ތ. ވޭމަންޑޫ ގޮނޑުދޮށަށް މަރުވެފައި އޮތް، 20 ފޫޓުގެ ޕައިލެޓް ވޭލްއެއް ލައްގައިފިއެވެ.
ޕައިލެޓް ވޭލަކީ ކޯމަހުގެ އާއިލާއަށް ނިސްބަތްވާ ޖަނަވާރެކެވެ.
'ސަން'އަށް މައުލޫމާތު ދެއްވަމުން ތ. ވޭމަންޑޫ ކައުންސިލްގެ ރައީސް ރަޝްވާން އާދަމް ވިދާޅުވީ އެ ރަށުގެ ގޮޑުދޮށަށް އެ މަސް ލައްގައިފައި ވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ.
މަރުވެފައިވާ އެ މަހުގެ ދިގުމިނުގައި ގާތްގަނޑަކަށް ވިއްސަކަށް ފޫޓު ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެ ކައުންސިލްގެ މެންބަރު ނަދީމް އަހުމަދު "ސަން"އަށް ވިދާޅުވީ ރަށު ރައްޔިތުންގެ މަސައްކަތުން، ޑިންގީއެއްގައި އައްސައިގެން އެ މަސް މިހާރު ކަނޑަށް ބޭރުކޮށްފައިވާ ކަމަށެވެ.
ބޮޑު މަހެއް ލެއްގުމުގެ އެފަދަ ހާދިސާއެއް މިފަހުން ހިނގައިފައި ނުވި ނަމަވެސް، ފާއިތުވި ހަތަރު އަހަރު ތެރޭގައި ދެ ކޯމަހެއް ލެއްގި ހާދިސާއެއް ދިމާވި ކަމަށް އޭނާ ވިދާޅުވިއެވެ.
މެދުރާއްޖެތެރެއިން އާންމުކޮށް ފެންނަ ޕައިލެޓް ވޭލް މި ސަރަހައްދުން އެންމެ ގިނައިން ފެންނަނީ އޭޕްރިލް މަހާއި ޖޫން މަހާ ދޭތެރޭގައެވެ.
ޕައިލެޓް ވޭލްއަކީ ކިލާ ވޭލް ނުވަތަ އޯކާއަށްފަހު ދެވަނައަށް އެންމެ ބޮޑު ކޯމަހުގެ ބާވަތެވެ.