މިދިޔަ މަހުގެ 18 ވަނަ ދުވަހު ހ. ފެންޓެނޯއީ ގެއިން, އެ ގެއާ ޖެހިގެންހުރި ގުދަނެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ހާދިސާގެ ތަހުގީގުކުރަން އުފެއްދި ރިޔާސީ ކޮމިޝަނުން އިންކުއަރީ ނިންމައި، ރައީސް ޑރ. މުހައްމަދު މުއިއްޒަށް ރިޕޯޓު ހުށަހަޅާފައިވާ ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފިއެވެ.
މި މައްސަލައިގެ ތަހުގީގަށް ޚާއްސަ ކޮމިޝަނެއް އެކުލަވައިލީ އޭޕްރީލް 27، 2025 ގައި ރައީސްގެ ގަރާރަކުންނެވެ.
ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން ފުލުހުން ހައްޔަރުކުރީ ވެއްޓުނު ވަގުތު އޭނާއާ އެކު ހުރި ރައުދު އަހުމަދު ޒިލާލެވެ. އެކަމަކު، އޭނާއަށް ވެސް ދައުވާކޮށްފައިވަނީ އެހީތެރިކަން ބޭނުންވެފައިވާ މީހަކަށް އެހީނުވުމުގެ ކުށުގައެވެ. އެ ދައުވާގެ އަސާސީ އަދަބަކީ އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ.
އެ ހާދިސާ ހިނގިތާ ފަސް ދުވަސް ފަހުން ފުލުހުން ބޭއްވި ސިއްރު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ، ރައުދު މަސްތުވާތަކެއްޗަށް ޕޮޒިޓިވްވިކަން ހާމަކޮށްފައެވެ. އެ ފަހުން އޭނާ ހައްޔަރުކުރީ އެ މައްސަލަައިގައި ގިނަ ބަޔެއްގެ ފާޑުކިޔުން ފުލުހުން އަމާޒުވެފައި ވަނިކޮށެވެ.
ފުލުހުންވަނީ ޔުމްނު ވެއްޓުނީ އަމިއްލައަށް ކަމަށް ބުނެފައެވެ.
އެކަމަކު، އޭނާއާ ހަވާލާދީ އާއިލާގެ ފަރާތުން ވަނީ އެއީ އަމިއްލައަށް ކުރި ކަމެއް ނޫން ކަމަށް ބުނެފައެވެ. ހާދިސާ ހިނގި ހ. ފެންޓެނޯއީ ގޭގައި އުޅުނީ ވެސް މި މައްސަލައިގައި ހައްޔަރުކުރި ރައުދާއި ދެ މީހުން އެކަނި ނޫން ކަމަށާއި އިތުރު ހަތަރު މީހުން އުޅުނު ކަމަށް އާއިލާއިން ޔުމްނުއާ ހަވާލާދީ ބުނެފައެވެ.
ޔުމްނުއަށް ލިބުނު އަނިޔާތަކަށް ދައުލަތާއި އަމިއްލަ ފަރާތްތަކުގެ އެހީއާ އެކު، މެލޭޝިއާގައި އަންނަނީ ފަރުވާ ދެމުންނެވެ.
އެކަމަކު، މި މައްސަލައިގެ ތަހުގީގަށް ޔުމްނުގެ ބަޔާން ނެގުމަށް އާއިލާއިން އެއްބާރުލުން ނުދޭ ކަމަށާއި އެހެންވެ، އެކަން ކުރަން އޭނާ ފަރުވާ ހޯދަމުންދާ މެލޭޝިއާގެ ފުލުހުންގެ އެހީތެރިކަން ހޯދަން ނިންމާފައިވާ ކަމަށް ފުލުހުން މީގެ ކުރިން ބުންޏެވެ. އެ ބަޔާން މިހާތަނަށް ނެގިފައެއް ނުވެއެވެ.
