އެމްއެންޑީއެފުން އިންތިޒާމުކޮށްގެން މާލޭގައި ވެސް ކުލަގަދަ އީދެއް ފާހަގަކުރަނީ!

ފިތުރު އީދާ ގުޅުވައި ބޭއްވި ހަވީރުގައި ސިފައިންނާއި ފުލުހުންގެ ހަރަކާތްތައް ވެސް ހިމެނޭ: އެމްއެންޑީއެފުން އިންތިޒާމުކޮށްގެން މާލޭގައި ވެސް ކުލަގަދަ އީދެއް ފާހަގަކުރަނީ! -- ސަން ފޮޓޯ/ މާނިއު މުހައްމަދު

އެމްއެންޑީއެފުން އިންތިޒާމުކޮށްގެން މާލޭ ސަރަހައްދުގައި ކުލަގަދަ އީދެއް ގައުމީ ފެންވަރުގައި ފާހަގަކުރަން ނިންމައިފިއެވެ.

"ޢީދުހަވީރު 1446"ގެ ނަމުގައި އެމްއެމްޑީއެފުން އީދު ފާހަގަކުރަނީ ބައެއް އިދާރާތަކާއި މުއައްސަސާތަކުގެ އިތުރުން ކުންފުނިތަކާ ގުޅިގެންނެވެ.

މި ހަރަކާތްތައް ކުރިއަށްގެންދަން ނިންމާފައި ވަނީ، މާލެއާއި ހުޅުމާލޭގެ ހަތަރު ސަރަހައްދެއްގައި އީދު ދުވަހުން ފެށިގެން ތިން ދުވަހުގެ މުއްދަތަށެވެ. ހަރަކާތްތައް ކުރިއަށް ގެންދާނެ ސަރަހައްދުތަކަކީ:

  • މާލޭގައި ސަލްޓަން ޕާކު
  • ޖުމްހޫރީ މައިދާން
  • ހުޅުމާލޭގެ ސެންޓްރަލް ޕާކު
  • ހުޅުމާލޭ ފޭސް 2ގެ ހިޔާ ޕާކް ސަރަހައްދު

ހަރަކާތްތައް ފަށާނީ ހަވީރު 16:00އިން 18:00އަށެވެ. އަދި، ބައެއް ސްޓޯލްތައް، ރޭގަނޑު 20:30އިން ފެށިގެން ކުރިއަށް ގެންދާނެއެވެ.

"ޢީދުހަވީރު 1446"އާ ގުޅިގެން އެމްއެންޑީއެފުން ބުނީ، ހަރަކާތްތައް އިންތިޒާމްކޮށްފައި ވަނީ ސްޓޯލްތަކުން ވީހާ ވެސް ގިނަ ބަޔަކަށް ބައިވެރިވެވޭނެ ގޮތަށް، އެކި އުމުރުފުރާގެ ކުދިންނާއި މީހުން ވެސް ޝައުގުވެރިވާނެހެން ތަފާތު ހަރަކާތްތަކާ ކުޅިވަރުތައް ހިމަނައިގެން ކަމަށެވެ.

މި ހަރަކާތްތަކުގައި، ރާއްޖޭގެ އިހުގެ ސަޤާފަތާއި، އިހުގައި ދިވެހީން ކުޅެއުޅުނު ކުޅިވަރުތައް ސްޓޯލްތަކުން ދައްކާލުމަށް ވަނީ ހަމަޖެހިފައެވެ. އަދި ޒަމާނީ ކެރެކްޓާތައް ފިއުޝަންގޮތަށް ވެސް ދައްކާލުމަށް ހަމަޖެހިފައި ވާކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފުން ބުނީ، ސަރުކާރު ވުޒާރާތަކާއި ދައުލަތުގެ އެކި މުއައްސަސާތަކާއި ވިޔަފާރި ކުންފުނިތަކުން ތައްޔާރުކުރާ ސްޓޯލްތަކުން ތަފާތު އެކި ގޭމްތަކާއި ކުޅިވަރު ހަރަކާތްތައް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެ ސްޓޯލްތައް ތައްޔާރުކުރުމަށް ހަމަޖެހިފައިވަނީ އެކި ތީމްތަކަށް، ތަފާތު އެކި ތަޖުރިބާތައް ކުރެވޭނެހެން، ކުޑަކުދިން ގަޔާވާނެ އެކި ކަހަލަ ކަންކަން ހިމަނައިގެންނެވެ.

"ޢީދުހަވީރު 1446"ގައި، އެމްއެންޑީއެފްގެ ފަރާތުން ޚާއްސަ ހަރަކާތްތަކެއް ކުރިއަށްގެންދާނެއެވެ. މީގެ ތެރޭގައި ސިފައިންގެ ޔުނިފޯމްތަކާއި، އޮޕަރޭޝަންތަކުގައި ބޭނުންކުރާ އެކިކަހަލަ ހަތިޔާރުތަކާއި، އެއްގަމާއި ކަނޑުމަތީ ބޭނުންކުރާ އެކި އުޅަނދުތައް ދައްކާލުމާއި، އެ ތަކެއްޗާ އެކު ފޮޓޯ ނެގުމާއި ތަޖުރިބާކޮށްލުމުގެ ފުރުސަތު ފަހިކޮށްދޭނެއެވެ.

އަދި ބޭންޑުގެ ހަރަކާތްތައް ކުރިއަށްގެންދާއިރު ފޯމްބާތް ޕޫލަކާއި ފެންކުޅީގެ އެކި ހަރަކާތްތައް ވެސް ކުރިއަށްގެންދަން ވަނީ ހަމަޖެހިފައެވެ.

މިއަހަރުގެ އަޟްހާ އީދަކީ އަންނަ ހުކުރު ދުވަހެވެ.

އަޟްހާ ޢީދު ސަރުކާރުން ގައުމީ ފެންވަރުގައި ފާހަގަކުރުމަށް ހަމަޖެހިފައިވާ ތިން ރަށަކީ، ލ. ގަމާއި، ކ. ގުރައިދޫ އަދި ހއ. ކެލާއެވެ.

ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފު އުމަރު ވިދާޅުވީ މިދިޔަ އަހަރު އީދު ލައިޓް ފޮނުވި 29 ރަށާއި މި އަހަރުގެ ފިތުރު އީދުގައި ލައިޓް ފޮނުވި 36 ރަށާއެކު ޖުމްލަ 65 ރަށުގައި އީދު ލައިޓް ދިއްލާނެކަމަށް ބެލެވެއެވެ.

އީދު ފަދަ، ދީނުގައި ކަނޑައަޅުއްވާފައިވާ މުނާސަބަތުތައް ކުލަގަދަކޮށް ފާހަގަކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. އެ މަނިކުފާނު ވެރިކަމަށް ވަޑައިގެންނެވި ފަހުން މިހާތަނަށް ފާހަގަކުރި އީދުތަކުގައި ސަރުކާރުން ބައިވެރިވެގެން މާލެ ސަރަހައްދާއި އެކި ރަށްރަށުގައި ކުލަގަދަކޮށް އީދު ފާހަގަކުރުމަށް ތަފާތު ހަރަކާތްތައް ބާއްވައިފައިވެއެވެ.

comment ކޮމެންޓް