މަޝްރޫއުތަކަށް ކުރި ހޭދަ މިދިޔަ އަހަރަށްވުރެ ދެ ބިލިއަން ދަށަށް

ތިލަފުށީގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދަނީ: މަޝްރޫއުތަކަށް ކުރި ހޭދަ މިދިޔަ އަހަރަށްވުރެ ދެ ބިލިއަން ދަށަށް ގޮސްފި --- ފޮޓޯ/ އާބަންކޯ

ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަޝްރޫއުތައް ނުހިނގާ ކަމުގެ ޝަކުވާ އާންމު ރައްޔިތުން ކުރަމުން އަންނައިރު، މި އަހަރުގެ ފުރަތަމަ ފަސް މަސް ނިމުނުއިރު، ޕީއެސްއައިޕީ ޕްރޮޖެކްޓުތަކަށް ހޭދަކުރި ވަރު މިދިޔަ އަހަރަށް ވުރެ ދެ ބިލިއަން ރުފިޔާ މަދުކަމަށް، ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މި އަހަރުގެ ބަޖެޓުގައި ޕީއެސްއައިޕީ މަޝްރޫއުތަކަށް 12.4 ބިލިއަން ރުފިޔާ ހިނގާނެ ކަމަށް ލަފާކޮށްފައިވެއެވެ. ނަމަވެސް ފިނޭންސް މިނިސްޓްރީން ހަފުތާއަކު އެއްފަހަރު އާންމުކުރާ ތަފާސްހިސާބުން ދައްކާ ގޮތުގައި މިދިޔަ މެއި މަހުގެ 29ގެ ނިޔަލަށް އެފަދަ މަޝްރޫއުތަކަށް ހޭދަކޮށްފައި ވަނީ 1،451.1 މިލިއަން ރުފިޔާ ނުވަތަ 1.4 ބިލިއަން ރުފިޔާއެވެ.

މިދިޔަ އަހަރު އެ މުއްދަތުގައި ޕީއެސްއައިޕީ މަޝްރޫއުތަކަށް 3،626.5 މިލިއަން ރުފިޔާ ނުވަތަ 3.6 ބިލިއަން ރުފިޔާއެވެ.

މިއަހަރު ޕީއެސްއައިޕީ ޕްރޮޖެކްޓުތަކުގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކޮށްފައި ވަނީ ލަފާފުރުމުގެ ދަތިކަން ހައްލުކުރުމާ ގުޅޭ އެކިއެކި މަޝްރޫއުތަކަށެވެ. އެފަދަ މަޝްރޫއުތަކަށް 811.1 މިލިއަން ރުފިޔާ ޚަރަދުކުރި ނަމަވެސް މިދިޔަ އަހަރުގެ އެ މުއްދަތުގައި އެފަދަ ޕްރޮޖެކްޓުތަކަށް ވެސް 1،068.5 މިލިއަން ރުފިޔާ ޚަރަދުކުރިއެވެ.

އަމީނީމަގުގަ ތާރުއެޅުން -- ފޮޓޯ/އެމްޓީސީސީ

ތަފާސްހިސާބުތައް އާއްމުކުރުމަށްފަހު ފިނޭންސް މިނިސްޓްރީން ބުނީ މަޝްރޫއުތަކަށް ކުރާ ހޭދަ ކުޑަވީ، ޕީއެސްއައިޕީއާ ގުޅޭ ތަފާތު އެކި ސިޔާސަތުތައް ހަރުދަނާކުރުމަށް މި އަހަރުގެ ތެރޭގައި ސަރުކާރުން ކުރަމުންދާ ގިނަ މަސައްކަތްތަކުގެ ސަބަބުން ކަމަށެވެ.

ތަރައްގީގެ މަޝްރޫއުތައް ރާއްޖޭގެ އެކި ހިސާބުތަކުގައި ނުހިނގާ ކަމުގެ ކަންބޮޑުވުމަކީ މި ސަރުކާރު އައުމަށްފަހު ވެސް މިއަދާ ހަމައަށް ވެސް އޮތް ކަންބޮޑުވުމެކެވެ.

މި ސަރުކާރުން މިދިޔަ އަހަރު ރަށްރަށުގައި ކުރިއަށް ގެންދަންޖެހޭ މަޝްރޫއުތައް ކުރިއަށް ނުގެންދެވުނީ، އޭރު އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުން ފާސްކުރި 2024 ވަނަ އަހަރުގެ ބަޖެޓުގައި 'ޖެއްސުން ކޮށްފައި' އޮތުމުން ކަމަށް ބުނެފައިވެއެވެ. އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުން އޭރު ފާސްކުރި ބަޖެޓުގައި މަޝްރޫއުތަކާ އެކަށީގެންވާ ވަރަށް ފައިސާ ޖަހާފައި ނެތް ކަމަށާއި، ބައެއް މަޝްރޫއުތަކަށް ބޭނުންވާ ވަރަށް ވުރެ އިތުރަށް ވެސް ބަޖެޓުގައި ފައިސާ ޖަހާފައި ހުރުމުން މަޝްރޫއުތައް ކުރިއަށް ގެންދަން ދަތިވީ ކަމަށް ސަރުކާރުން ދިޔައީ ބުނަމުންނެވެ.