ޔުމްނުގެ އާއިލާއިން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފައެވެ. އެގޮތުން ބަޔާން ނަގަން ރަސްމީކޮށް ނޭދޭ ކަމަށާއި ފުލުހުން އެދިފައިވަނީ އަމިއްލަ ގޮތުން ބައްދަލުކުރަން ކަމަށް އެ އާއިލާއިން ތުހުމަތުކޮށްފައިވެއެވެ.
ޔުމްނުގެ މައްސަލައިގައި ފުލުހުން ހާމަ ކުރާ މައުލޫމާތަށާއި ތަހުގީގު ކުރިއަށްގެންދާ ގޮތަށް އިތުބާރު ނުކުރެވޭ ކަމަށާއި އެ ތަހުގީގަށް މައްސަލައާ ގުޅުން ހުރި ސަރުކާރުގެ އިސް ވެރިންތަކެއްގެ ނުފޫޒު ފޯރުވާ ކަމަށް ބުނެ ޒުވާނުންތަކެއް ސިލްސިލާ މުޒާހަރާތަކެއް ވެސް ކޮށްފައިވެއެވެ.
ކުރީގެ ފުލުސް ކޮމިޝަނަރު އަލީ ޝުޖާއު މަގާމުން އިސްތިއުފާދެއްވީ ވެސް އެ މުޒާހަރާތައް ހޫނުވެފައި އޮއްވައެވެ.
މި މައްސަލަ ބެލި ކޮމިޝަންގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ:
- ޑރ. މުޙައްމަދު މުނައްވަރު، ގ. ހަސަންކާރިގެ
- ބްރިގޭޑިއާ ޖެނެރަލް ރިޓަޔަޑް އަޙްމަދު މުޙައްމަދު، ވ. އަލްމާން
- ޑރ. މޫސާ މުރާދު، ދަފުތަރު ނަންބަރު ރސ 641
- ޖަބީން މުޙައްމަދު، ތ. ވޭމަންޑޫ، މޫނިމާގެ
- އާމިނަތު އީނާސް، ހ. ހަބަރުގެ
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ގަރާރަކުން މި ޚާއްސަ ކޮމިޝަން އުފެއްދެވީ އެ ކޮމިޝަނަށް ބޮޑެތި ބާރުތަކެއް ލިބިދޭ ގޮތަށެވެ. މި ކޮމިޝަނާ މަތިކުރެވޭ މަސައްކަތްތައް ފުރިހަމަވެއްޖެ ކަމަށް ރައީސް ކަނޑައެޅުއްވުމާ ހަމަޔަށް ކޮމިޝަން ދެމިއޮންނާނެ ކަމަށް ރައީސްގެ ގަރާރުގައިވެއެވެ.
ރައީސް މީގެ ކުރިން ވިދާޅުވީ, އެ ކޮމިޝަންގައި ހިމެނިވަޑައިގަންނަވާ ކޮންމެ ބޭފުޅަކަށް ވެސް އެލަވަންސެއް ކަނޑައަޅާފައިވާނެ ކަމަށެވެ.
އޭގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޑޮކްޓަރާއި ސިއްޙީ ދާއިރާގެ މުވައްޒަފަށް ލިބިވަޑައިގަންނަވާނީ މަހަކު 5،000 ރުފިޔާގެ އެލަވަންސެއް ކަމަށް ރައީސް ވިދާޅުވިއެވެ. އެއީ, އެ ދެބޭފުޅުން ވެސް އެ މަސައްކަތަށް ކަނޑައަޅާފައިވަނީ ވަޒީފާއިން ވީއްލި، މުސާރަ ވެސް ހިނގާ ގޮތަށް ކަމަށްވުމުން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ނަމަވެސް, ބާކީ ތިއްބަވާ ބޭފުޅުންނަކީ އެއްވެސް އިތުރު ވަޒީފާއެއް އަދާކުރައްވާ ބަޔަކަށް ނުވުމުން އެއިން ކޮންމެ ބޭފުޅަކަށް 15،000 ރުފިޔާގެ އެލަވަންސެއް ދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރިޔާސީ ކޮމިޝަންގެ ރިޔާސަތު ބަލަހައްޓަވާނީ މުނައްވަރު ކަމަށް ގަރާރުގައިވެއެވެ.