މިދިޔަ އަހަރު ގިނަ ބައެއްގެ މެދުގައި ވާހަކަ ދެކެވުނު ޑްރާމާ ފިލްމު "ކަމަނާ"ގެ ޓީމުން "ކަނބުލޮ"ގެ ނަމުގައި އާ ފިލްމެއް ނެރުމަށް ތައްޔާރުވެއްޖެއެވެ.
މިދިޔަ އަހަރު ނެރުނު ފިލްމު ކަމަނާ އަކީ ހަގީގީ ވާހަކަތަކަކަށް ބިނާކޮށް ގެނެސްދިން ޑްރާމާ ފިލްމެކެވެ. ކިޑް ޕްރޮޑަކްޝަން އަދި ސެޓާން ސްޓޫޑިއޯސް އިން ގެނެސްދިން ކަމަނާ އަކީ ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ހޯދި އަދި ގިނަ ބަޔަކު ރޮއްވާލި ފިލްމެކެވެ.
އެ ޓީމުން މި ފަހަރު ވެސް މަސައްކަތް ކުރަނީ އެފަދަ ފިލްމެއް ނެރުމަށެވެ. އަލަށް ނެރުމަށް ހަމަޖެހިފައިވާ ފިލްމު ކަނބުލޮ އަކީ ގެވެށި އަނިޔާއާއި ކުޑަކުދިންނަށް ކުރަމުންދާ ގޯނާތަކުގެ މައްޗަށް އަލިއަޅުވާލާ ފިލްމެކެވެ.
މި ފިލްމަކީ ރާއްޖޭގެ މަޝްހޫރު ވާހަކަ ލިޔުންތެރިޔާ ޔަޝްފާ އަބްދުލްޣަނީ 2009 ވަނަ އަހަރު ނެރުނު ވާހަކަ ކަމަށްވާ "ޔުކްތާ" އަށް ބިނާކޮށް ތައްޔާރު ކުރާ ފިލްމެކެވެ. ޔުކްތާ އަކީ 2009 ވަނަ އަހަރުގެ ވާހަކަ މުބާރާތުން އެންމެ މޮޅު ވާހަކައަށް ހޮވުނު ވާހަކައެވެ.
މި ވާހަކައަށް ބިނާކޮށް ތައްޔާރުކުރާ ފިލްމުގެ ސްކްރީންޕްލޭ ތައްޔާރު ކުރާނީ މަހުދީ އަލީއެވެ. އަލީ ޝާނިޒް މުހައްމަދު އަދި ހުސެން މުނައްވަރު ޕްރޮޑިއުސްކުރާ މި ފިލްމުގެ މަސައްކަތްތައް ވަނީ މިހާރު ފަށާފައެވެ.
މި ފިލްމުގެ ކާސްޓުންގެ ގޮތުގައި ހިމެނެނީ އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ) އާއި މަރިޔަމް އައްޒަ އާއި އަހުމަދު ނިމާލްގެ އިތުރުން ޝީލާ ނަޖީބާއި އަހުމަދު އީސައާއި ވާޝިއާ މުހައްމަދާއި، މަރިޔަމް ޝަކީލާއެވެ.
ކަމަނާ ފިލްމުގައި ވެސް މި ފިލްމުގެ ކާސްޓުގެ ބައެއް އެކްޓަރުން ވަނީ ފެނިގެން ގޮސްފައެވެ.
އަލަށް ނެރުމަށް ހަމަޖެހިފައިވާ ކަނބުލޮ ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ އޯގަސްޓު 31 ގައެވެ. މި ފިލްމު ޕްރިމިއާ ކުރާނީ އޮލިމްޕަހުގައެވެ.