ލިބޭނެ މަގުތައް ވަނީ ފަހިވެފައެވެ.

އެކަމަށް ކޮންމެހެން ބޮޑު ފިލްމެއް ނުވަތަ ޑްރާމާ ސީރީސްއެއްގައި މަސައްކަތް ކުރުން މުހިއްމެއް ނޫނެވެ.

comment ކޮމެންޓް