މެދުއިރުމައްޗާއި އުތުރު އެފްރިކާ ސަރަހައްދުގެ އެންމެ ބޮޑު ބަޖެޓު އެއާލައިން، އެއާ އަރޭބިއާއިން ރާއްޖެއަށް ކުރާ ދަތުރުތައް ދެގުނަ ކުރަން ނިންމައިފިއެވެ.
އެއާ އަރޭބިއާއިން ޝާރްޖާއާއި މާލެއާ ދެމެދު ދަތުރުތައް ފެށީ މީގެ ހަތް މަހެއްހާ ދުވަސް ކުރިން އޮކްޓޫބަރު 27، 2024ގައެވެ. އެގޮތުން، މިހާރު ދުވާލަކަށް ފްލައިޓެއް ބާއްވައެވެ.
އެއާ އަރޭބިއާއިން ވަނީ، އަންނަ އޮކްޓޫބަރު 27 އިން ފެށިގެން ރާއްޖެއާ ދެމެދު ދުވާލަކަށް ދެ ދަތުރުކުރަން ނިންމާފައިވާކަން އިއުލާނުކޮށްފައެވެ.
އެ ގުރޫޕުގެ ސީއީއޯ އާދިލް އަލް އަލީ ވިދާޅުވީ، އެ އެއާލައިނުން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަން ނިންމީ ފަސިންޖަރުންނަށް ލުއި ކޮށްދިނުމަށް ކަމަށެވެ. ފަސިންޖަރުންގެ މެދުގައި އޮންނަ ޑިމާންޑު އިތުރުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެއާ އަރޭބިއާއިން ދަތުރުތައް ކުރަނީ އޭ 320އާއި އޭ321 މަރުކާގެ ބޯޓުތަކުގައި ކަމަށްވާއިރު، 80 އަށް ވުރެ ގިނަ މަންޒިލްތަކަށް އަންނަނީ ދަތުރުތައް ކުރަމުންނެވެ.