ފެންނަން ހުރި ހިސާބުތަކަށް ބަލައި، އިގްތިޞާދީ ނަޒަރަކުން ބަލައިނަމަ، ރާއްޖެ މިހާރު މި އޮތީ ބަނގުރޫޓުވެފައި ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު މިރޭ ވިދާޅުވެއްޖެއެެވެ.
ފިޗުން މިއަދު ވަނީ ރާއްޖެއަށް މިދިޔަ އޮގަސްޓް 27ގައި ދިން 'ސީސީ' ރޭޓިން ރިވިއުކުރުމަށް ފަހު، އެ ރޭޓިން ދަމަހައްޓަން ނިންމައިފައެވެ.
'ސީސީ' ރޭޓިންއަކީ ދަރަނި ނުދެއްކި ބަނގުރޫޓުވެދާނެކަމުގެ ބިރު ބޮޑުވުމުންދޭ ރޭޓިންއެކެވެ. އެއަށް ވުރެ ދަށަށް ދެން އިންނަ ރޭޓިންއަކީ 'ސީ' ރޭޓިންއެވެ. އެއީ، ބަނގުރޫޓުވާނެކަން ޔަގީންވުމުން ދޭ ރޭޓިންއެކެވެ. ރާއްޖެއަށް ދީފައި އޮތް 'ސީސީ' ރޭޓިންއަކީ ދަރަނި ނުދެއްކުމުގެ ބިރު އޮތުމުން ދޭ ރޭޓިންއެކެވެ.
މިރޭގެ ޕީއެންއެފް ޖަލްސާގައި ޔާމީން ވިދާޅުވީ، ފިޗުން ރާއްޖެއާ ގުޅޭގޮތުން ދެމެހެއްޓި ރޭޓިންއިން ބުނެދޭ ވާހަކައަކީ، މާލީ ގޮތުން ސަރުކާރުގެ އަމަލުތައް އިސްލާހުނުކުރާނަމަ ދެ އަހަރު ތެރޭ ރާއްޖެ ބަނގުރޫޓުވެދާނެ ކަމުގެ ބިރު އޮތް ކަމަށެވެ.
"އަޅުގަނޑުމެން ރާއްޖޭގައި ތިބޭ މީހުން އެކަމަކު މި ގަބޫލުކުރާ ގޮތުގައި، ރާއްޖެ އޯލްރެޑީ މިއޮތީ، ޓެކްނިކަލީ ބަނގުރޫޓުގެ މާނައަށް ބަލާކަމަށް ވަންޏާ، އިގްތިޞާދުގައި ބޭންކްރަޕްސީ ނޫނިއްޔާ އިންޓަނޭޝަނަލް އިކޮނޮމިކްސްގައި ބޭންކްރަޕްސީގެ މާނައަށް ބަލާކަމަށް ވަންޏާ ރާއްޖެ މި އޮތީ ބޭންކްރަޕްޓު ވެފައި،" ޔާމީން ވިދާޅުވިއެވެ.
ޔާމީން ވިދާޅުވީ، ރާއްޖެއަކީ ބޭންކްރަޕްޓުވެފައިވާ ގައުމެކޭ ބުނުމުގެ ޖާގަ އޮތް ސަބަބަކީ، ބޭރަށް ދައްކަން އޮންނަ ދަރަނި ނުދެއްކޭ މިންވަރަށް ރާއްޖޭގެ ރިޒާވް ދަށްވެފައި ހުރުން ކަމަށެވެ.
ނަމަވެސް އެ ލޯނުތަކުގެ ފައިސާ އަނބުރާ ލިބޭ ފަރާތްތައް ނުވަތަ ގައުމުތަކުން އެކަން އިއުލާނު ނުކޮށްފާނެ ކަމަށް ޔާމީން ވިދާޅުވިއެވެ. އެގޮތުން ރާއްޖެއިން އެންމެ ބޮޑު ދަރަންޏެއް އަނބުރާ ދައްކަން އޮތީ އިންޑިއާއާއި، ޗައިނާއަށް ކަން ފާހަގަކުރައްވައި ޔާމީން ވިދާޅުވީ، މި ދެ ގައުމުން ވެސް މި ހާލަތުގައި ރާއްޖެއާމެދު އަދި އޮތީ ވަރަށް ކެތްތެރިކޮށް ކަމަށެވެ. އަދި ދަރަނި އަނބުރާ ހޯދުމަށް އަވަސް އަރުވައިލައިގެން އުޅޭ ތަން ނުފެންނަ ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ. އެއީ ދެ ގައުމުގެ ފަރުދުންގެ މެދުގައި އޮތް ގުޅުމުގެ ވެސް ސަބަބުން ކަމަށް ޔާމީން ވިދާޅުވިއެވެ.
"އެހެންވީމާ ޗައިނާ ވެސް ވަރަށް ޓޮލަރަންޓް ވަރަށް ވަގުތު ދީގެން މި ދަނީ. އިންޑިއާ ވެސް ހަމަ ޕެއިންސްޓޭކިންލީ ޓޮލަރަންޓް އިނގޭތޯ. ނޫޅޭ ހަމަ، ފައިސާ ޝޯޓް ކޯލެއްގައި ގެންނާކަށް ނޫޅޭ. އެހެންވީމާ ސަވައިވް ވަނީ،" ޔާމީން ވިދާޅުވިއެވެ.
