އިންޑިއާގެ އެކްޓަރު ޝާހްރުކް ޚާނާއި އާއިލާ ދިގު މުއްތަދަކަށް ވަންދެން ދިރިއުޅެމުން އައި ގެ 'މަންނަތު'ގައި މަސައްކަތްކުރާ މުވައްޒަފުން ވަކިން ދިރިއުޅޭނެ އެޕާޓްމަންޓެއް އެކްޓަރު ހަމަޖައްސައިފިއެވެ.
އެކްޓަރުގެ އާއިލާގެ ޒިންމާތަކާ ހަވާލުވެ މަސައްކަތް ކުރަމުން އަންނަ މުވައްޒަފުން ދިރިއުޅޭނެ ވަކި އެޕާޓްމަންޓެއް ބޮޑު ކުލީގައި ނަގާފައިވަނީ ޝާހުގެ އާއިލާއިން ދިރިއުޅެމުން އައި މުމްބާއީގެ ގެ "މަންނަތު" އަލުން ރިނޮވޭޓް ކުރުމުގެ މަސައްކަތް ފެށުމާ ގުޅިގެންނެވެ.
ޝާހުގެ އަންހެނުން އަދި މަޝްހޫރު އިންޓީރިއާ ޑީޒައިނަރު ގޯރީ ޚާން ވަނީ މުވައްޒަފުން ދިރިއުޅޭނެ ދެ ކޮޓަރީގެ ލަގްޒަރީ އެޕާޓްމަންޓެއް މުމްބާއީގެ އެންމެ އަގުބޮޑު ހިސާބު ކަމަށްވާ ޕަލީ ހިލް ސަރަހައްދުން ކުއްޔަށް ނަގާފައިވާ ކަމަށާއި މަހެއްގެ މައްޗަށް މި އެޕާޓްމަންޓްގެ ކުލީގެ ގޮތުގައި އިންޑިއާގެ 1.35 ލައްކަ ރުޕީސް ޝާހުގެ އާއިލާއިން ދައްކާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޝާހު ދިރިއުޅެމުން އައި 'މަންނަތު'ގެ ބޭރުގައި ފޭނުންނާ ބައްދަލުކޮށްލަނީ--ފޮޓޯ/ޕިންކްވިލާ
އިންޑިއާއަށް ޒިޔާރަތްކުރާ ގިނަ ބައެއްގެ މެދުގައި ބޮޑު މަގުބޫލުކަމެއް ލިބިފައިވާ "މަންނަތު" އަލުން އާބާދުކޮށް ބޮޑެތި ބަދަލުތަކަކާ އެކު ހަދަން ނިންމާފައިވާއިރު އެ ގެ ނިމެން މަދުވެގެން ތިން އަހަރު ނަގާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އެހެންކަމުން ޝާހުގެ އާއިލާއިން ވެސް ކުރިއަށް އޮތް ފަސް ވަރަކަށް އަހަރު ވަންދެން ދިރިއުޅޭނީ ވަކިން ތަނެއް ކުއްޔަށް ހިފައިގެން ކަމަށް ރިޕޯޓުތައް ބުނެއެވެ. ފިލްމީ ޚަބަރުތައް ގެނެސްދޭ ފިލްމުފެއާގައި ބުނެފައިވާ ގޮތުގައި ޝާހުގެ އާއިލާއިން ވެސް ދިރިއުޅެމުން އަންނަނީ މުމްބާއީގެ ޕަލީ ހިލްގައި ހުންނަ ލަގްޒަރީ ދެ އެޕާޓްމަންޓްގައެވެ.

ޝާހްރުކް ޚާން އެކްޓަރުގެ އާއިލާއާ އެކު--ފޮޓޯ/އިންޑިއަންއެކްސްޕްރެސް
ނިއު ދިއްލީގައި ދިރިއުޅެމުން އައި އެކްޓަރު މުމްބާއީއަށް ދިރިއުޅުން ބަދަލުކުރުމަށް ފަހު ގަނެފައިވާ "މަންނަތު" ގެއަކީ ކެރިއަރުގެ ވަރަށް ކުރީކޮޅު ގަނެފައިވާ ގެއެކެވެ. އެ ގެ ގަތުމަކީ އެކްޓަރު ވަރަށް ކުރީއްސުރެ ދެކެމުން އައި ހުވަފެނެއް ކަމަށާއި އެއީ ޝާހުގެ ދިރިއުޅުމުގެ ވަރަށް ގިނަ ހަނދާންތަކެއް ރައްކާކުރެވިފައިވާ ގެއެއް ކަމަށް އެކްޓަރު ވަނީ މީގެ ކުރިން ދީފައިވާ އިންޓަވިއުތަކުގައި ވެސް ބުނެފައެވެ.
މި ގެ އަލުން އާރާސްތުކޮށް ނިމޭއިރު އިތުރު ދެ ފަންގިފިލާ އެ އިމާރާތަށް އިތުރުވާނެ ކަމަށާއި "މަންނަތު" އަލުން އާރާސްތު ކުރުމުގެ މަސައްކަތް ކުރަމުން އަންނަނީ އިންޓީރިއާ ޑިޒައިނަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ޝާހުގެ އަންހެނުން ގޯރީގެ ޚާއްސަ ބެލުމުގެ ދަށުންނެވެ.