ހޮލީވުޑްގެ ފިލްމު އިންޑަސްޓްރީގައި މިހާރު އެންމެ ބޮޑު އާމްދަނީ އެއް ލިބޭ އެކްޓްރެސްއަކީ ރީސް ވިދަސްޕޫން ކަމަށް ފޯބްސްއިން ހާމަކޮށްފިއެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެކި ދާއިރާތަކުގައި ހިމެނޭ ބޮޑެތި ޝަހުސިއްސަތުތަކުގެ އާމްދަނީތަކާއި މާލިއްޔަތުގެ މައުލޫމާތު އެއްކުރާ ފޯބްސް އިބް ހާމަކޮށްފައިވާ ގޮތުގައި މި އަހަރުގެ މާރިޗު މަހާ ހަމައަށް ބަލާނަމަ އެންމެ ބޮޑު އާމްދަނީއެއް ލިބޭ ތަރިއަކީ ރީސްއެވެ.
"ލީގަލީ ބްލޮންޑް"އިން ގިނަ ބައެއްގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ހޯދި ތަރިއަކީ މިހާރު އެޕަލް ޓީވީގެ ހިޓް ޓީވީ ޝޯ "ދަ މޯނިން ޝޯ"ގެ ލީޑް ތަރިއެކެވެ. ފޯބްސްއިން ރިކޯޑުކުރާ ގޮތުގައި މި އަހަރުގެ މާރިޗު މަހާ ހަމައަށް ބަލާނަމަ އޭނާގެ މާލިއްޔަތަކީ 443 މިލިއަން ޑޮލަރެވެ. މިއީ އެކްޓްރެސްތަކުންގެ ތެރޭގައި އެންމެ މާލިއްޔަތު ބޮޑު ތަރިއެވެ.
އޭނާގެ މާލިއްޔަތު އެހާ ބޮޑުވެފައިވަނީ މިހާރު ލީޑުން ފެނިގެންދާ ޓީވީ ޝޯއިންނެވެ. މައުލޫމާތު ލިބޭ ގޮތުގައި ޝޯގެ ކޮންމެ އެޕިސޯޑަކަށް އޭނާއަށް 10 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބެއެވެ.
ރީސްގެ ކުރީން އެންމެ ބޮޑެތި އާމްދަނީ ލިބުނު އެކްޓްރެސްއިން ލިސްޓުގައި ސްކާލެޓް ޖޯހަންސަންއާއި ޖެނިފާ ލޯރެންސް ހިމެނެއެވެ. ޖެނިފާގެ އާމްދަނީގެ އެންމެ އުހުގައި އޭނާއަށް ފިލްމެއްގެ ބައެއް ކުޅުމަށް ވެސް 45 މިލިއަން ޑޮލަރާ ގާތް ކުރާ އަދަދަކަށް ލިބެއެވެ. ސްކާލެޓްގެ ކެރިއަރުގެ އެންމެ އުހުގައި އޭނާއަށް ފިލްމެއް ކުޅުމަށް 50 މިލިއަން ޑޮލަރާ ގާތް ކުރާ އަދަދަށް އާމްދަނީ ލިބެއެވެ.
މި ވަގުތު އެންމެ އަވަހަށް ރިލީޒްކުރުމަށް ތައްޔާރު ވަނީ ސްކާލެޓްގެ ފިލްމެކެވެ. އަންނަ މަހުގައި ރިލީޒްކުރުމަށް ހަމަޖެހިފައިވާ "ޖުރެސިކް ވޯލްޑް"ގެ އާ ފިލްމުގައި އޭނާ ލީޑުން ފެނިގެންދާނެއެވެ. މި ރޯލަށް އޭނާއަށް ގާތްގަނޑަކަށް 30 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ ކަމަށް ވާހަކަތަކެއް ދެކެވިފައިވެއެވެ.