މުހިންމު މާކެޓުތަކުގައި، ސަމާ ޓްރެވަލްއަށް ޚާއްސަ ކެމްޕޭންތަކެއް އެމްއެމްޕީއާރްސީން ފަށައިފި

ސަމާ ޓްރެވަލްއަށް ޚާއްސަކޮށް، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)އިން ބޮޑެތި މާކެޓުތަކުގައި ސަމާ ސޭލް ކެމްޕެއިންތަކެއް ފަށައިފިއެވެ.

އެމްއެމްޕީއާރުސީން ބުނީ، މި ކެމްޕެއިންތަކުގެ އަމާޒަކީ ރާއްޖޭގެ ބްރޭންޑު ވިޒިބިލިޓީ އިތުރުކުރުމާއި ފަތުރުވެރިން ޒިޔާރަތްކުރާ މިންވަރު އިތުކުރުން ކަމަށެވެ.

އެމްއެމްޕީއާރުސީން އެންމެ އިސްކަންދެނީ އިނގިރޭސި ވިލާތުގައި މި ކެމްޕެއިންތައް ފެށުމަށެވެ. އެގޮތުން، އެ ގައުމުގައި ރާއްޖެ ޕްރޮމޯޓުކުރުމަށް ޓެކްސީ އެޑް ކެމްޕެއިނެއް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.

އިތުރަށް ހިންގާ އަދި ރާވާފައިވާ ކެމްޕެއިނުތައް:

  • ސީއައިއެސްއާއި ރަޝިއާގައި ޖޮއިންޓް ޕްރޮމޯޝަނަލް ކެމްޕެއިންތައް
  • ރިސޯޓް ލައިފްއާ ގުޅިގެން ރާއްޖޭގެ ހަނދާން ނައްތާނުލެވޭ ފަދަ ތަޖުރިބާތައް ދައްކުވައިދޭ ޓާގެޓެޑް ކެމްޕެއިންތައް
  • ބީ2ބީ އަދި ބީ2ސީ އޯޑިއެންސަށް އަމާޒުކޮށްގެން ޖަރުމަނުގައި ރާއްޖެ ޕްރޮމޯޓުކުރުމަށް ކެމްޕެއިނެއް
  • އިޓަލީގައި ޖޮއިންޓް ޕްރޮމޯޝަނަލް ކެމްޕެއިނެއް
  • ޖަރުމަނުގައި ރާއްޖެއަށް ބުކިން އިތުކުރުމުގެ މަގުސަދުގައި ކެމްޕެއިނެއް
  • ޕޮލެންޑުގައި ވިޒިބިލިޓީ އިތުރުކުރުމަށް ކެމްޕެއިނެއް

އެމްއެމްޕީއާރުސީން ބުނީ، އެ ކެމްޕެއިންތަކުގެ އިތުރުން، ހޫނު މޫސުމުގެ ބުކިންތައް އިތުރުކުރުމަށް އިންޑިއާ މާކެޓަށް ގިނަ ހަރަކާތްތަކެއް ރާވާފައިވާ ކަމަށެވެ. އޭގެ ތެރޭގައި، ޑިޖިޓަލް އެކްޓިވޭޝަންތަކާއި ޕްރޮމޯޝަންތަކާއި ޓްރޭޑް އެންގޭޖުމަންޓު ހިމެނޭ ގޮތަށް ކުރިއަށް ގެންދާ ކެމްޕެއިންތައް ހިމެނެއެވެ.

އެމްއެމްޕީއާރުސީން ސަމާ ސޭލް ކެމްޕޭނުތައް ކުރިއަށް ގެންދަނީ އެކެމްޕެއިންތަކަށް އެހީތެރިވުމަށް ކަމަށް ބުނެއެވެ.

މި ކެމްޕެއިނާ ގުޅިގެން އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝިއުރީ ވިދާޅުވީ، މިއީ މުހިންމު މާކެޓުތަކުގައި ރާއްޖޭގެ ޕްރެޒެންސް އިތުރަށް ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ކުރިއަށްދާ ކެމްޕެއިންތަކެއް ކަމަށެވެ.

"މި ކެމްޕޭނާ އެކު ރާއްޖެއަށް މި ދުވަސްކޮޅު އަންނަ ފަތުރުވެރިން އިތުރުކުރުމަށާއި ދިގު މުއްދަތެއްގެ ކުރިއެރުން ހޯދުމަށް ލިބޭ ފުރުސަތު ވަރަށް ބޮޑު ކަމަށް ފެނޭ" ޝިއުރީ ވިދާޅުވިއެވެ.

އޭގެ އިތުރުން، މި ހަރަކާތްތަކީ ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމަށާއި ރާއްޖޭގެ ހޫނު މޫސުމުގެ ހުށަހެޅުންތައް ދައްކާލައި، ފިނި މޫސުމަށް އަވަހަށް ބާރުއެޅުމުގެ މަގުސަދުގައި ކުރިއަށްގެންދާ ހަރަކާތްތަކެއް ކަމަށް އެމްއެމްޕީއާރުސީން ވަނީ ބުނެފައެވެ.

comment ކޮމެންޓް