ސިޔާސީ މަގާމެއް ފުރުއްވި ޝަހީދު، ފަނޑިޔާރަކަށް އައްޔަން ކުރުން ހުއްޓުވަން އެދިފައިވަނިކޮށް ހުވާކުރަން ތާވަލްކޮށްފި

ހައިކޯޓަށް ނެގި ޝަހީދު، ރައީސް ޑރ. މުއިއްޒުއާއެކު

ވެރިކަންކުރާ ޕީއެންސީގެ ސިޔާސީ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވި، އަދި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން މި ފަހަކާ ޖެހެންދެން ކުރެއްވި މުހައްމަދު ޝަހީދު ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރުން މަޑުޖައްސާލުމަށް އެދި ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅާފައިވަނިކޮށް، ހައިކޯޓުގެ ފަނޑިޔާރުން މާދަމާ ރޭ ހުވާ ކުރަން ހަމަ ޖައްސައިފިއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ޝަހީދު ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަންކުރަން ނިންމީ، ހައިކޯޓުން ހުސްވެފައިވާ ދެ ފަނޑިޔާރުންގެ މަގާމަށް ކުރިމަތިލީ 18 މީހުންގެ ތެރެއިންނެވެ. ހައިކޯޓުގެ ފަނޑިޔާރުކަމަށް، ޝަހީދާ އެކު ދެން އައްޔަންކުރަން ޖޭއެސްސީން ނިންމީ ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަބްދުﷲ ޖަމީލް މޫސާއެވެ.

https://www.sun.mv/209320

މި ދެ މީހުންގެ ތެރެއިން ޝަހީދު، ހައިކޯޓަށް އައްޔަން ކުރުން ހުއްޓުވައި ދިނުމަށް ކޯޓުގައި އަމުރަކަށް އެދުނީ ދައުލަތުގެ ވަކީލެއް ކަމަށްވާ، ސީނިއާ ޕަބްލިކް ޕްރޮސިކިއުޓާ އަހްމަދު ނައުޝާދުއެވެ. ނައުޝާދަކީވެސް ހައިކޯޓަށް ކުރިމަތިލީ މީހެކެވެ.

މި މައްސަލަ ކޯޓަށް ހުށަހަޅާފައިވަނިކޮށް، ޖޭއެސްސީން ނިންމާފައިވަނީ މާދަމާ ރޭ ހައިކޯޓުގެ ފަނޑިޔާރުން ހުވައި ކުރާށެވެ. ހައިކޯޓުގެ ފަނޑިޔާރުން ހުވައި ކުރުން ބާއްވަން ނިންމާފައިއޮތީ މާދަމާ ރޭ ސުޕްރީމް ކޯޓުގައެވެ.

ޝަހީދު ހައިކޯޓަށް އައްޔަން ކުރުން ހުއްޓުވަން ކޯޓަށް ހުށަހެޅި ނައުޝާދު ވިދާޅުވީ، ހައިކޯޓުގެ ފަނޑިޔާރު ކަމަށް މިހާރު ވެސް ފަނޑިޔާރުކަން ކުރައްވާ، އަދި ތައުލީމަށް ބަލާއިރު ގާބިލު ބަޔަކު ތިއްބާ ޝަހީދު އައްޔަންކުރަން ނިންމި ނިންމުމަކީ ބޭއިންސާފެއް ކަމަށެވެ.

"ކުރިމަތިލާފަ ތިބި މީހުންގެ ތައުލީމާއި ތަޖުރިބާއަށް ބަލާއިރުގަ މިކަންކަން މިގޮތަށް އޮތީމަ އަޅުގަނޑަށް ގަބޫލުކުރެވެނީ މިއީ ވަރަށް ބޮޑު ބޭއިންސާފެކޭ، އެހެންވީމަ އަޅުގަނޑު [ސިވިލް ކޯޓަށް] ހުށަހެޅީ،" ނައުޝާދު "ސަން"އަށް ވިދާޅުވިއެވެ.

ޝަހީދަކީ މިދިޔަ ރިޔާސީ އިންތިހާބު އަދި އޭގެ ފަހުން އޮތް މަޖިލިސް އިންތިހާބުގައި ވެސް މިހާރު ވެރިކަން ކުރާ ޕީއެންސީއަށް ވަރުގަދައަށް ކެމްޕެއިން ކުރެއްވި ބޭފުޅެކެވެ. އަދި ހޯމް މިނިސްޓްރީގެ ނައިބު ކަމުގެ މަގާމުގައި ހުންނަވައިގެން، ސަރުކާރު ދިފާއު ކުރުމުގައި އެކިއެކި ޕްލެޓްފޯމްތަކުގައި ވަރުގަދައަށް ވަކާލާތު ކުރެއްވި ސިޔާސީ ބޭފުޅެކެވެ.

https://www.sun.mv/209329

ރައީސް މުއިއްޒުގެ އެންމެ ބޮޑެތި ވައުދުތަކުގެ ތެރޭގައި ޝަރުއީ ދާއިރާއަށް ނުފޫޒު ނުފޯރުވުން ހިމެނެއެވެ. ނަމަވެސް ސަރުކާރުގެ މަސްލަހަތު ވަރަށް ބޮޑަށް އޮތް ދުސްތޫރީ މައްސަލައެއް ބަލަމުން ދަނިކޮށް, ކުއްލި ގޮތަކަށް ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ވަކި ކުރި ކުރުމާއެކު ވެސް ޝަރުއީ ދާއިރާއަށް ސަރުކާރުގެ ނުފޫޒު ވަރަށް ބޮޑަށް ފޯރުވާ ކަމުގެ އަޑުތައް ވަނީ އިތުރުވެފައެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުން ހުސްނުއްސުއޫދު ވަކި ކުރިއިރު މި ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ގިނަ ބޭފުޅުން އެންމެ ބޮޑަށް ދެއްކެވި ވާހަކައަކީ ސުއޫދަކީ ކުރިން އެމްޑީޕީގައި އުޅުއްވި ބޭފުޅެއް ކަމަށެވެ. އަދި ސިޔާސީ ހަރަކާތްތަކުގައި އުޅުއްވާފައިވާ ބޭފުޅުން ފަނޑިޔާރުންގެ މަގާމުގައި ތިބެގެން ނުވާނެ ކަމަށް މި ސަރުކާރުގެ އިސް ބޭފުޅުން އޭރު ވިދާޅުވިއެވެ.

comment ކޮމެންޓް