އާރުޑީސީއަކީ ނަޒާހަތްތެރި ކުންފުންޏަކަށް ހެދުމަށް އޮނިގަނޑަށް ބަދަލުތަކެއް ގެންނަނީ

އަމީނީ މަގު ތަރައްގީ ކުރުމުގެ މަސައްކަތުގައި އާރްޑީސީގެ މުވައްޒަފުންތަކެއް: އާރުޑީސީއަކީ ނަޒާހަތްތެރި ކުންފުންޏަކަށް ހެދުމަށް އޮނިގަނޑަށް ބަދަލުތަކެއް ގެންނަން ފަށައިފި --- ފޮޓޯ/ އާރުޑީސީ

މިދިޔަ ސަރުކާރުގައި ބޮޑެތި ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރެވިފައި އޮތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ ތެރެއިން ކޮރަޕްޝަން ނައްތާލައި، ނަޒާހަތްތެރިކަން ކަށަވަރުކުރުމަށް ޓަކައި، އެ ތަނުގެ އޮނިގަނޑަށް ބަދަލުތަކެއް ގެންނަން ފަށާފައި ވާކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު، ބްރިގޭޑިއާ ޖެނެރަލް ރިޓަޔަޑް އަލީ ޒުހައިރު މިއަދު ވިދާޅުވެއްޖެއެވެ.

އާރުޑީސީއަކީ އެމްޑީޕީގެ ވެރިކަމުގައި ގިނަ ހިޔާނާތްތަކެއް ހިންގި ކަމަށް ތުހުމަތު ކުރެވޭ ކުންފުންޏެކެވެ. އެ ވެރިކަން ނިމުނުއިރު އެ ކުންފުނީގެ ދަރަނި އޮތީ ވަރަށް ބޮޑުވެފައެވެ.

އާރްޑީސީގެ މިހާރުގެ މެނޭޖުމަންޓުން ބުނިގޮތުގައި މި ސަރުކާރުން ކުންފުންޏާ ހަވާލުވީއިރު އެ ކުންފުނީގެ ދަރަނި 837 މިލިއަން ރުފިޔާއަށް އަރައެވެ. އަދި ދެ އަހަރުގެ މުއްދަތުގައި އެއްވެސް ޓްރާންސެކްޝަން ސްލިޕެއް ނެތި އެކި ފަރާތްތަކަށް 161 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

https://sun.mv/195125

ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ޒުހައިރު ވިދާޅުވީ، އެ ކުންފުނީގެ ތެރެއިން ކޮރަޕްޝަން ނައްތައިލުމަށް ޓަަކައި ޗެކް އެންޑް ބެލެންސް ނިޒާމަކަށް އޮނިގަނޑު ބަދަލު ކުރުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށެވެ. އޭގެ ތެރޭގައި މަޝްރޫތައް ހިންގާއިރު، އެކި މަރުހަލާތަކުގައި އެ ކަމަކަށް ޒިންމާވާންޖެހޭ ފަރާތްތައް ކަނޑައެޅުން ހިމެނެއެވެ.

އެގޮތުން، ކޮންމެ މެޓީރިއަލްއެއް ގަންނަ އިރު، ޒިންމާވާނެ ތިނެއް ނުވަތަ ހަތަރު ފަރާތެއް ކަނޑައަޅާފައި ވާނެކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ ކުރިން އެ ކުންފުނިން ހިންގި ބައެއް މަޝްރޫތަކުގެ ކޮލިޓީއާމެދު ރައްޔިތުންގެ ކަންބޮޑުވުން އޮތްކަން ފާހަގަ ކުރައްވައި ޒުހައިރު ވިދާޅުވީ، އައު އޮނިގަނޑާއެކު، އެ ކުންފުނިން ކުރާ މަސައްކަތްތަކުގެ ކޮލިޓީ ޔަގީންކުރާނެ ވަކި ޓީމެއް ވެސް އެކުލަވައިލާނެ ކަމަށެވެ.

"އަޅުގަނޑުމެން ފުރަތަމަ ދުވަހުން ފެށިގެން ކުރަމުން ދިޔައީ ނަޒާހަތްތެރި ކުންފުންޏަކަށް ހެދުމުގެ މަސައްކަތް. [މަސައްކަތް ކުރީ] ކޯޕަރޭޓް ގަވަނިން މެކޭނިޒަމެއް ގެނައުމަށް. ދެވަނަ ކަމަކަށް ތަނުގެ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލު ގެނައުމަށް" ޒުހައިރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ކޮރަޕްޝަން ފެށިގެން އަންނަނީ ޕްރޮކިއުމަންޓާ ހިސާބުން ކަމަށެވެ. އެހެންކަމުން އެ ދާއިރާ ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވިކަން ޒުހައިރު ފާހަގަކުރެއްވިއެވެ.

