އަޟްހާ އީދާ ގުޅިގެން ލ. ގަމު ކައުންސިލާއި ބައިބަލާ އެސޯސިއޭޝަން ގުޅިގެން ކުރިއަށްގެންދާ ”ގަމު ކައުންސިލް ބައިބަލާ ޗެލެންޖް 2025“ގެ ފައިނަލުގެ ފުރަތަމަ ޖާގަ މުކުރިމަގު އަންޑަގްރައުންޑް ހޯދައިފިއެވެ.
މުކުރިމަގު އަންޑަގްރައުންޑުން ފައިނަލްގެ ޖާގަ ކަށަވަރުކުރީ ކުޅުނު ތިން މެޗުން ވެސް މޮޅުވެގެންނެވެ.
އެގޮތުން ރޭ ފިނޮޅު ސްޕޯޓްސް ކްލަބާއި މުކުރިމަގު އަންޑަގްރައުންޑް ބައްދަލުކުރި މެޗުގެ ފުރަތަމަ ގޭމު 13-5 އިން ކާމިޔާބުކުރީ މުކުރިމަގު އަންޑަގްރައުންޑްއެވެ. ދެވަނަ ގޭމު 7-7ކުން އެއްވަރުވެ މުކުރިމަގުން ވަނީ ފައިނަލުން ޖާގަ ހޯދާފައެވެ.
ފިނޮޅު ސްޕޯޓްސް ކްލަބް އަދި މުކުރިމަގު އަންޑަގްރައުންޑް ބައްދަލުކުރި މެޗުގެ ތެރެއިން -- ފޮޓޯ/ ބައިބަލާ އެސޯސިއޭޝަން
ރޭގެ ފުރަތަމަ މެޗުގައި ބޭރުން ފޮއެމަތި އަދި އެތެރެއިން މުކުރިމަގު ނިއު ޖެނަރޭޝަން ކުޅުނުއިރު، މޮޅު އަދި ހަލުއި ކުޅުމަކުން ފުރަތަމަ ގޭމު 6-5 އިން ގެންދިޔައީ ފޮއެމަތިންނެވެ. ވަރުގަދަ ކުޅުމެއް ދައްކައި ދެވަނަ ގޭމު 6-5 އިން ކާމިޔާބުކުރީ ބޭރުން ކުޅުނު މުކުރިމަގުންނެވެ. އެއާއެކު މި މުބާރާތުގެ ތިންވަނަ ގަދަހިފުމަށް ވަނީ ގޮސްފައެވެ. ފުރަތަމަ ހިފުން މުކުރިމަގުން ކާމިޔާބުކޮށް، ދެވަނަ ހިފުން ކާމިޔާބުކުރީ ފޮއެމަތިންނެވެ. ނަމަވެސް، ފަހު ހިފުން ކާމިޔާބުކޮށް ފޮއެމަތިން ވަނި ރޭގެ ފަހު މެޗުން ޖާގަ ހޯދައިފައެވެ.
ރޭގެ ދެވަނަ މެޗުގައި ބައްދަލުކުރީ ގޯޅި ސްޕޯޓްސް ކްލަބް އަދި ޔުނައިޓެޑް ފިނޮޅެވެ. ނަތީޖާ އެއްވަރުކޮށް ކުޅެމުން ދަނިކޮށް، ފުރަތަމަ ގޭމް ބޭރުން ކުޅެ 7-5 އިން ކާމިޔާބު ކުރީ ގޯޅި ސްޕޯޓްސް ކްލަބުންނެވެ. މެޗުގެ ދެވަނަ ގޭމުގެ ފަހު މިނެޓަށްވިއިރު ވެސް ބޮޑު ލީޑަކުން ކުރީގައި އޮވެ، 16-4 އިން ގޭމު ކާމިޔާބުކޮށް ގޯޅި ސްޕޯޓްސް ކްލަބުން ވަނީ މެޗު ކާމިޔާބުކޮށްފައެވެ.
ގޯޅި ސްޕޯޓްސް ކްލަބް އަދި ފޮއެމަތި ބައްދަލުކުރި މެޗުގެ ތެރެއިން -- ފޮޓޯ/ ބައިބަލާ އެސޯސިއޭޝަން
ފަހު މެޗުގައި ބައްދަލުކުރީ ރޭގެ ފުރަތަމަ މެޗުން މޮޅުވި ފޮއެމަތި އަދި ރޭގެ ދެވަނަ މެޗުން މޮޅުވި ގޯޅި ސްޕޯޓްސް ކްލަބުންނެވެ. އެތެރެއިން ކުޅެ 14-4 އިން ފުރަތަމަ ގޭމު ކާމިޔާބުކުރީ ގޯޅި ސްޕޯޓްސް ކްލަބުންނެވެ. ބޮޑު ލީޑަކުން، ދެވަނަ ގޭމު ވެސް ފަސޭހަކަމާއެކު ގެންދިޔައީ ގޯޅި ސްޕޯޓްސް ކްލަބުންނެވެ.
އެއާއެކު މުބާރާތުގެ ސެމީ ފައިނަލުން ގޯޅި ސްޕޯޓްސް ކްލަބާއި ފިނޮޅު ސްޕޯޓްސް ކްލަބު ވަނީ ޖާގަ ހޯދައިފައެވެ.
މިރޭގެ 08:30 ގައި މުބާރާތުގެ ސެމީ ފައިނަލް މެޗު އޮންނާނެއެވެ. އެއަށް ފަހު ފައިނަލް މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ.
މި މުބާރާތުގެ މެޗުތައް އެސްއެސްޓީވީ އަދި ސަން ޕްލޭ މެދުވެރިކޮށް ލައިވްކޮށް ބަލާލެވޭނެއެވެ.