ޔުމްނު ވައްޓާލީ ކަމަށް ނުބެލެވޭ، ރައުދު ނޫން މީހެއްގެ ބައިވެރިންވުން އޮތް ކަމަށް ވެސް ނުބެލެވޭ: ރިޕޯޓް

ރައުދު އަހުމަދު ޒިލާލް: އޭނާގެ މައްޗަށް ވަނީ ދައުވާ އުފުލާފައި -- ފޮޓޯ/ އެކްސް

.ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު ހައްވާ ޔުމްނު ރަޝީދު (21އ) ވައްޓާލީ ކަމަށް ނުބެލެވޭ ކަމަށާއި އެކަމުގައި އިތުރު މީހެއްގެ ބައިވެރިވުން އޮތް ކަމަށް ނުބެލެވޭ ކަމަށް، އެ މައްސަލަ ތަހުގީގުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ގަރާރަކުން އުފެއްދެވި ރިޔާސީ ކޮމިޝަންގެ ތަހުގީގީ ރިޕޯޓުގައި ބުނެފިއެވެ.

އޭޕްރީލް މަހުގެ 18 ވަނަ ދުވަހު ފުރާޅު މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު ޔުމްނުއަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާތީ, އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދިނުމަށް ފަހު, އިތުރު ފަރުވާއަށް މެލޭޝިއާއަށް ގެންދިޔައީ އޭޕްރީމް މަހުގެ 26 ވަނަ ދުވަހުގެ ރެއެވެ.

މި މައްސަލައިގެ ތަހުގީގަށް ޚާއްސަ ކޮމިޝަނެއް އެކުލަވައިލީ އޭޕްރީލް 27، 2025ގައި ރައީސްގެ ގަރާރަކުންނެވެ.

އެ ކޮމިޝަނުން ތަހުގީގު ނިންމައި ރައީސަށް މިއަދު ރިޕޯޓު ފޮނުވުމާއެކު އެ މަނިކުފާނު ވަނީ ރިޕޯޓު ހާމަކުރުމަށް އަމުރުކުރައްވައިފައެވެ.

ރައީސް އޮފީހުން ހާމަކޮށްފައިވާ އެ ރިޕޯޓުގައިވަނީ، އެ ކޮމިޝަނުން ބެލި ބެލުމުގެ ހާދިސާ ހިނގި ރޭ ރައުދާއި ޔުމްނު ފިޔަވައި އިތުރު މީހަކު ފެންނާނެ ކަމަށް ސީސީޓީވީ ފުޓެޖުން ދައްކާ ކަމަށެވެ. އަދި ހެކިންގެ ހެކިބަހާއި ފޮރެންސިކް ރިޕޯޓުތަކަށް ބަލާއިރު ވެސް ތިން ވަނަ ފަރާތެއް ހާދިސާ ހިނގި ތަނުގައި އެ ވަގުތު ހަރަކާތްތެރިވިކަން އެނގެން ނެތުމުން، ފެންޓޯނިއާގެ ނުވަ ވަނަ ފަންގިފިލާގެ ސިޑިގޮޅީގައިވާ ކުޑަ ދޮރުން ޔުމްނު ވައްޓާލުމުގައި ނުވަތަ ފުންމާލުމުގައި ނުވަތަ ވެއްޓުމުގައި ރައުދު ފިޔަވައި އެހެން ފަރާތެއްގެ ބައިވެރިވުމެއް އަމަލީ ގޮތުން އޮވެދާނެ ކަމަށް ކޮމިޝަނަށް ނުފެންނަ ކަމަށެވެ.

ރައުދާއި ޔުމްނު

އެ ރިޕޯޓުގައިވަނީ، ރައުދު ގަސްތުގައި ޔުމްނު ވައްޓާލީކަން ނުވަތަ ނޫންކަން ކޮމިޝަނަށް ކަނޑައެޅެން ނެތް ނަމަވެސް އޭނާ ޔުމްނު ވައްޓާލުމުގެ ފުރުސަތު ހަނިކަމަށް ކޮމިޝަނަށް ފެންނަ ކަމަށެވެ. އޭގެ ސަބަބުތަކުގެ ތެރޭގައި:

