ކުންފުންޏަށް ލިބޭ ގެއްލުން ބޮޑުވުމުގެ ސަބަބުން، ކުންފުނި ބަނގުރޫޓުވާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ މިއަދު ވިދާޅުވެއްޖެއެވެ.
ސައުދީ އެފަދައިން ވިދާޅުވީ، ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި އެމްޓީސީސީގެ މާލީ ހާލާތާ ގުޅުވައި ވާހަކަދައްކަވައެވެ.
އެމްޓީސީސީގެ އަހަރީ ރިޕޯޓުން ދައްކާ ގޮތުގައި މިދިޔަ އަހަރު އެ ކުންފުންޏަށް ޖުމްލަ އާމްދަނީގެ ގޮތުގައި 2،157 މިލިއަން ރުފިޔާ އަދި، ނެޓް ޕްރޮފިޓަށް 45 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 33 އިންސައްތަ ދަށް އަދަދެކެވެ.
އެމްޓީސީސީއަށް އާމްދަނީ ހޯދާ މައިގަނޑު ހަތަރު ސްޓްރެޓެޖިކް ބިޒްނަސް ޔުނިޓް (އެސްބީޔޫ)އަކީ ޓްރޭޑިން، ބިން ހިއްކުމާއި އިމާރާތްކުރުން، ދަތުރުފަތުރުގެ ނިޒާމު، ރިއަލް އެސްޓޭޓް ވިޔަފާރި އަދި ގްރޭޓާ މާލެ ސަރަހައްދުގައި ހިންގާ ސެންޓްރަލް އޮޕަރޭޝަންތަކެވެ.
އޭގެތެރެއިން، އެ ކުންފުންޏަށް އެންމެ ބޮޑު އާމްދަނީއެއް ލިބެނީ، ބިން ހިއްކުމާއި އިމާރާތްކުރުން ފަދަ ޕްރޮޖެކްޓުތަކުގެ އިތުރުން ވިޔަފާރިއާއި ދަތުރުފަތުރުގެ ނިޒާމުންނެވެ.
ސައުދީ ވިދާޅުވީ، އެމްޓީސީސީއަކީ ރައްޔިތުންނަށް މަސައްކަތްކޮށްދޭ ކުންފުނި ކަމަށްވާއިރު، ނުދެއްކޭ ވަރުގެ ފައިދާއެއް ރައްޔިތުން އަތުން ނަގަން ޖެހޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.
މިސާލެއްގެ ގޮތުން އޭނާ ވިދާޅުވީ، 75 ޕަސަންޓުގެ ފައިދާގައި މަޝްރޫއެއް ހިންގުމެވެ. އެކަމަކު، އޭރުން މަޝްރޫއުގެ އަގު މައްޗަށް އަރައި، ރައްޔިތުންގެ ޓެކްސް ފައިސާއިން ބޮޑު އަދަދެއް ހޭދަވާނެ ކަމަށް ސައުދީ ގަބޫލުކުރައްވައެވެ.
ކުންފުނި ގެއްލުވެގެން ގޮސް، ބޭންކްރަޕްސީއަކާ ހިސާބަށް ދާނެކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން. މިހާރު ވެސް ރިސީވަބަލް ގޮތުގައި މިދިޔަ އަހަރު ނިމުނު އިރު އެބަހުރި 2.8 ބިލިއަން ރުފިޔާ
އެގޮތުން، ހެޔޮ އަގުގައި ރައްޔިތުންނަށް ފޯރުކޮށްދެނީ ބޭނުންވެފައި ހުރި ޚިދުމަތްތައްކަން ސައުދީ ފާހަގަކުރެއްވިއެވެ.
މިހާރު ހަވާލުކޮށްފައި ހުރި 356 މަޝްރޫއު ނިމޭއިރު، ބަނދަރުގެ މަސައްކަތް ކުރަން ޖެހޭ އައު ރަށެއް ނޯންނާނެ ކަމަށާއި އެހެންވެ، ރައްޔިތުންގެ ޓެކްސް ފައިސާއިން އިތުރު ދާއިރާތަކަށް ޚަރަދުކުރެވޭނެ ކަމަށް ސައުދީ ވިދާޅުވިއެވެ.
އެއީ، އެމްޓީސީސީގެ މަސައްކަތުގެ ތެރެއިން ރާއްޖޭގެ ކުރިއެރުމަށް ގެނެސްދޭ ލުޔެއްކަން އޭނާ ފާހަގަކުރެއްވިއެވެ.