ނަމަވެސް މިހާރު އޮތް 20 ވަނަ މަޖިލީހުގައި ޕީއެންސީގެ ސުޕަ މެޖޯރިޓީން ފާސްކުރި ބަޖެޓާއެކު ވެސް އަދި މަޝްރޫއުތައް އުޅެނީ ރަނގަޅަށް ހިނގައި ނުގަންނަކަމަށް ބުނެ އިދިކޮޅު އެމްޑީޕީގެ މެންބަރުންގެ ފާޑު ކިޔުން އަންނަނީ އަމާޒުވަމުންނެވެ.

ފުށިދިއްގަރު ފަޅު ހިއްކަން ފެށުން -- ފޮޓޯ/ ރައީސް އޮފީސް

ހަމައެއާއެކު އަމިއްލަ ކުންފުނިތަކަށް މަޝްރޫއުތައް ހަވާލު ކުރުމުގެ ބަދަލުގައި، ސަރުކާރު ހިއްސާވާ ކުންފުނިތަކަށް މަޝްރޫއުތައް ދިނުމުގެ ކަންބޮޑުވުން ވެސް އިދިކޮޅުން ދަނީ ފާހަގަކުރަމުންނެވެ. އޭގެ ސަބަބުން ޕްރައިވެޓް ސެކްޓާއަށް ގެއްލުންވާނެ ކަމަށާއި، ސަރުކާރުން އެކަމަށް މާ ބޮޑު އަޅާލުމެއް ނުދޭކަމަށް އިދިކޮޅު ފަރާތްތަކުންނާއި ވިޔަފާރިވެރިން ބުނެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އެކަށީގެންވާ ވަރަށް ފައިސާ ނުލިބުމުގެ ސަބަބުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ބިން ހިއްކުމާއި އިމާރާތްކުރުމުގެ ޕްރޮޖެކްޓުތަކުންނާއި، އެ ކުންފުނީގެ ވިޔަފާރިން ލިބުނު އާމްދަނީއާއި ފައިދާ ވެސް ވަނީ ދަށްވެފައެވެ.

އެމްޓީސީސީގެ އަހަރީ ރިޕޯޓުން ދައްކާ ގޮތުގައި މިދިޔަ އަހަރު އެ ކުންފުންޏަށް ޖުމްލަ އާމްދަނީގެ ގޮތުގައި 2،157 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 33 އިންސައްތަ ދަށް އަދަދެކެވެ. ބިން ހިއްކުމާއި އިމާރާތްކުރުމުން ލިބުނު އާމްދަނީ ވަނީ 37 އިންސައްތަ ދަށަށް ގޮސްފައެވެ. ދަށަށް ދިއުމުގެ މައިގަނޑު ސަބަބަކީ ޕްރޮޖެކްޓްތަކަށް ފައިސާ ލިބުން ލަސްވުން ކަމަށް އަހަރީ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒު -- ފޮޓޯ/ މޯލްޑިވްސް 2.0

ކަން އެހެން އޮއްވައި، އުމްރާނީ ތަރައްގީ ހާސިލުކުރުމަށް 'އިންފްރާންސްޓަކްޗާ ޑިވެލޮޕްމަންޓް ސޮލިއުޝަން ކޮމްޕެނީ ލިމިޓެޑް'ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ މިދިޔަ ހުކުރު ދުވަހު އުފައްދަވައިފައެވެ. އަދި "ގްރޭޓާ މާލެ ފައިނޭންޝަލް ޑިސްޓްރިކްޓް ލިމިޓެޑް"ގެ ނަމުގައި މާލީ ދާއިރާ ކުރިއެރުވުމަށް ވެސް ސަރުކާރުގެ ކުންފުންޏެއް އެމަނިކުފާނު ވަނީ މިިދިޔަ އާދިއްތަ ދުވަހު އުފައްދަވައިފައެވެ.

ސަރުކާރުގެ އިތުރު ޚަރަދުތަކަށް ބަލާއިރު، ފާއިތުވި ހަފްތާގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން 15.3 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ. ރިކަރަންޓް ޚަރަދުގެ 57.1 އިންސައްތަ ދައުލަތުގެ އޮފީސްތަކުގެ އިދާރީ ހިންގުމާ ގުޅޭ ކަންކަމަށް ހޭދަކޮށްފައިވާއިރު، ނިމިދިޔަ ހަފްތާގެ ނިޔަލަށް ކެޕިޓަލް ޚަރަދުގެ ގޮތުގައި ދައުލަތުގެ ބަޖެޓުން ހޭދަކޮށްފައިވަނީ 1.4 ބިލިއަން ރުފިޔާއެވެ. އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތުގެ ބަޖެޓަށް މެއި މަހުގެ 29ގެ ނިޔަލަށް 16.5 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 13.0 ބިލިއަން ރުފިޔާއެވެ.

ފާއިތުވި ހަފްތާގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން 15.3 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، މިއީ ނިމިގެންދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ދައުލަތުން ކޮށްފައިވާ ޚަރަދާ އަޅައިބަލާއިރު 16.3 އިންސައްތަ ދަށް ޢަދަދެކެވެ. އެގޮތުން، ދައުލަތުގެ ރިކަރަންޓް ޚަރަދު 2.0 އިންސައްތައިން ދަށްވެފައިވާއިރު، ކެޕިޓަލް ޚަރަދު ވަނީ 65.5 އިންސައްތައިން ދަށްވެފައެވެ.

comment ކޮމެންޓް