މަޝްހޫރު އެކްޓްރެސް ބްލޭކް ލައިވްލީއަށް ޖިންސީ ގޯނާކުރި ކަމަށް ބުނެ އޭނާގެ ކޯ ސްޓާ ޖަސްޓިން ބަލްޑޯނީއާ ދެކޮޅަށް ހުށަހެޅި މައްސަލައާ ގުޅިގެން ބަލްޑޯނީ ހުށަހެޅި އަބުރުގެ ދައުވާގެ މައްސަލަ ކޯޓުން ބޭރުކޮށްލައިފިއެވެ.
މިދިޔަ އަހަރު ނެރުނު ފިލްމު "އިޓް އެންޑްސް ވިތު އަސް"ގެ ސެޓުގައިވަނީ ތަފާތު އެކި ކަންތައްތައް ހިނގައިފައެވެ. ނަތީޖާއެއްގެ ގޮތުން ބްލޭކް ވަނީ އޭނާގެ ކޯ ސްޓާ ބަލްޑޯނީއާ ދެކޮޅަށް މައްސަލަތަކެއް ހުށަހަޅާފައެވެ.
ބަލްޑޯނީއާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި މަސައްކަތުގެ މާހައުލުގައި އެކި ކަހަލަ ފުރައްސާރައިން ފެށިގެން ޖިންސީ ގޯނާގެ މައްސަލަތައް ހިމެނެއެވެ. މި މައްސަލައިގައި ދެ ފަރާތުން މީޑިއާގައި ތަފާތު ވާހަކަތަކެއް ދައްކާފައިވާއިރު ދެ މީހުން ވެސް ވަނީ އަނެކަކާ ދެކޮޅަށް ހެކިތައް އާންމުކޮށްފައެވެ.
މިކަމާ ގުޅިގެން މައްސަލަތައް ފަށަން ތައްޔާރުވެފައިވަނިކޮށް މި އަހަރުގެ ކުރީކޮޅުގައި ބަލްޑޯނީ ވަނީ ބްލޭކްއާ ދެކޮޅަށް އަބުރުގެ ދައުވާކޮށް މައްސަލައެއް ހުށަހަޅާފައެވެ. މާކެޓިން ބޭނުންކޮށްގެން ބަލްޑޯނީގެ އަބުރު ކަތިލަން އުޅޭ ކަމަށް ބުނެ އޭނާ ވަނީ ބްލޭކްއާ ދެކޮޅަށް 400 މިލިއަން ޑޮލަރުގެ ބޮޑު މައްސަލައެއް ހުށަހަޅާފައެވެ.
އެއަށް ފަހު މީޑިއާ ބޭނުންކޮށްގެން އާންމުންގެ ހިޔާލު ބަދަލުކުރުމަށް ބަލްޑޯނީ މަސައްކަތް ކޮށްފައިވެއެވެ.
ނަމަވެސް، ދާދިފަހުން ނިއުޔޯކްގެ ސިވިލް ކޯޓުން ވަނީ މި މައްސަލަ ބޭރުކޮށްލާފައެވެ. ކޯޓުން އަންގާފައިވަނީ ބަލްޑޯނީގެ މައްސަލައިގައި އެކަށީގެންވާ މިންވަރަށް ހެކި ނެތް ކަމަށެވެ. އަދި، މައްސަލަ ކުރިިއަށް ގެންދަން ބޭނުންވާނަމަ އިތުރު ހެކިތަކާ އެކު މައްސަލަ އަލުން ހުށަހެޅުމަށް ކޯޓުން އަންގާފައިވެއެވެ.
ބްލޭކްއާއި ޖަސްޓިންގެ މައްސަލަ އަދިވެސް ދަނީ ކޯޓުގައި ކުރިއަށެވެ. މިހާރު ކުރިއަށްދަނީ ބްލޭކް ހުށަހަޅާފައިވާ މައްސަލައެވެ.