ފީފާ ރޭންކިންގެ 197 ވަނައިގައި އޮތް ޓިމޯ ލެސްޓޭއިން ރާއްޖެ ބަލިކޮށްފި

ޓިމޯ ލެސްޓޭއާ ދެކޮޅަށް ރާއްޖެއިން ކުޅުނު މެޗުގެ ތެރެއިން --

ފީފާ ވޯލްޑްކަޕް އަދި އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ ކުޅުނު ދެވަނަ މެޗުގައި ރަށުން ބޭރުގައި ޓިމޯ ލެސްޓޭ އަތުން ބަލިވެއްޖެއެވެ.

އޮސްޓްރޭލިއާގެ ޑާވިންގެ ޓެރިޓަރީ ރަގްބީ ސްޓޭޑިއަމުގައި ކުޅުނު މި މެޗު ޓިމޯ ލެސްޓޭ ކާމިޔާބުކުރީ 1-0ގެ ނަތީޖާއަކުންނެވެ.

މިއީ މި އަހަރު ޓިމޯ ލެސްޓޭގެ ފުރަތަމަ މޮޅެވެ. އަދި މިއީ ޓިމޯ ލެސްޓޭގެ ފުޓުބޯޅައިގައި ތާރީޚީ މޮޅެކެވެ.

ރާއްޖެ މެޗުގެ ކުރިން ވޭތުވެދިޔަ ފަސް އަހަރުތެރޭ އެ ގައުމަށް މޮޅެއް ލިބުނީ މިދިޔަ އަހަރެވެ. އެއީ އާސިއާން ޗެމްޕިއަންޝިޕުގައި ބުރުނާއީ އާ ދެކޮޅަށް ކުޅުނު މެޗެވެ.

އަނެއްކޮޅުން މިއީ ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމު ގާތްގާތުގައި ހޯދި ފަސްވަނަ ބައްޔެވެ. އެއީ ސިންގަޕޫރާ ދެކޮޅަށް ކުޅުނު މެޗާއި އިންޑިއާއާއި ފިލިޕީންސާއި ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު މެޗުތަކަށް ފަހުގައެވެ.

ފީފާ ރޭންކިންގައި ޓިމޯ ލެސްޓޭ އޮތީ 197 ވަނައިގައެވެ. އަދި ރާއްޖެ އޮތީ 164 ވަނައިގައެވެ. އެހެންކަމުން މިއީ އަމިއްލަ ދަނޑެއް ނެތް ޓިމޯ ލެސްޓޭގެ ފުޓުބޯޅައަށް ލިބުނު ބޮޑު ކާމިޔާބީއެކެވެ.

ޓިމޯ ލެސްޓޭއާ ދެކޮޅަށް ރާއްޖެއިން ކުޅުނު މެޗުގެ ތެރެއިން --

މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ވެސް ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ. ޓިމޯ ލެސްޓޭއިން ފެނުނީ މެޗުގައި ގިނަ ހަމަލާތަކެއް އުފެއްދި ޓީމެއްގެ ގޮތުގައެވެ. އަދި ދިވެހި ޓީމާ ޚިލާފަށް އަވަސް ކުޅުމެއް ކުޅޭ ޓީމެއްގެ ގޮތުގައެވެ.

މެޗުގެ ފުރަތަމަ ހާފުގައި ރާއްޖޭގެ އަލީ ފާސިރަށް ވަނީ ރަނުގެ ފުރުސަތެއް ލިބިފައެވެ. އެގޮތުން 26 ވަނަ މިނިޓުގައި ފޮނުވާލި މި ހަމަލާ އިދިކޮޅު ޓީމުގެ ކީޕަރު އަތުގައި ޖެހިފައި އަމާޒުވީ ހުރަސްދަނޑިއަށެވެ.

ޓިމޯ ލެސްޓޭއިން މި މެޗުގައި ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކުރީ ފުރަތަމަ ހާފުގެ އެންމެ ފަހު ވަގުތުކޮޅުގެ ތެރޭގައެވެ. މިއީ ދިވެހި ޓީމުގެ އޭރިއާތެރެއިން ޓިމޯ ލެސްޓޭގެ ކެޕްޓަން ޕައޮލޯ ޑޮމިންގޭސް ފްރެއިޓާސް ނަގައިިދިން ހުރަަހަކަށް ހުސްކޮށް އަރާ ޖޮއާއޯ ޑަ ސިލްވާ ކާމިޔާބުކުރި ލަނޑެކެވެ.

ކޮލިފައިންގައި ރާއްޖެ ދެން ކުޅެން ޖެހޭނީ ތަޖިކިސްތާނާއެވެ. މި މެޗު ކުޅޭނީ އަންނަ އޮކްޓޯބަރުގައެވެ.

comment ކޮމެންޓް