ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު 26 މިލިއަން ރުފިޔާގެ މަސްތުވާތަކެއްޗާ ހަވާލުވާން ދިޔަ ބިދޭސީމީހާއާއި މަސްތުވާތަކެއްޗާ ގުޅުމެއް ނެތްކަމަށް ބުނެ، ފުލުހުން އޭނާ ދޫކޮށްލައިފިއެވެ.
މިތަކެތި ރާއްޖެ އެތެރެކުރަން އުޅެނިކޮށް ކަސްޓަމުން އަތުލައިގަތީ އަންގާރަ ދުވަހުގެ ރޭ ހިންގި ޚާއްސަ އޮޕަރޭޝަނެއްގެ ދަށުންނެވެ. އެއަށްފަހު އެތަކެތި ބަލައި ދިޔަ ބިދޭސީއަކު ހައްޔަރު ކުރީ އިއްޔެއެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނީ، މަސްތުވާތަކެތި އެތެރެކުރި މީހުންނާއި އެތަކެތި ބަލައިދިޔަ ބިދޭސީ މީހާއާ ގުޅުމެއް އޮތްކަން ދެނެގަނެވިފައި ނުވާކަމަށެވެ. އެހެންކަމުން ފުލުހުންގެ ބެލުމުގެ ދަަށަށް ގެންދިޔަ މީހާ ދޫކޮށްލީ ކަމަށް ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވެއެވެ.
ރާއްޖެ އެތެރެކުރަން އުޅެނިކޮށް މިތަކެތި އަތުލައިގެންކަން ހާމަކުރެއްވީ ހޯމް މިނިސްޓަރު އަލީ އިހުސާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި ވަނީ ރާއްޖެ އެތެރެކުރަން އުޅުނު 18 ކިލޯގްރާމްގެ މަސްތުވާތަކެތި، ކަސްޓަމުން އަތުލައިގެންފައި ވާކަމަށެވެ. އަދި މަގުމަތީ އަގުން ބަލާނަމަ މިތަކެތީގެ އަގު ގާތްގަނޑަކަށް 26 މިލިއަން ރުފިޔާއަށް އަރާނެ ކަމަށެވެ.
މީގެ ކުރިން ވެސް ގިނަ އަދަދެއްގެ މަސްތުވާތަކެތި ރާއްޖެ އެތެރެވިޔަ ނުދީ ކަސްޓަމުން ހިފަހައްޓައިފައި ވެއެވެ.
އެގޮތުން މިއަހަރުގެ މާޗްމަހު ކަސްޓަމުން ވަނީ، ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 6.7 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފައެވެ. ކަސްޓަމުން ބުނީ އެ ތަކެތި އަތުލައިގަތީ ރާއްޖެ އައި ޝިޕްމަންޓެއް ބަލައިފާސްކުރުމަށް އެ އިދާރާއިން ހިންގި ޚާއްސަ އޮޕަރޭޝަނެއްގެ ތެރެއިން ކަމަށެވެ.
މާޗް މަހުގެ ފަސްވަނަ ދުވަހު އިންޑިއާ ކަނޑުން ރާއްޖެ އެތެރެކުރަން އުޅުނު 59 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ވަނީ އިންޑިއާ ކޯސްޓްގާޑުން ވެސް އަތުލައިގެންފައެވެ.
މަސްތުވާތަކެތީގެ މައްސަލައަކީ ރާއްޖޭގައި ދިމާވެފައިވާ އެންމެ ބޮޑު އިޖުތިމާއީ މައްސަލައެވެ. އެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އޭގެ ތެރެއިން އެ ތަކެތި އެތެރެ ކުރުން ހުއްޓުވުމާއި، އޭގެ ވަބާގައި ޖެހިފައިވާ މީހުންނަށް ދޭ ފަރުވާގެ ނިޒާމު ހަރުދަނާ ކުރުމުގެ މަސައްކަތް ހިމެނެއެވެ.