ނަމަވެސް، ކަން މިހެން އޮތްއިރު، އިގްތިޞާދީ ގޮތުން މާ ބޮޑެތި ކަންކަން އޮޅުންނުފިލާ މީހުން، ރައީސް ޑރ. މުޙައްމަދު މުއިއްޒަށް ތައުރީފް ކުރުމުގެ ގޮތުން، ހާލަތުގެ އަސްލު ފޮރުވޭ ވާހަކަ ދެއްކުމަކީ އެެއްގޮތަކަށް ވެސް ގަބޫލުކުރަން ފަސޭހަ ކަމެއް ނޫން ކަމަށް ޔާމީން ވިދާޅުވިއެވެ.
"ރާއްޖޭގެ ހިސާބުތަކެއް. ހިސާބު އަކުރެއް ދޮގެއް ނުހަދާނެ އިނގޭތޯ،" ޔާމީން ވިދާޅުވިއެވެ.
މި އަހަރު އެކަނި ވެސް ބޭރުގެ ދަރަންޏަށް 688 މިލިއަން ޑޮލަރު ދައްކަން ޖެހޭއިރު، އަންނަ އަހަރު އެ އަދަދު 1.1 ބިލިއަން ޑޮލަރަށް އަރާނެއެވެ.
މި ހާލަތުގައި ވަނިކޮށް، އިންޑިއާއިން ވަނީ ރާއްޖެއަށް 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕެއް ދީފައެވެ. އިންޑިއާއިން ދިން ބަޖެޓު ސަޕޯޓުގެ ސަބަބުން ރިޒާވް އިތުރުވެ، ފަތުރުވެރިކަމުން ލިބޭ އާމްދަނީ އިތުރުވަމުން އައި ނަމަވެސް ދަރަނި ދައްކަން އަދިވެސް ގޮންޖެހުންތަކެއް ހުރިކަން މިއަދު ފިޗުން ނެރުނު ރިވިއުގައި ފާހަގަކޮށްފައިވެއެވެ.
އެގޮތުން، އޭޕްރީލް މަހުގެ ނިޔަލަށް ރިޒާވްގައި ހުރީ 856 މިލިއަން ޑޮލަރެވެ. އެކަމަކު، އެއީ ބޭނުންވާ ވަރަށް ވުރެ މާ ބޮޑަށް ވެސް ދަށް އަދަދެކެވެ. ފިޗުން ފާހަގަކުރި ގޮތުގައި ހަމައެކަނި ރިޒާވަށް ބަރޯސާވާން ޖެހިއްޖެ ނަމަ އެ ފައިސާއިން ވާނީ ހަމައެކަނި ދޮޅު މަހަށެވެ.
އަދި ކުރިއަށް އޮތް 12 މަސް ދުވަހުގެ ތެރޭގައި ދައްކަންޖެހޭ ފައިސާ ރިޒާވުން އުނިކުރުމުން ބާކީ އިންނާނީ އެންމެ 28 މިލިއަން ޑޮލަރު ކަމަށް ފިޗުން ފާހަގަކުރިއެވެ. އެއީ، ގައުމަކަށް އެކަށިގެންވާ އަދަދެއް ނޫނެވެ.
ރާއްޖޭގެ ޖީޑީޕީގެ ނިސްބަތުން ދަރަނި އަންނަ އަހަރު 125 އިންސައްތައަށް އަރާނެކަމަށް ފިޗުން ވަނީ އަންދާޒާކޮށްފައެވެ.
ރާއްޖެ ބަނގުރޫޓުވުމުގެ ތުންފަތް މަތީ އޮތް ކަމަށް، މިހާރު ސަރުކާރުގައި ތިއްބެވި ބޭފުޅުން، މިދިޔަ ދައުރުގައި އިދިކޮޅުގައި ތިއްބަވައިގެން ގެންދެވީ ވިދާޅުވަމުންނެވެ. އެއިރު އެހެން ބުނަމުން އައީ، ކޮވިޑާ މަތިކޮށް، އެއިރުގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ބިލިއަނުން ފައިސާ ޗާޕުކުރެއްވުމާއި، ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ގާނޫނަށް ވަގުތީ ގޮތުން އަމަލުކުރުން ހުއްޓައިލުމުންނެވެ. އަދި އެ ނޫނަސް، ދައުލަތުގެ މަޝްރޫއުތަކާއި ބޭނުންތަކަށް ދަރަނި ނަގަމުން ގެންދިއުމުންނެވެ.
ޔާމީންގެ ތާއީދާއެކު، ރައީސް މުއިއްޒުގެ ސަރުކާރުން ވެރިކަމާ ހަވާލުވީ، ޞާލިހުގެ އެމްޑީޕީގެ ސަރުކާރުން ރާއްޖެ އިގްތިޞާދީ ގޮތުން ވައްޓައިލައިފައި އޮތް އަޑިގަނޑުން ނަގަން މަސައްކަތް ކުރާނެ ކަމަށް ބުނެއެވެ.
ވެރިކަމުގެ ފުރަތަމަ އަހަރު، މާލީ ގޮތުން މުހިންމު އިސްލާހީ ފިޔަވަޅުތަކެއް އިއުލާނުކުރި ނަމަވެސް، އެ ކަންކަމަށް އަމަލުކުރުން މިހާރު ވަނީ ހުއްޓައިލައިފައެވެ.