ތަހުގީގަށް އަސަރުނުކުރިޔަސް، އަމީން ސީޕީއަށް ގުޅުއްވުން ބަލައިނުގަނެވޭ: ކޮމިޝަން

ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން -- ފޮޓޯ/ މަޖިލީސް

ހ. ފެންޓޯނިއާގެއިން ފުރާޅެއް މައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގައި ފުލުހުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަމުން ދަނިކޮށް، އޭރުގެ ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއުއަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ގުޅުއްވުމަކީ ބަލައިގަންނަން ދަތި ކަމެއް ކަމަށް، އެ މައްސަލަ ތަހުގީގު ކުރި ރިޔާސީ ކޮމިޝަނުން ބުނެފިއެވެ.

މިދިޔަ އޭޕްރިލް މަހު 18 ވަނަ ދުވަހު ޔުމްނު ހ. މިޓާޒް ގޭގެ ފުރާޅު މަތިން ޔުމްނު ފެނުމުގެ ކުރިން، އޭނާގެ ހަރަކާތްތައް ތަހުގީގު ބަލައިފައިވާއިރު، ޔުމްނުއާއި އޭނާއާ އެކު އުޅުނު މީހުން ފުރަތަމަ ދިޔައީ މއ. މާންދޫގެދެކުނުގެއަށްކަން ހާމަވެފައިވެއެވެ. އެ ގެއަކީ މިނިސްޓަރު އަމީންގެ އާއިލީ ގެކޮޅެވެ.

އެ މައްސަލައިގައި އަމީނަށް ބޮޑުބޭބެ ކިޔައި ދެ މީހަކު ވެސް ޝާމިލުވާތީ، އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް އިދިކޮޅު އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިއެވެ.

އެ މައްސަލައިގައި ޖަވާބުދާރީވާން މިދިޔަ މަހުގެ 15ގައި މަޖިލީހަށް ވަޑައިގެން އޭނާ ވަނީ، 24 އޭޕްރިލްގައި ޝުޖާއު އިސްކޮށް ހުންނަވައިގެން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން އޭނާއަށް ގުޅުއްވި ކަމަށް އެއްބަސްވެފައެވެ. އެކަމަކު، ކޮމިޝަނަރަށް ގުޅުއްވީ އޭނާ ދިރިއުޅުއްވާ ގެކޮޅަށް ފުލުހުން އަންނަން ކޯޓު އަމުރެއް ބޭނުންނުވާނެ ވާހަކަ ދަންނަވަން ކަމަށާއި މި މައްސަލައާ ގުޅިގެން ނުފޫޒު ފޯރުވާ ކަމަށް ބުނެ ކުރަނީ އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއްކަމަށް އަމީން ވިދާޅުވިއެވެ.

ޔުމްނުގެ މައްސަލައިގައި އަމީން ހިމެނޭ ގޮތަށް ސަރުކާރުގެ އިސް ބޭފުޅުން ނުފޫޒު ފޯރުވާ ކަމަށް ބުނެ ތުހުމަތުތައް އަމާޒުވަމުން ދަނިކޮށް، އެ މައްސަލަ ތަހުގީގު ކުރަން ޚާއްސަ ކޮމިޝަނެއް ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ އޭޕްރީލް މަހުގެ 27ގައި އުފެއްދެވިއެވެ. އެ ކޮމިޝަންގެ ތަހުގީގު ނިންމައި ރައީސަށް ރިޕޯޓު އެރުވުމާއެކު ރައީސް ވަނީ ރިޕޯޓް ހާމަކުރަން އަންގަވައިފައެވެ.

ޔުމްނުއަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި ކުރިއަށްގެންދިޔަ މުޒާހަރާތަކުގެ ތެރެއިން: މުޒާހަރާތަކުގައި އަމީންގެ އިސްތިއުފާއަށް ގޮވާލި -- ސަން ފޮޓޯ

އެ ރިޕޯޓުގައިވަނީ، ޔުމްނުގެ މައްސަލައިގައި ފުލުހުން ޕްރެސްއެއް ކުރިއަށްދަނިކޮށް އަމީން ގުޅުއްވީ ހެޔޮ ނިޔަތެއްގައި ނަމަވެސް ފުލުހުންގެ އެއްވެސް އޮފިސަރަކަށް މިނިސްޓަރު ގުޅުއްވައި، މައްސަލައާ ގުޅޭ ގޮތުން އެއްވެސް ވާހަކައެއް ދެއްކުމަކީ އާންމު މީހެއްގެ ވިސްނުމުން ބެލި ނަމަވެސް ބަލައިގަންނަން ދަތިކަމެއް ކަމަށް ކޮމިޝަނަށް ފެންނަ ކަމަށެވެ. ނަމަވެސް އެ ފޯނު ކޯލުގެ ސަބަބުން ތަހުގީގަށް އެއްވެސް އަސަރެއް ކޮށްފައިވާކަމަށް ކޮމިޝަނަށް ނުފެންނަ ކަމަށް ރިޕޯޓުގައިވެއެވެ.