  • ޔުމްނު ފެންޓޯނިއާގެ ސިޑިން މައްޗަށް އަރަނީ އަމިއްލަ އިޚުތިޔާރުގައި އެއްވެސް މަޖުބޫރު ކަމެއް ނެތިކަން ސީސީޓީވީ ފުޓެޖުންނާއި ހެކިން ހެކިބަހުން އެނގޭ
  • ފެންޓޯނިއާގެއަށް ޔުމްނު ދިޔައީ އަމިއްލަ އިޚުތިޔާރުގައި އަދި އެ ގެއަށް ފުރަތަމަ ވަދެފައި ވަނީ ވެސް އޭނާ. އެހެންވެ، އޭނާއަށް އަނިޔާއެއް ދިނުމުގެ މަގުސަދުގައި ރައުދު، ޔުމްނު އެގެއަށް ގެންދިޔައީ ކަމަށް ސީސީޓީވީ ފުޓެޖުންނާއި ހެކިން ހެކިބަހުން އެނގެން ނެތުން
  • ޔުމްނު ނުފެނުމުން ރައުދުގެ ހަރަކާތްތައް ހުރި ގޮތަށް ބަލާއިރު، ޔުމްނު ހޯދުމަށްޓަކައި މަސައްކަތް ކުރި ކަމާއި އެގޮތުން ބާރަށް ޔުމްނުއޭ ކިޔައި ތަކުރާރުކޮށް ގޮވި ކަމަށާއި، މިޓާޒްގެ ފުރާޅަށް ތަކުރާރުކޮށް ބެލުން. އަދި މަގުމަތިން ދިމާވި މީހުންގެ ގާތުގައި ރައްޓެއްސަކު ވެއްޓުނު ކަމަށް ބުނެފައިވާ ކަމާއި އެރޭ ރައުދާއެކު އުޅުނު މީހުންނަށް ގުޅުން މަސައްކަތް ކުރުމަށް އޭނާގެ ފޯނު ޗާޖު ކުރަން އުޅުން. އަދި މީހަކަށް ގުޅެންދެން ފެންޓެނޯއީ ކައިރީގައި ރައުދު މަޑުކުރިކަން ސީސީޓީވީ ފުޓެޖުންނާއި ހެކިން ހެކިބަހުން އެނގޭ
  • ޔުމްނު ފުރާޅުމަތީގައި ޖެހުމާ ގުޅިގެން ނޫން ގޮތަކަށް އެހެން އަނިޔާއެއް އޭނާއަށް ލިބިފައިނުވުން. އަދި މީހަކު ގަދަކަމުން ވައްޓާލުމަށް މަސައްކަތް ކުރުމުގެ އެއްވެސް ނިޝާނެއް ޔުމްނުގެ ހަށިގަޏޑުން ފެންނަން އޮތްކަން މެޑިކަލް ރެކޯޑްތަކާއި ހެކިން ހެކިބަހުން އެނގެން ނެތުން

ރިޔާސީ ކޮމިޝަނުން ވަނީ، ހާދިސާ ހިނގީ ރޭ ރައުދާއި ޔުމްނުގެ އަމަލުތައް ހުރި ގޮތުންނާއި ކުޑަކަމުދާ ތަކެތީގެ ތަހުލީލުން އެނގެން އޮތް ކަމަށާއި، އެރޭ އެ މީހުންނާއެކު އުޅުނު މީހުންގެ ބަޔާނުން ވެސް އެކަން އެނގެން އޮތް ކަމަށެވެ. އަދި ރައުދާއި ޔުމްނު މަސްތުގެ ހާލަތަށް އައީ އަމިއްލަ އިޚުތިޔާރުގައި ކަމަށްވާތީ އޭގެ ސަބަބުން ދިމާވާ ކަންކަމުގެ ޒިންމާ އެ ދެ މީހުން އުފުލަން ޖެހޭނެ ކަމަށް ރިޕޯޓުގައިވެއެވެ.

ޔުމްނު މަސްތުގައި ހުރެ، އުޅުނީ ރައުދާއެކު ކަމަށްވާތީއާއި އެ ރޭ ހިނގި ބައެއް ކަންކަން ހަނދާން ނުވާ ކަމަށް ރައުދު ބުނެފައިވާތީ، ޔުމްނު ވެއްޓުމުގައި ރައުދުގެ އިހުމާލު އޮތް ކަމަށް ކޮމިޝަނަށް ބުރަވެވޭ ކަމަށް ނިންމައިފައިވެއެވެ.

އެ މައްސަލައިގައި އަށް މީހަކު ޕާސްޕޯޓު ހިފަހައްޓައިފައިވާއިރު، ހައްޔަރުކޮށް ދައުވާކޮށްފައިވަނީ ރައުދަށް އެކަންޏެވެ.

https://sun.mv/206559

ރައުދު ހައްޔަރުކުރީ ހާދިސާ ހިނގިތާ ހަފުތާއެއްހާ ދުވަސް ފަހުން އޭޕްރިލް 24ގައެވެ. އެއަށްފަހު އޭނާގެ ބަންދު އިތުރުކުރަމުން ދަނިކޮށް، މިދިޔަ މަހުގެ 26ގައި، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ އިރުޝާދުގެ ދަށުން އޭނާ ވަނީ ދޫކޮށްލައިފައެވެ.

ޕީޖީ އޮފީހުން ބުނީ އޭނާ ދޫކޮށްލީ އޭނާއަށް ކުރާ ދައުވާގެ އަދަބަށްވުރެ ބަންދު އިތުރުވުމުން ކަމަށެވެ.

އެ މައްސަލައިގައި ރައުދުގެ މައްޗަށް އުފުލީ، އެހީތެރިކަން ބޭނުންވެފައިވާ މީހަކަށް އެހީނުވުމުގެ ކުށުގެ ދައުވާއެވެ. އެ ދައުވާގެ އަސާސީ އަދަބަކީ އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ.

comment ކޮމެންޓް