ފަތުރުވެރިކަމުގެ ދާއިރާއަށް ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވި ހަތަރު ބޭފުޅަކަށް ޚާއްސަ އެވޯޑެއް

"ހޮޓެލިއާ މޯލްޑިވްސް އެވޯޑްސް 2025ގެ ޑެޑިކޭޓެޑް ސާވިސް އެވޯޑް" ހޯއްދެވި ބޭފުޅުން -- އަލީ ރަޝީދު އާދަމް، މުހައްމަދު ފުއާދް، މުހައްމަދު ހާޝިމް، ހުސައިން މަނިކުފާން

ފަތުރުވެރިކަމުގެ ދާއިރާގައި ދިގު މުއްދަތަކަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ހަތަރު ބޭފުޅަކަށް ހޮޓެލިއާ މޯލްޑިވްސް އެވޯޑްސް 2025ގެ ތެރެއިން ޝަރަފުވެރި ޚާއްސަ އެވޯޑެއް މިރޭ ދީފިއެވެ.

"ހޮޓެލިއާ މޯލްޑިވްސް އެވޯޑްސް 2025ގެ ޑެޑިކޭޓެޑް ސާވިސް އެވޯޑް"ގެ ނަމުގައި ދިން މި އެވޯޑު ލިބިވަޑައިގަތް ބޭފުޅުންނަކީ:

  • ހޮލިޑޭ އިން ރިސޯޓް ކަނޑޫމާ މޯލްޑިވްސްގެ ހައުސްކީޕިން މެނޭޖަރު މުހައްމަދު ހާޝިމް
  • ބަނޑޮސް މޯލްޑިވްސްގެ އިންޖިނިއަރިން މެނޭޖަރު މުހައްމަދު ފުއާދު
  • ވިލާ ރިސޯޓްސްގެ ޑިރެކްޓާ އޮފް ސޭލްސް އެންޑް މާކެޓިން އަލީ ރަޝީދު އާދަމް
  • 50 އަހަރުގެ ޚިދުމަތަށް ފަހު، ކޮކޯ ބޮޑު ހިތީގެ ރެސްޓޯރަންޓް މެނޭޖަރުގެ މަގާމުން މި އަހަރު ރިޓަޔާކުރެއްވި ހުސައިން މަނިކުފާނު

މި ހަތަރު ބޭފުޅުންނަކީ ވެސް ހޮސްޕިޓަލިޓީ ދާއިރާގައި ތަފާތު މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅުންނެވެ.

އެގޮތުން، ހާޝިމް ކަނޑޫމާ ރިސޯޓުގައި ވަޒީފާ އަދާކުރައްވަން ފެއްޓެވީ ގާޑްނަރެއްގެ ގޮތުގައެވެ. އޭގެ ފަހުން އެފްއެންޑްބީ، މެރިން އޮޕަރޭޝަންސް އަދި ހައުސްކީޕިން ފަދަ ޑިޕާޓްމަންޓްތަކުގައި މަސައްކަތް ކުރައްވާފައިވެއެވެ. އޭނާ ވަނީ، ކަނޑޫމާގައި 38 އަހަރު ހޭދަކުރައްވައިފައެވެ.

މި އެވޯޑު ހާސިލްކުރެއްވި ފުއާދު ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ފެއްޓެވީ 1979ގައި ބަނޑޮހުގެ ޕަވަހައުސް ޑްރައިވަރެއްގެ ގޮތުގައެވެ. އޭގެ ފަހުން އިންޖިނިއަރިން ދާއިރާގައި ކުރިއަރަމުން ގޮސް 2001ގައި އިންޖިނިއަރިން މެނޭޖަރުގެ މަގާމާ ހަމައަށް ވަޑައިގެންނެވިއެވެ. އޭނާގެ ލީޑަޝިޕްގެ ދަށުން ބަނޑޮހުގައި ވަނީ ގިނަ މަޝްރޫއުތަކެއް ހިންގަވާފައިފައެވެ.

ހުސައިން މަނިކުފާނު ފަތުރުވެރިކަމުގައި 50 އަހަރު ހޭދަކުރައްވާފައި ވާއިރު، އޭނާ މަސައްކަތް ފެއްޓެވީ ލޯންޗު އޮޕަރޭޝަންސްގައެވެ. އޭގެ ފަހުން ކުރުނބާ، ލޮހިފުށި އަދި ކޮކޯ ޕާމް ދުނިކޮޅު ފަދަ ރިސޯޓުތަކުގައި އެފްއެންޑްބީ ދާއިރާގައި މަސައްކަތް ކުރެއްވިއެވެ. އެންމެ ފަހުން މަސައްކަތް ކުރެއްވީ ކޮކޯ ބޮޑު ހިތީގެ ރެސްޓޯރަންޓް މެނޭޖަރެއްގެ ގޮތުގައެވެ.

މީގެއިތުރުން، އަލީ ރަޝީދު އާދަމް ފަތުރުވެރިކަމުގެ ދާއިރާއަށް ވަދެވަޑައިގަތީ 1992ގައި ވިލާ ގްރޫޕްގެ ރިޒަވޭޝަން ސިސްޓަމް ތައްޔާރުކުރުމުގެ މަސައްކަތުގައި ސޮފްޓްވެއާ ޑިވެލޮޕަރެއްގެ ގޮތުގައެވެ. އޭގެ ފަހުން އޭނާ ވަނީ ސޭލްސް އަދި މާކެޓިންގައި މަސައްކަތް ކުރައްވާފައެވެ. ރާއްޖޭގެ ފަތުރުވެރިކަމަށް ޗައިނާ އަދި އިންޑިއާ ފަދަ މުހިންމު މާކެޓްތައް ތައާރަފުކުރުމުގައި އަލީ ރަޝީދު އާދަމް ވަނީ އިސް ދައުރެއް އަދާކުރައްވައިފައެވެ. އަދި ރާއްޖޭގެ ޓުއަ އޮޕަރޭޓަރުން ކުރިއެރުވުމަށް އޭނާ އެހީތެރިވެވަޑައިގެންނެވިއެވެ.

ހޮޓެލިއާ މޯލްޑިވްސް އެވޯޑްސްއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ހުނަރާއި ގާބިލުކަން ފާހަގަކޮށް އިނާމު ދޭ ހަމައެކަނި ޕްލެޓްފޯމެވެ.

މިއީ "ހޮޓެލިއާ މޯލްޑިވްސް އެވޯޑްސް 2025ގެ ޑެޑިކޭޓެޑް ސާވިސް އެވޯޑް"ދޭ ފުރަތަމަ އަހަރެވެ. މި އެވޯޑަށް 300އަށް ވުރެ ގިނަ މީހުން ކުރިމަތިލިއިރު، 100،000އަށް ވުރެ ގިނަ މީހުން ވޯޓު ދިނެވެ.

މިރޭ ބޭއްވި ހަފުލާގައި 23 މީހަކަށް އަދި ހަތަރު ޓީމް ކެޓަގަރީއަކުން ވަނި އިނާމު ދީފައެވެ.

comment ކޮމެންޓް