ފުލުހުންގެ ބައިނަލްއަގުވާމީ އިދާރާ އިންޓަޕޯލްއިން ހިންގި އޮޕަރޭޝަނެއްގައި ދިވެހި ފުލުހުންގެ ސައިބާ ކްރައިމް ސެންޓަރުން ބައިވެރިވެ، ރާއްޖެއާ ގުޅުންހުރި ނުރައްކާތެރި ހަރަކާތްތައް ދެނެގަތުމަށްޓަކައި ބޭނުންވާ މައުލޫމާތު ހޯދައިފިއެވެ.
ފުލުހުން ބުނީ، އިންޓަނެޓް މެދުވެރިކޮށް ހިންގާ ކުށްތައް ތަހުގީގު ކުރާ ސައިބާ ކްރައިމް ސެންޓަރުން ބައިވެރިވީ، މިދިޔަ ޖަނަވަރީ މަހުން އޭޕްރިލް މަހުގެ ނިޔަލަށް އިންޓަޕޯލްއިން ކުރިއަށްގެންދިޔަ 'އޮޕަރޭޝަން ސެކުއާ'ގައި ކަމަށެވެ.
އެ އޮޕަރޭޝަނަކީ އިންޓަނެޓް މެދުވެރިކޮށް ހިންގާ ކުށްތަކަށް އަރައިގަންނަ ފަރާތްތަކުގެ އިންފްރާސްޓްރަކްޗާ ނައްތާލުމަށް އަމާޒުކޮށްގެން ގިނަ ގައުމުތަކެއް ބައިވެރިވެގެން ހިންގި އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ އިންޓަޕޯލްގެ އޭޝިއާ އެންޑް ސައުތު ޕެސިފިކް ޖޮއިންޓް އޮޕަރޭޝަންސް އަގެއިންސްޓް ސައިބަކްރައިމް (އޭއެސްޕީޖޭއޯސީ) މެދުވެރިކޮށެވެ.
އ އޮޕަރޭޝަންގައި ބައިވެރިވި 26 ގައުމުތަކުގެ ތެރޭގައި ރާއްޖޭގެ އިތުރުން އިންޑިއާ، ނޭޕާލް، ސްރީ ލަންކާ، ސިންގަޕޫރު އަދި ޖަޕާން ހިމެނެއެވެ.
ފުލުހުން ބުނީ، އެ އޮޕަރޭޝަނުގައި 'އިންފޮމޭޝަން ސްޓީލިން މަލްވެއާ'އާ ގުޅުންހުރި 20،000އަށްވުރެ ގިނަ އައިޕީ އެޑްރެސްތަކާއި ޑޮމެއިންތައް ނައްތާލައިފައިވާ ކަމަށެވެ.
"އިންފޮމޭޝަން ސްޓީލާސް" އަކީ ބްރައުޒަރު ކްރެޑެންޝަލްތަކާއި، ޕާސްވޯޑުތަކާއި، ކްރެޑިޓް ކާޑު މައުލޫމާތާއި، ކްރިޕްޓޯކަރަންސީ ވޮލެޓްގެ މައުލޫމާތު ފަދަ މުހިންމު މައުލޫމާތު ވަގަށް ނެގުމަށް ފަރުމާކޮށްފައި ހުންނަ ނުރައްކާތެރި މަލްވެއާއެކެވެ. މިފަދަ ގޮތަކަށް ހޯދާ މައުލޫމާތު އިތުރު ސައިބާ ހަމަލާތައް ދިނުމަށްވެސް ބޭނުންކުރާ ކަމަށް ފުލުހުން ބުންޏެވެ.
