އިންޑިއާއިން އިނގިރޭސިވިލާތަށް ދަތުރު ފެށި އެއާ އިންޑިއާގެ ބޯޓެއް ވެއްޓުނުތާ ކުޑާ ދުވަސްކޮޅެއް ފަހުން، އެ އެއާލައިނުން ހަމަ އެ ރޫޓުން ދަތުރުކުރަން އޮތް ފްލައިޓެއް މިއަދު ކެންސަލްކޮށްފިއެވެ.
އެއާ އިންޑިއާއިން ކެންސަލްކުރީ އަހުމަދުއާބާދުން ލަންޑަނަށް މިއަދު އިންޑިއާ ގަޑިން 13:10ގައި ދަތުރުކުރަން އޮތް ފްލައިޓެކެވެ. އެ ފްލައިޓު އެންމެ ފުރަތަމަ 15:00އަށް ލަސްކުރީއެވެ. ނަމަވެސް އެއަށްފަހު އިއުލާންކުރީ ފްލައިޓް ކެންސަލް ކުރީ ކަމަށެވެ.
އެއާޕޯޓުގެ މުވައްޒަފުންނާ ހަވާލާދީ އެންޑީޓީވީން ރިޕޯޓުކޮށްފައިވާ ގޮތުގައި ކެންސަލްކުރި ފުލައިޓުގައި ދަތުރުކުރަން ޖެހޭ މީހުންނަށް އެހެން އިންތިޒާމުތައް ވަނީ ހަމަޖައްސައިދީފައެވެ.
އެ ފްލައިޓް ކެންސަލް ކުރި ސަބަބާ ގުޅޭ ގޮތުން އެއާ އިންޑިއާއިން ރަސްމީކޮށް އެއްޗެކޭ ނުބުނާ ނަމަވެސް، ސީއެންއެން ނިއުސް18އިން ވަނީ ފްލައިޓް ކެންސަލް ކުރީ ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށް ރިޕޯޓުކޮށްފައެވެ.
އެ ދަތުރުކުރަން ހަމަޖެހިފައިވަނީ ބޯއިން 787-8 ޑްރީމްލައިނާ ބޯޓަކުންނެވެ.
އިއްޔެ ވެސް މި މަރުކާގެ ބޯޓެއްގައި ކުރަން އޮތް ދަތުރެއް ނުކުރެވިދިޔައެވެ. އެގޮތުން އެއާ އިންޑިއާގެ ބޯއިން 787-8 ޑްރީމްލައިނާއެއް، ހޮންކޮންގްއިން ނިއު ދިއްލީއަށް ދަތުރުކުރަމުން ދަނިކޮށް، ޓެކްނިކަލް މައްސަލައެއް ދިމާވި ކަމަށް ޕައިލެޓަށް ބެލެވިގެން އަލުން ހޮންކޮންގައި ވަނީ ޖައްސައިފައެވެ.
މިދިޔަ ބުރާސްފަތި ދުވަހު، އަހުމަދުއާބާދުގެ އެއާޕޯޓުން ނައްޓާލިތާ މާ ގިނައިރުތަކެއް ނުވެ ވެއްޓިފައި ވަނީ ވެސް އެއާ އިންޑިއާގެ ބޯއިން 787-8 ޑްރީމްލައިނާއެކެވެ.
އެ ހާދިސާގައި ބޯޓު ވެއްޓީ، ބޯޓުގައި ތިބި 242 މީހުންގެ ތެރެއިން އެކަކު ފިޔަވައި އެންމެން މަރުވިއެވެ. ބޯޓު ވެއްޓުނީ ހޮސްޓެލްއެއް ހިމެނޭ ގޮތަށް، އިމާރާތްތަކެއްގެ މައްޗަށް ކަމަށްވާއިރު، ބޯޓުގައި ނެތް 33 މީހަކު ވެސް އެ ހާދިސާގައި މަރުވިއެވެ.
އެ ބޯޓުގެ ފްލައިޓް އަދި ވޮއިސް ޑޭޓާ ރެކޯޑަރުތައް ހޯދައި، އިންޑިއާއިން އަންނަނީ އިނގިރޭސިވިލާތާއި ބޯއިންގެ އެހީގައި ތަހުގީގެއް ހިންގަމުންނެވެ. އެގޮތުން މައްސަލަ ބަލަން މަތީ ފަންތީގެ ކޮމިޓީއެއް ވެސް އުފައްދައިފައިވާއިރު، އެ ކޮމިޓީން އަންނަނީ ތަހުގީގު ކުރައަށްގެންދާ ގޮތް ބަލައި، އެފަދަ އެކްސިޑެންޓުތައް ހިނގުން ހުއްޓުވޭނެ ގޮތްތައް ވެސް ބަލަމުންނެވެ.