ބަންޑާރަނައިބު (އޭޖީ) އޮފީހަށް ޑެޕިއުޓީ އޭޖީއަކު އައްޔަނުކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ގޮތަށް އޭޖީ އޮފީހުގެ ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފިއެވެ.
މި ބިލު މަޖިލީހުން ފާސްކުރީ މި މަހުގެ 15ވަނަ ދުވަހެވެ.
ބިލުގައިވަނީ އޭޖީ އޮފީސް ސިވިލް ސާވިސްއިން ވަކިކޮށްފައެވެ. މި ބިލު ތަސްދީގު ކުރެއްވުމާއެކު އޭޖީ އޮފީހުގެ ގާނޫނު ވުޖޫދުވީއެވެ.
މި ގާނޫނަށް އަމަލުކުރަން ފަށާނީ މިއަދުން ފެށިގެން ތިން މަސްދުވަސް ހަމަވާ ތާރީޚުން ފެށިގެންނެވެ.
އޭޖީ އޮފީހުގެ ގާނޫނަކީ ގާނޫނު އަސާސީން އޭޖީއަށް މަތިކޮށްފައިވާ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމުގައި އެހީތެރިވެދޭނެ ދައުލަތުގެ ވަކީލުންނާއި އެ އޮފީހުގެ މުވައްޒަފުންނާ ގުޅޭ، ހިންގުމުގެ އޮނިގަނޑު ގާއިމްކޮށްދޭ ގާނޫނެކެވެ.
މި ގާނޫނުގައި ހިމެނޭ ބައެއް މުހިންމު ކަންކަން
- އޭޖީގެ ލަފާގެ މަތިން ޑެޕިއުޓީ އޭޖީއަކު ރައީސުލްޖުމްހޫރިއްޔާ އައްޔަނު ކުރުން
- އެ އޮފީހުގެ މުވައްޒަފުން ދެ ގިންތިއަކަށް ބެހުން (އެއީ ލީގަލް ސާވިސް އަދި އެޑްމިނިސްޓްރޭޓިވް ސާވިސް)
- އެ އޮފީހުގެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް، ނެޝަނަލް ޕޭ ކޮމިޝަނުން ކަނޑައަޅާ ހަމަތަކެއްގެ މަތިން ފިނޭންސް މިނިސްޓްރީން ކަނޑައެޅުން
- މަގާމުތަކުގެ އޮނިގަނޑު އެކުލަވައިލާތާ 30 ދުވަހުގެ ތެރޭގައި މުސާރައިގެ އޮނިގަނޑު އެކުލަވައިލުން
- އުމުރުން 55 އަހަރުވުމުން އެ އޮފީހުގެ މުވައްޒަފުންނަށް ރިޓަޔާ ކުރުމުގެ އިޚްތިޔާރުދިނުން
އޭޖީ އޮފީހުން މިއަދު ބުނީ، މި ގާނޫނަށް އަމަލުކުރަން ފެށުމުން، އެ އޮފީސް ހިންގުމުގެ ނިޒާމަށް ބައެއް ބަދަލުތައް ގެނައުމަށް ނިންމާފައިވާ ކަމަށެވެ. އެ ކަމާގުޅޭ އިސްލާހުތައް އެކުލަވާލައި، އަންނަ މަހު، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށް އެ އޮފީހުން ބުންޏެވެ.
އެ ބަދަލުތަކުގެ ތެރޭގައި ހިމެނޭ ބައެއް ކަންކަން
- އޭޖީ އޮފީސް އެކުލެވިގެންވާ ގޮތާ ގުޅޭ ގޮތުން ގާނޫނުގައި ބަޔާންކޮށްފައި އުސޫލުތައް
- މަސްއޫލިއްޔަތުގެ ގޮތުގައި ކަނޑައަޅާފައިވާ ބައެއް ކަންކަން ބަދަލުކުރުން
- މުވައްޒަފުންގެ އޮނިގަނޑު އެކުލަވައިލުމުގައި ރައީސް އޮފީހުގެ ދައުރެއް އޮންނަހެން ހަމަޖެއްސުން
- މުސާރައާއި އިނާޔަތްތަކާއި ރިޓަޔަކުރުމުގެ އުސޫލުތައް ހަމަޖެއްސުމަށް ބައެއް އިސްލާހުތައް ގެނައުން
އޭޖީ އޮފީހުގެ މަސައްކަތްތައް ރޭވިފައިވާގޮތާއި ހިންގުމާގުޅޭ އުސޫލުތަކާއި މުވައްޒަފުންގެ ކަނޑައެޅުމަށް ޤާނޫނީ އޮނިގަނޑެއް އެކުލަވައިލުމަކީ ވެސް މި ގާނޫނުގެ އެއް ބޭނުމެވެ.
ޤާނޫނުއަސާސީގައި އޭޖީ އޮފީސް މިނިވަންތަނެއްގެ ގޮތުގައި ބަޔާންކޮށްފައި އޮތަސް، މިހާތަނަށް އެ ތަން ހިންގަމުން އައީ ސިވިލް ސާވިސްގެ ދަށުންނެވެ. ނަމަވެސް މިނިވަން ތަންތަނުގެ ގޮތުގައި ގާނޫނުގައި ކަނޑައަޅާފައިވާ މުއައްސަސާތައް ހިންގަނީ ވަކި ގާނޫނުތަކެއްގެ ދަށުންނެވެ.
ހަމަ އެ ގޮތަށް 2021ވަނަ އަހަރު އަމަލުކުރަން ފެށި ފޮރިން ސާވިސް ގާނޫނާއެކު، ފޮރިން މިނިސްޓްރީ ވެސް ވަނީ ސިވިލް ސާވިސްގެ ދަށުން ވަކިކޮށްފައެވެ.