މައްކާގެ ހަރަމްފުޅުގައި މި އަހަރުގެ އަޟްހާ އީދު ނަމާދު އިމާމުވެ ކުރައްވައި އީދު ޚުތުބާ ދެއްވާނީ ޝައިޚް މާހިރު އަލް މުއައްޤުލީ ކަމަށް ދެ ހަރަމްފުޅު ބަލަހައްޓާ އިދާރާއިން ބުނެފިއެވެ.
އީދު ނަމާދުކުރަން ހަމަޖެހިފައި ވަނީ ހުކުރު ދުވަހުގެ ހެނދުނު ސައުދީ ގަޑިން 5:52 ގައެވެ.
އީދު ނަމާދު ކުރާއިރު، ހައްޖުގެ އެއް ރުކުން ކަމަށްވާ ތަވާފުލް އިފާދާ އަދާކުރުމަށް އަޟްހާ އީދުގެ ފުރަތަމަ ދުވަހުގެ ހެނދުނުން ފެށިގެން ހަރަމްފުޅުގައި ހައްޖުވެރިން އެއްވެ ތިބޭނެއެވެ.
އަރަފާތު ދުވަހުގެ ނަމާދާއި ޚުތުބާ ދެއްވާނީ ސައުދީގެ އިލްމުވެރިންގެ މަޖިލީހުގެ މެންބަރު އަދި މަޝްހޫރު އިލްމުވެރިޔާ ޝެއިޚް ޞާލިހް ބިން ހުމައިދު އައްޔަން ކަމަށް ވެސް ސައުދީން ވަނީ އިއުލާނުކޮށްފައެވެ.
ޝެއިޚް އަލް މުޢައްޤްލީ ހަރަމްފުޅުގައި އެންމެ ފުރަތަމަ އިމާމުވެ ނަމާދުކުރައްވަން ފެއްޓެވީ 2007 ވަނަ އަހަރު ރަމަޟާން މަހެވެ. އޭގެ ކުރިން 2005 ވަނަ އަހަރާއި 2006 ވަނަ އަހަރު މަދީނާގައި ހުންނަ ކީރިތި ރަސޫލާގެ މިސްކިތް ކަމަށްވާ މަސްޖިދުއް ނަބަވީގައި އިމާމުވެ ނަމާދު ކުރެއްވިއެވެ.