ފުވައްމުލަކުގައި މާރާމާރީއެއް ހިނގައި، ޒުވާނެއްގެ އަނގަމަތި ފަޅާލައިފި

ފުވައްމުލަކުގެ މަގެއްމަތި: އެސިޓީގައި ވަނީ މާރާމާރީއެއް ހިނގައި، ޒުވާނެއްގެ އަނގަމަތި ފަޅާލައިފައި ----- ފޮޓޯ/ ޑައިވްޕޮއިންޓް މޯލްޑިވްސް

ފުވައްމުލައް ސިޓީގައި ހިނގި މާރާމާރީއެއްގައި ޒުވާނެއްގެ އަނގަމަތި ފަޅާލައި، ރޭ ޒަޚަމުކޮށްލައިފިއެވެ.

މި މާރާމާރީގައި އަނިޔާވެފައި ވަނީ 18 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.

ފުލުހުން މީޑިއާތަކަށް ބުނި ގޮތުގައި، އެ މައްސަލަ ރިޕޯޓުކޮށްފައި ވަނީ ރޭ 20:54 ހާއިރެވެ.

އަނިޔާވި ޒުވާނާގެ އަނގަމައްޗާއި ނޭފަތް މަތި ފަޅައިގެން ގޮސްފައިވާއިރު، ކަނާއަތު ކޯމަތި ދުޅަވެފައިވާ ކަމަށާއި އިތުރު ކުދި އަނިޔާތައް ލިބިފައި ހުރި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެ ޒުވާނާއަށް އިތުރު ފަރުވާ ދިނުމަށް މިހާރު ވަނީ އައްޑޫ ސިޓީއަށް ގެންގޮސްފައެވެ.

ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މާރާމާރީގެ މައްސަލަތައް ދޭތެރެއަކުން މާލެ ސަރަހައްދުގައި ވެސް ފެންމަތިވެއެވެ. އެގޮތުން، މިދިޔަ މެއި 31ގައި ހުޅުމާލޭގައި ވަނީ، މީހެއްގެ ނޭފަތް ފަޅާލާފައެވެ.

comment ކޮމެންޓް