ހުޅުމާލޭގައި ހުންނަ ފިޔަވަތީގައި ދައުލަތުގެ ބެލުމުގެ ދަށުގައި އުޅޭ ކުދިންނާއެކު، ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ފުލުހުން އީދު ފާހަގަކޮށްފިއެވެ.
އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ބުނީ، އީދު ފާހަގަކުރުމަށް 'ވަރަށް ލޯބިން'ގެ ނަމުގައި އިއްޔެ ފުލުހުން ޚާއްސަ ހަރަކާތެއް ބާއްވާފައިވާ ކަމަށެވެ.
އެ ހަރަކާތުގެ ތެރެއިން ފުލުހުން އެކުދިންނަށް އީދު ހަދިޔާދީ، އުފާވެރި ވަގުތުކޮޅެއް ހޭދަކުރި ކަމަށް އެ ވުޒާރާއިން ބުންޏެވެ.
މި ހަރަކާތް ފުލުހުން ބާއްވާފައި ވަނީ ހެޔޮއެދޭ ފަރާތަކުން ހަދިޔާކުރި މެންދުރުގެ ކެއުމަކާއެކުގައެވެ.
އެ ވުޒާރާއިން ބުނީ، ފިޔަވަތީގައި ބަލަހައްޓަމުންދާ ހުރިހާ ކުދިންނަށް އެހީ ޖަމިއްޔާ، އިންޓަނޭޝަނަލް އެއިޑް ކެމްޕެއިނާއި 'އަލް އަސްރު'ގެ ފަރާތުން ވެސް އީދު ހަދިޔާގެ އިތުރުން އީދުގެ ކެއުން ހަދިޔާކުރި ކަމަށެވެ.
އެ ހަރަކާތުގެ އިތުރުން، ފުލުހުން ވަނީ، އިދާރާތަކާ ގުޅިގެން މާލެއާ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ހަރަކާތްތައް ކުރިއަށް ގެންގޮސްފައެވެ.
އެ ހަރަކާތުގައި ޚިދުމަތުގައި ބޭނުންކުރާ ވެހިކަލަތްތަކަށް އަރައި ފޮޓޯ ނެގުމުގެ ފުރުސަތު ފުލުހުން ވަނީ ކުޑަކުދިންނަށް ދީފައެވެ.
މީގެ އިތުރުން ފުލުހުން ވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އީދު ފާހަގަކުރުމުގައި އެހީތެރިކަން ފޯރުކޮށްދީފައެވެ.