އިންޑިއާގެ ކޮންގްރެސް ޕާޓީގެ އިސް ލީޑަރު ސޯނިއާ ގާންދީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި

ކޮންގްރެސްގެ އިސް ލީޑަރު ސޯނިއާ ގާންދީ، ފޮޓޯ/ޕީޓީއައި

ބަނޑާ ގުޅުންހުރި ސިއްޙީ މައްސަލައެއްގައި އިންޑިއާގެ ކޮންގްރެސް ޕާޓީގެ އިސް ލީޑަރު އަދި ކޮންގްރެސްގެ ކުރީގެ ރައީސް ސޯނިއާ ގާންދީ އެޑްމިޓްކޮށްފިއެވެ.

ސޯނިއާ ގާންދީ އިއްޔެ އެޑްމިޓްކޮށްފައިވާކަން ދިއްލީގައި ހުންނަ ސާ ގަންގާ ރާމް ހޮސްޕިޓަލުން ނެރުނު ބަޔާނަކާ ހަވާލާދީ ހިންދުސްތާން ޓައިމްސްއިން ރިޕޯޓުކޮށްފައިވެއެވެ.

"ކޮންގްރެސް ޕާލަމެންޓްރީ ޕާޓީގެ ޗެއާޕާސަން ސޯނިއާ ގާންދީ ވަނީ ދިއްލީގެ ސާ ގަންގާ ރާމް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި. ބަނޑާ ގުޅުން ސިއްޙީ ހުރި މައްސަލައެއްގެ ސަބަބުން ގޭސްޓްރޯ ޑިޕާޓްމަންޓުގައި އެޑްމިޓްކޮށްފައި ވަނީ އޮބްޒަވޭޝަންގައި،" އެ ބަޔާނުގައިވެއެވެ.

ސިއްޚީ މައްސަލައެއް ކުރިމަތިވެގެން ޝިމްލާގެ އިންދިރާ ގާންދީ މެޑިކަލް ކޮލެޖް (އައިޖީއެމްސީ) ހޮސްޕިޓަލުން ސޯނިއާ ގާންދީ ވަނީ މި މަހުގެ ކުރީކޮޅު ވެސް ޗެކްއަޕް ހައްދަވާފައެވެ.

ކުރީގެ ބޮޑު ވަޒީރު ރަޖީވް ގާނދީގެ ހުވަފަތް އަނބިކަނބަލުން ސޯނިއާ ގާންދީއަކީ ކޮންގްރެސް ޕާޓީގައި ނުފޫޒު ގަދަ ފަރާތެކެވެ. އެކަމަނާ ވަނީ 1998 އިން 2017 އާ ހަމައަށް، 19 އަހަރު ޕާޓީގެ ރައީސްކަން ކުރައްވާފައެވެ. އޭގެ ފަހުން ޕާޓީގެ ހިންގުން ހަވާލު ކުރެއްވީ ދަރިކަލުން ރާހުލް ގާންދީއާއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް