އިޓާލިއަން ސެރީއާގެ އޭސީ މިލާންގެ މެދުތެރެއަށް ކުޅެމުންދިޔަ ނެދަލޭންޑްސްގެ ބައިނަލްއަޤްވާމީ ކުޅުންތެރިޔާ ޓިޖާނީ ރެއިންޑާސް އިންގްލިޝް ޕްރިމިއާ ލީގުގެ ސިޓީއަށް ސޮއިކޮށްފިއެވެ.
މިއީ ސިޓީން އާ ސީޒަނަށް އެޓީމަށް ގެންދިޔަ ހަތަރު ވަނަ ކުޅުންތެރިޔާއެވެ. މަޢުލޫމާތުލިބޭ ގޮތުގައި ރެއިންޑާސް ސިޓީއަށް ސޮއިކޮށްފައިވަނީ 46.5 މިލިއަން ޕައުންޑްގެ އަގަކަށް ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.
އުމުރުން 26 އަހަރުގެ މިކުޅުންތެރިޔާ ސޮއިކޮށްފައިވަނީ ވަރަށް އަވަހަށް ފެށުމަށް ހަމަޖެހިފައިވާ ފީފާ ކްލަބް ވޯލްޑް ކަޕަށް ސިޓީން އެކުލަވާލި ޓީމުގައި ހިމެނޭހާ ވަގުތު އޮއްވައެވެ. އެހެން ކަމުން މިމަހުގެ 18ވަނަ ދުވަހު މިމުބާރާތުގައި ވައިދާދު އެފްސީއާ ދެކޮޅަށް ކުޅޭ މެޗުގައި ރެއިންޑާސް ފެނިގެންދިއުމަކީ ގާތް ކަމެކެވެ.
ސިޓީއަށް ސޮއި ކުރުމަށްފަހު ރެއިންޑާސް ބުނީ ސިޓީއަށް ސޮއިކުރުމަށްފަހު އޭނާ އުފަލުން ފޮޅިފައިވާ ކަމަށެވެ. އަދި ސިޓީއަކީ ދުނިޔޭގައި މިވަގުތު އެންމެ ބޮޑު ޓީމުތަކުގެ ތެރޭގައި ހިމެނޭ ޓީމެއް ކަމަށެވެ. މިޓީމުގައި އެންމެ މޮޅު ކޯޗު ހުރުމުގެ އިތުރުން ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިންނާއި ޒަމާނީ ތަމްރީން މަރުކަޒެއް އެބަހުރި ކަމަށް އޭނާ ބުނެފައި ވެއެވެ.
ރެއިންޑާސް ވަނީ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާގެ ކޯޗު ކަމުގެ ދަށުން ސިޓީ ގިނަ ތަށި ތަކެއް ކާމިޔާބު ކޮށްފައިވާކަން ފާހަގަކޮށް އޭނާވެސް ބޭނުންވަނީ އެކަން އެގޮތުގައި ދެމެހެއްޓުމަށްޓަކައި ކުރެވެން އޮތް ހުރިހާ ގޮތަކުން ޓީމަށް އެހީތެރިވެދޭން ކަމަށް ބުނެފައެވެ. ނިމިދިޔަ ސީޒަންގައި ރެއިންޑާސްވަނީ މިލާންއަށް ކުޅުނު 54 މެޗުގައި 15 ލަނޑު ކާމިޔާބު ކޮށްދީފައެވެ. އަދި އޭނާވަނީ ނެދަލަންޑްސް ޓީމަށްވެސް 23 މެޗު ކުޅެފައެވެ.
ބެލެވޭގޮތުގައި ރެއިންޑާސްގެ އެންމެ ބޮޑު މަސައްކަތަކަށް ވާނީ ސިޓީގެ ތަޖުރިބާކާރު ކުޅުންތެރިޔާ ކެވިން ޑި ބްރުއިނާ އެޓީމުން ދޫކޮށްލުމުން މެޗުތެރެއިން ހުސްވެފައިވާ ޖާގަ ފުރުމެވެ.
ފީފާ ކްލަބް ވޯލްޑް ކަޕަށް ގިނަ ކްލަބް ތަކުން ރަނގަޅަށް ތައްޔާރުވޭތޯ އުފެދިފައިވާ ސުވާލަށް ސިޓީން މިއަންނަނީ ވަރަށް ރަނގަޅަށް ޖަވާބުދެމުންނެވެ. މިގޮތުން ސިޓީން މިވަނީ މިމުބާރާތުގެ ކުރިން ފީފާއިން ހުޅުވާލި ކުރު ޓްރާފްސްފާ ފުރުސަތުގައި ހަތަރު ކުޅުންތެރިން އެޓީމަށް ގެންގޮސްފައެވެ. އަދި މިގެނައި ކުޅުންތެރިންނާއެކު ސިޓީއަށް ދިމާވެފައިވާ ހީނަރުކަމުގެ އަސަރު ފިލުވާލެވޭނެކަމަށް ގިނަ ބަޔަކު ގަބޫލް ކުރެއެވެ.