އަޟްހާ އީދާ ގުޅިގެން ލ. ގަމު ކައުންސިލާއި ބައިބަލާ އެސޯސިއޭޝަން ގުޅިގެން ކުރިއަށްގެންދިޔަ "ގަމު ކައުންސިލް ބައިބަލާ ޗެލެންޖް 2025"ގެ ޗެމްޕިއަންކަން ފިނޮޅު ސްޕޯޓްސް ކްލަބަށް އަދި މުބާރާތުގެ މިސްޓަ ބައިބަލާއަކަށް އެ ޓީމުގެ ޖާޒީ ނަންބަރު 11 ހަސަން މާހިރު (ހަންޓޭ) ހޮވިއްޖެއެވެ.
ރޭ މި މުބާރާތުގެ ފައިނަލުގައި ވާދަކުރީ ފިނޮޅު ސްޕޯޓްސް ކްލަބާއި މުކުރިމަގު އަންޑަގްރައުންޑެވެ.
ފައިނަލް މެޗުގެ ފުރަތަމަ ގޭމުގެ ފަހު ދެ މިނެޓަށްވިއިރު އެތެރެއިން ކުޅުނު ފިނޮޅު ސްޕޯޓްސް ކްލަބުން ވަނީ ލީޑު ފުޅާކޮށްފައެވެ. އެ ގޭމު 16-3 އިން ކާމިޔާބުކޮށް ފިނޮޅު ސްޕޯޓްސް ކްލަބުން ވަނީ މޮޅު ކުޅުމެއް ދައްކައިފައެވެ.
ގަމު ކައުންސިލް ބައިބަލާ ޗެލެންޖު 2025ގެ ޗެމްޕިއަން ޓީމް، ފިނޮޅު ސްޕޯޓްސް ކްލަބް -- ފޮޓޯ/ ބައިބަލާ އެސޯސިއޭޝަން
އެހެންނަމަވެސް ދެވަނަ ގޭމުގައި ވަރުގަދަ ކުޅުމެއް ދައްކައި، މެޗުގެ ފަހު މިނެޓަށްވިއިރު މުކުރިމަގު އަންޑަގްރައުންޑުން ވަނީ ލީޑު ފުޅާކޮށްފައެވެ. އެއާއެކު އެތެރެއިން ކުޅެ 13-4 އިން ދެވަނަ ގޭމު ގެންދިޔައީ މުކުރިމަގު އަންޑަގްރައުންޑުންނެވެ.
އެއާއެކު ފައިނަލް މެޗުގައި ވަނީ ގަދަހިފުމަކަށް ގޮސްފައެވެ. ފުރަތަމަ ހިފުން އެތެރެއިން އަދި ދެވަނަ ހިފުން ބޭރުން ކާމިޔާބުކޮށް ފިނޮޅު ސްޕޯޓްސް ކްލަބުން ވަނީ މުބާރާތުގެ ޗެމްޕިއަން ޓީމަށް ވެފައެވެ.
ގަމު ކައުންސިލް ބައިބަލާ ޗެލެންޖު 2025ގެ މިސްޓަ ބައިބަލާ، ފިނޮޅު ސްޕޯޓްސް ކްލަބުގެ ހަސަން މާހިރު -- ފޮޓޯ/ ބައިބަލާ އެސޯސިއޭޝަން
ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައި ވަނީ މުބާރާތުގެ މިސްޓަ ބައިބަލާ އަދި ރާއްޖޭގެ ކައިޓް ސާފް ޗެމްޕިއަން ހަންޓޭއެވެ.
މި މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ:
- ޓީމް ފޮއެމަތި ޖާޒީ ނަންބަރު 4 މުހައްމަދު އަހުމަދު (އައްމު)
- މުކުރިމަގު އަންޑަގްރައުންޑު ޖާޒީ ނަންބަރު 6 މުހައްމަދުމިރުސާދު
- މުކުރިމަގު އަންޑަގްރައުންޑް ޖާޒީ ނަންބަރު 1 ފަރަހް ޝާމް
- ފިނޮޅު ސްޕޯޓްސް ކްލަބް ޖާޒީ ނަންބަރު 10 މުހައްމަދު ރިލްވާން
- ޔުނައިޓެޑް ފިނޮޅުގެ ޖާޒީ ނަންބަރު ހަސަން ނުއާލް
މުބާރާތުގެ ޗެމްޕިއަން ޓީމަށް 50،000 ރުފިޔާ އަދި މިސްޓަ ބައިބަލާއަށް ވަނީ 5،000 ރުފިޔާ ލިބިފައެވެ.
މި މުބާރާތުގެ ތިންވަނަ ލިބިފައި ވަނީ ގޯޅި ސްޕޯޓްސް ކްލަބަށެވެ.
ސެމީ ފައިނަލުގައި ފިނޮޅު ސްޕޯޓްސް ކްލަބާއި، ގޯޅި ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗު -- ފޮޓޯ/ ބައިބަލާ އެސޯސިއޭޝަން
ރޭ ފުރަތަމަ ކުޅުނު ސެމީ ފައިނަލުގައި ގޯޅި ސްޕޯޓްސް ކްލަބާ ވާދަކޮށް، ދެ ގޭމު ވެސް ގެންގޮސް ފައިނަލުގެ ދެވަނަ ޖާގަ ފިނޮޅުން ކަށަވަރުކުރީ މޮޅު ކުޅުމެއް ދައްކައިގެންނެވެ. ފުރަތަމަ ގޭމު 9-8 އިން އަދި ދެވަނަ ގޭމު 16-3 އިން ކާމިޔާބުކޮށް ފިނޮޅު ސްޕޯޓްސް ކްލަބުން ވަނީ މޮޅު ކުޅުމެއް ދައްކައިފައެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކީ ފިނޮޅު ސްޕޯޓްސް ކްލަބުގެ ޖާޒީ ނަންބަރު 10 މުހައްމަދު ރިލްވާނެވެ.
ޖުމްލަ ނުވަ ޓީމު ބައިވެރިވި މި މުބާރާތުގެ ގޯލްޑް ސްޕޮންސަރުންނަކީ ޖީއެމްސީއީ، ބައިސަން މޯލްޑިވްސް އަދި މާޒިޔާ ސާވިސްއެވެ. އަދި ސިލްވާ ސްޕޮންސަރުންނަކީ އޫދު އަލް ސަބާޔާ، އޮޓެކްސް ޕްރައިވެޓް ލިމިޓެޑް، ހޯކްސް އަދި މަވެރިކް މޯލްޑިވްސްއެވެ. މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ އެސްއެސްޓީވީއެވެ.