އޮޕަރޭޝަން ސެކުއާގެ ތެރެއިން، ދިވެހިރާއްޖެއާ ގުޅުންހުރި މައުލޫމާތުތައް ދިވެހި ފުލުހުންގެ ޚިދުމަތުގެ ސައިބާ ކްރައިމް ސެންޓަރުން ތަހުގީގުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެ މަސައްކަތުގައި އިންޓަޕޯލްގެ އިތުރުން، ގުޅުންހުރި އެހެނިހެން އިދާރާތަކާއެކު މަސައްކަތްކޮށް، އިންޓެލިޖެންސް މައުލޫމާތު އެއްކޮށް، އެ މައުލޫމާތުތައް ދިރާސާކުރި ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ އޮޕަރޭޝަނުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ކޮށްފައިވާ މަސައްކަތްތަކުގެ ތެރޭގައި، ރިޕޯޓުތައް އެކުލަވާލައި، ކަމާގުޅޭ ހޯދުންތައް އޮޕަރޭޝަންގެ އެހެނިހެން ބައިވެރިންނާ ހިއްސާކުރުން ހިމެނޭ ކަމަށް އެ މުއައްސަސާއިން ބުންޏެވެ. އަދި، ދިވެހިރާއްޖެއާ ގުޅުންހުރި ނުރައްކާތެރި ހަރަކާތްތައް ދެނެގަތުމަށްޓަކައި ބޭނުންވާ މައުލޫމާތު ހޯދާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މީހަކު ފޯނާ ކުޅެނީ: އިންޓަޕޯލްއިން ކުރިއަށްގެންދިޔަ އޮޕަރޭޝަން ޚާއްސަކޮށްފައިވަނީ އިންޓަޕޯލް މެދުވެރިކޮށް ހިންގާ ކުށަށް -- ސަން ފޮޓޯ
އެ އޮޕަރޭޝަނުގައި ޖުމުލަ 41 ސާވާއާއި 100 ގިގަބައިޓަށްވުރެ ގިނަ ޑޭޓާ އަތުލައިގަތެވެ. އަދި ގާނޫނާ ޚިލާފު ސައިބާ ހަރަކާތްތަކާ ގުޅުންހުރި 32 މީހަކު ހައްޔަރުކުރިއެވެ. މީގެ އިތުރުން، އެ އޮޕަރޭޝަނުގައި 216،000 އަށްވުރެ ގިނަ ވިކްޓިމްސް އާއި ވިކްޓިމަކަށް ވެދާނެ ފަރާތްތަކަށް އެކަމުގެ މައުލޫމާތު ފޯރުކޮށްދީ، ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަށް އަންގައިފައިވެއެވެ.
އެ އޮޕަރޭޝަނާ ގުޅޭގޮތުން، ސައިބާ ކްރައިމް ސެންޓަރުގެ ހެޑް އަދި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ސަމީހް ވިދާޅުވީ އޮޕަރޭޝަން ސެކުއާގައި ދިވެހި ފުލުހުން އަދާކުރި ދައުރަކީ ގައުމީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި ސައިބާ ކުށްތަކާ ދެކޮޅަށް މަސައްކަތްކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ދޭ އަހަންމިއްޔަތުގެ ހެއްކެއް ކަމަށެވެ.
އިންޓަޕޯލްއާ ބައިވެރިވި އެހެނިހެން ގައުމުތަކާއެކު ގުޅިގެން ކުރެވޭ މިފަދަ މަސައްކަތްތަކަކީ ފަރުދުންނާއި ވިޔަފާރިތަކަށް ނުރައްކާވެފައިވާ، އެ ބާވަތުގެ ކުށްކުރާ ނެޓްވޯކްތައް ނައްތާލުމަށް ކޮންމެހެން ބޭނުންވާ ކަމެއްކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އިތުރަށް ވިދާޅުވީ ދިވެހިރާއްޖޭގެ ޑިޖިޓަލް ވެށީގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމަށްޓަކައި ސައިބާ ކްރައިމް ސެންޓަރުގެ ގާބިލުކަން އިތުރު ކުރުމުގެ މަސައްކަތް ކުރަމުން ގެންދާކަމަށެވެ. މީގެ އިތުރުން، ބައިނަލްއަގުވާމީ ފަރާތްތަކުގެ އެއްބާރުލުން ހޯދައި ގުޅިގެން މަސައްކަތްކުރުމަށް ބޮޑު އިސްކަމެއްދެއްވާ ކަމަށްވެސް ވިދާޅުވިއެވެ.
ރާއްޖޭގައި އިންޓަނެޓް މެދުވެރިކޮށް ކުރާ ކުށްތައް އާންމުވެފައިވާއިރު، މިދިޔަ އޭޕްރިލް މަހު 28އިން ފެށިގެން އެއް މަހުގެ ނިޔަލަށް، ހޮންގް ކޮންގް ޕޮލިސް ފޯސްއިން އިސްނަގައިގެން ކުރިއަށް ގެންދިޔަ ޖޮއިންޓް އޮޕަރޭޝަނެއްގައި ވެސް ދިވެހި ފުލުހުން ބައިވެރިވެފައިވެއެވެ.
ރާއްޖޭގެ އިތުރުން މަކާއޯ، މެލޭޝިއާ، ސިންގަޕޫރު، ސައުތު ކޮރެއާ އަދި ތައިލޭންޑް ބައިވެރިވި އެ އޮޕަރޭޝަނުގައި 225 މިލިއަން ޑޮލަރުގެ ސްކޭމް ކުރި ބަޔަކު ހުއްޓުވައި، 1،858 މީހުން ހައްޔަރުކޮށްފައިވެއެވެ. އެ އޮޕަރޭޝަންގެ ތެރެއިން ފަޅާއަރުވައިލާފައިވާ ކުށްތަކުގެ ތެރޭގައި، އޮންލައިން ޝޮޕިން ސްކޭމްތައް، ފޯނުން ގުޅައިގެން އޮޅުވައިލައިގެން ފައިސާ ހޯދުމާއި، އިންވެސްޓްމަންޓާއި ވަޒީފާ ދިނުމުގެ ނަމުގައި ހިންގި ސްކޭމްތައް ހިމެނެއެވެ.