ސްކޫލުތަކުގެ ކިޔެވުން މެދުކަނޑައިލައި ކުދިން ގެއަށް ފޮނުވައިލައިފި

މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑުމާއެކު މާލެއާއި ހުޅުމާލޭގެ ސްކޫލުތަކުގެ ކިޔެވުން މެދުކަނޑައިލައި ކުދިން ގެއަށް ފޮނުވައިލައިފި ---

މުޅި މާލެއާއި، ހުޅުމާލެއިން ކަރަންޓު ކެނޑުމާއެކު މި ތަންތަނުގެ ސްކޫލުތަކުގެ ކިޔެވުން މެދުކަނޑައިލައި، ދަރިވަރުން ގެއަށް ފޮނުވައިލައިފިއެވެ.

ކަރަންޓު ކެނޑުނީ މިއަދު މެންދުރުފަހު 12:30 ހާއިރެވެ. އެއީ ސްކޫލު ދަރިވަރުންގެ، މެންދުރުފަހު ސެޝަން ފެށޭ ވަގުތެވެ. އޭގެ ފަހުން މިހާރު ދެގަޑިއިރެއްހާއިރު ވާން ގާތްވެފައިވާއިރު އަދިވެސް ކަރަންޓު ނާދެއެވެ.

އެހެންވެ، ސްކޫލުތަކުގައި ކިޔަވައިދިނުމުގެ ބަދަލުގައި، ކުދިން ގެއަށް ފޮނުވައިލީއެވެ.

ކުއްލި ގޮތަކަށް މުޅި، މާލެއާއި ހުޅުމާލެއިން ކަރަންޓު ދިޔުމާއެކު ހޮސްޕިޓަލްތައް ފަދަ މުހިންމު ތަންތަނުން ވެސް ކަރަންޓު ދިޔައެވެ. ކަރަންޓު ކެނޑުނު ތަންތަނުގެ ތެރެއިން އެންމެ އިސްކަމެއް ދީގެން އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލަށް މިހާރު ކަރަންޓު ދިން ކަމަށް ސަރުކާރުން ބުންޏެވެ.

މި ކަން ސީރިއަސް މައްސަަލައެއްގެ ގޮތުގައި ބަލަން ވެސް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ އަންގަވައިފައެވެ.

https://sun.mv/206755

"އަދި މިފަދަ ކަމެއް ތަކުރާރު ނުވާނޭހެން ކަރަންޓުގެ ޚިދުމަތުގެ ކަންކަން އިންތިޒާމް ކުރަން ކުރަންޖެހޭ ހުރިހާ ކަމެއް ސަރުކާރުން ކުރާނެ ވާހަކަ ދަންނަވަން," ރައީސްގެ ޕޯސްޓުގައިވެއެވެ.

މި ކަމާ ގުޅިގެން ފުލުހުން ވެސް އަންނަނީ، ޚާއްސަ ތަހުގީގެއް ހިންގަމުންނެވެ.

comment ކޮމެންޓް