"އޭގެތެރެއިން ލޮޖިސްޓިކް ބައި އަދި އިންވެންޓޮރީ ބައި އެބަ އާދޭ. މި ހުރިހާ ދިމާލަކަށް ވެސް އަމާޒުކޮށްގެން އަޅުގަނޑުމެން މަަސައްކަތް ކުރީ،" އޭނާ ވިދާޅުވިއެވެ

މިހާރު ވެސް 27 ރަށެއްގެ މަގު ހެދުމުގެ މަސައްކަތް ކުރަމުންދާ އާރުޑީސީއަކީ ވަރަށް ގިނަ މަޝްރޫއުތަކެއް ހަވާލުކުރެވިފައިވާ ކުންފުންޏެވެ. އޭގެ ތެރޭގައި މަގު ހެދުމުގެ އިތުރުން، ކުޅިވަރު ދަނޑުތައް ހެދުމާއި ސްކޫލްތައް އެޅުމާއި ހޮސްޕިޓަލުތަކުގެ މަސައްކަތް ވެސް ހިމެނެއެވެ.

މީގެ ތެރޭގައި ކުރީގައި ފެށި، އެކަމަކު ނުނިމި ހުރި މަޝްރޫއުތަކާއި މި ސަރުކާރުން އަލަށް އެ ކުންފުންޏާ ހަވާލުކުރި މަޝްރޫއުތައް ހިމެނެއެވެ.

މި ސަރުކާރުން ވަނީ އާރުޑީސީއާ 109 މަޝްރޫއެއް ހަވާލުކޮށްފައެވެ. އޭގެ ތެރެއިން 68 މަޝްރޫއެއް މޮބިލައިޒް ކުރުމުގެ މަސައްކަތް ކުރަމުންދާއިރު، މަގު ހެދުމުގެ އިތުރުން 28 މަޝްރޫއެއްގެ މަސައްކަތް ކުރިޔަށް އެބަ ގެންދެއެވެ.

އެ ކުންފުނިން އެންމެ އިސްކަމެއް ދީގެން ކުރިޔަށް ގެންދާ މަޝްރޫއުތަކުގެ ތެރޭގައި އައިލެންޑް ވޭސްޓް މެނޭޖްމަންޓު ނުވަތަ ކުނިކޮށި ހެދުމާއި، ޕޮލިސް ސްޓޭޝަންތައް އެޅުން ހިމެނޭކަމަށް ޒުހައިރު ވިދާޅުވިއެވެ. ޒުހައިރު ވިދާޅުވި ގޮތުގައި އެއީ މި އަހަރު ނިންމަންޖެހޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާ މަޝްރޫތަކެވެ.

އެމްޑީޕީގެ ވެރިކަމުގައި އާރުޑީސީ އޮފީހުގެ ފައިސާ ތިޖޫރީ ގެއްލުމާއި، އެ އޮފީހުން ވައްކަން ކުރުން ފަދަ އެތައް މައްސަލައެއް ވެސް ވަނީ ހިނގައިފައެވެ.

https://www.sun.mv/200746

ކޮރަޕްޝަންގެ މައްސަލަ ތަހުގީގުކުރުމަށްޓަކައި 2023ވަނަ އަހަރުގެ ނޮވެމްބަރު 15 ގައި ފުލުހުން ވަނީ އާރުޑީސީ އޮފީސްތެރެއަށް ވަދެ، ގިނަ އަދަދެއްގެ ލިޔެކިޔުންތައް ގެންގޮސްފައެވެ.

ކޮރަޕްޝަންގެ މައްސަލަތަކާއެކު، މިދިޔަ އަހަރުގެ ޑިސެންބަރުގައި، އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކު (މޫކޭ) އާއި އެ ކުންފުނީގެ ސީއެފްއޯ ޔާސިރު ހަސަނަށް ނިސްބަތްވާ ދެ ތަނެއް ބަލައިފާސްކޮށް، ފުލުހުން ވަނީ އިލެކްޓްރޯނިކް ސާމާނުތަކެއް ވެސް އެ ތަންތަނުން ގެންގޮސްފައެވެ.

comment ކޮމެންޓް