އެންޗެލޯޓީގެ ކޯޗުކަމުގެ ދަށުން ބްރެޒިލް ކާމިޔާބު ކުރި ފުރަތަމަ މެޗާއެކު ވޯލްޑް ކަޕަށް

އެންޗެލޯޓީ --

ކާލޯ އެންޗެލޯޓީގެ ކޯޗު ކަމުގެ ދަށުން ބްރެޒިލް ކާމިޔާބު ކުރި ފުރަތަމަ މެޗާއެކު މިއަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕްގެ ޖާގައެއް އެޓީމުން ކަށަވަރު ކޮށްފިއެވެ.

ބްރެޒިލްއިން ކާމިޔާބު ކޮށްފައިވަނީ ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި ޕެރަގުއާއީއާ ބައްދަލުކުރި މެޗެވެ. ބްރެޒިލްގެ ސައޮ ޕާލޯގައި ކުޅުނު މިމެޗު ބްރެޒިލްއިން ކާމިޔާބު ކޮށްފައި ވަނީ އެއް ލަނޑު ސުން ލަނޑުންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނު މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ބްރެޒިލް އިންނެވެ.

މިމެޗުގެ ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ފުރަތަމަ ހާފުގެ ކުޅުން ނިމެން އެއް މިނެޓަށް ވެފައިވަނިކޮށް ވިނީޝިއަސް ޖުނިއާއެވެ. މިމެޗުގައި ބްރެޒިލްގެ ފަރާތުން އެންމެ ރަނގަޅު ކުޅުން ފެނިގެން ނުދިޔަ ނަމަވެސް މިނަތީޖާގައި އޮވެ މެޗު ނިންމާލެވުމުގެ ސަބަބުން ބްރެޒިލް މިވަނީ ވޯލްޑް ކަޕްގެ ޖާގައެއް ކަށަވަރު ކޮށްފައެވެ.

މިކާމިޔާބީއާއެކު ބްރެޒިލް އުޅެނީ ދެކުނު އެމެރިކާ ސަރަަހައްދުގައި މިހާތަނަށް ކުޅުނު 16 މެޗުން ލިބިފައިވާ 25 ޕޮއިންޓާއެކު ތާވަލްގެ ތިންވަނައިގައެވެ. އެއީ ދެވަނައިގާ އުޅޭ އެކުއެޑޯ އާއި އެއްވަރަށް ޕޮއިންޓް ލިބި ނަމަވެސް ފައިދާ ގޯލަށް ބަލާއިރު އެކުއެޑޯއަށް ކުރި ލިބޭތީއެވެ. އަދި މިމެޗުން ބަލިވުމުން ޕެރަގުއާއީ އުޅެނީ ތާވަލްގެ ފަސް ވަނައިގައެވެ.

މެޗަށް ފަހު ވާހަަކަ ދައްކަމުން ވިނީޝިއަސް ބުނީ މިމެޗުން މޮޅުވުމުން ވޯލްޑް ކަޕަށް ކޮލިފައިވާން ޖެހޭ ކަމަށެވެ. އަދި މިހާރު ކޯޗަށް މިއަންނަ އަހަރުގެ ވޯލްޑް ކަޕަށް ޓީމު ބައްޓަން ކުރުމަށް އިތުރު ވަގުތު ލިބޭނެކަމަށެވެ. ބްރެޒިލްގެ އިތުރުން އެކުއެޑޯ ވެސް ވަނީ ރަށުން ބޭރުގައި ޕެރޫއާ ބައްދަލުކުރި މެޗު ލަނޑެއް ނުޖެހު އެއްވަރުކޮށްގެން ލިބުނު އެއް ޕޮއިންޓާއެކު ވޯލްޑް ކަޕްގެ ޖާގައެއް ކަށަވަރު ކޮށްފައެވެ. މިމެޗުގެ 75ވަނަ މިނެޓުގައި އެކުއެޑޯގެ އެލަން ފްރެންކޯއަށް ރެފްރީ ވަނީ ރަތް ކާޑު ވެސް ދައްކާފައެވެ.

ދެކުނު އެމެރިކާ ދަރަހައްދުން ވޯލްޑް ކަޕްގެ ޖާގައެއް އެންމެ ފުރަތަމަ ކަށަވަރު ކުރި އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ އާއި ކޮލޮމްބިއާ ބައްދަލުކުރި މެޗު ފޯރިގަދަ ކުޅުމަކަށް ފަހު ނިމުނީ އެއް ލަނޑު އެއް ލަނޑުން ދެޓީމު އެއްވަރު ވެގެންނެވެ.

މިމެޗުގައި ކޮލޮމްބިއާގެ ލުއިސް ޑިއާޒް މެޗުގެ 24ވަނަ މިނެޓުގައި އެޓީމަށް ލީޑު ނަގައިދިން ނަމަވެސް އާޖެންޓީނާގެ ތިއާގޯ އަލްމާޑާ ވަނީ މެޗުގެ 81ވަނަ މިނެޓުގައި ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މިމެޗުގެ 70ވަނަ މިނެޓުގައި އާޖެންޓީނާގެ އެންޒޯ ފެނާންޑެޒް ކުރި ނުރައްކާތެރި ފައުލަކާއި ގުޅިގެން އޭނާއަށް ސީދާ ރަތް ކާޑެއް ދެއްކިއެވެ.

comment ކޮމެންޓް