އެ ރިޕޯޓުގައިވަނީ، އެ މައްސަލައާ ގުޅޭ ގޮތުން އަމީނާ ސުވާލުކުރުމުން، އެ ހާދިސާ ހިނގުމުގެ ތިން ދުވަސް ކުރިން އޭނާ ރަސްމީ ދަތުރެއްގައި ފުރާވަޑައިގެން ހުންނެވީ ބޭރުގައި ކަމަށް ވިދާޅުވިއެވެ. އަދި ޔުމްނު ވެއްޓުނު ހާދިސާގެ މައުލޫމާތު ލިބުނީ ހާދިސާ ހިނގި ރޭ މީޑިއާތަކުން ކަމަށާއި، އޭގެ ފަހުން، އޭނާއަށް ބޮޑުބޭބެ ކިޔާ އިޒުދިޔާން މުހައްމަދު އޭނާއަށް ގުޅައި، އިޒުދިޔާން އަކީ ވެސް މާންދޫގެދެކުނުގޭގައި ކަމަށް ރިޕޯޓުގައިވެއެވެ.

އަމީން ވިދާޅުވީ އިޒްދިޔާން އެ މައްސަލައިގެ ވާހަކަ ކިޔައިދިނީ، 17 ވަނަ ދުވަހުގެ ރޭ މާންދޫގެދެކުނުގޭގެ ޓެރަހުގައި އޮތް އެއްވުމަކަށް ދިޔަ ކުއްޖަކު އެހެން ގެއަކަށް ގޮސް އުޅެނިކޮށް ފުރާޅެއް މައްޗަށް ވެއްޓުނު ވާހަކައެއްގެ ގޮތުގައި ކަމަށެވެ.

ޝުޖާއުއަށް ގުޅުއްވި ސަބަބު ތަފުސީލުކޮށްދެއްވަމުން އަމީން ވިދާޅުވީ އެ މައްސަލައިގައި ފުލުހުން މާންދޫގެދެކުނުގެއަށް ދިޔައިރު ކޯޓު އަމުރެއް ނެތް ކަމަށާއި، ބައެއް ފަހަރު ކޯޓު އަމުރު ހޯދުމަށް ވަގުތު ނަގާ ކަމަށް ބުނެފައިވާ ކަމަށެވެ. އެހެންވެ، އެ ގޭގެ އެހެން ވެރިންނާ ވާހަކަދައްކަވައި، އެ ގެއަށް ވަންނަން ކޯޓު އަމުރެއް ބޭނުންނުވާނެ ކަމަށް ބަޔާންކޮށް، ފުލުހުންގެ ތަހުގީގަށް ފަސޭހަކޮށް ދިނުމަށް ޝުޖާއަށް ގުޅުއްވީ ކަމަށް އަމީން ވިދާޅުވިއެވެ.

އެ މައްސަލައިގައި އަށް މީހެއްގެ ޕާސްޕޯޓު ހިފަހައްޓައިފައިވާއިރު އޭގެ ތެރެއިން އަމީނަށް ބޮޑުބޭބެ ކިޔާ މީހުންނަށް ތިބީ އިޒްދިޔާންގެ އިތުރުން ޔޫސުފް އަހުމަދު އަކްރަމެވެ.

އަމީންގެ ފޯނު ކޯލާ ގުޅޭ ގޮތުން ޝުޖާއު ވިދާޅުވި ކަމަށް ރިޕޯޓުގައި ވަނީ، ނޫސްވެރިންގެ ބައްދަލުވުމުގައި އަމީން ގުޅުއްވުމުން ޖަވާބުނުދެއްވާ ކަމަށާއި އަދި ކޯލް އަންނަކަން އޭރުގެ ޑެޕިއުޓީ ކޮމިޝަނަރު އަދި މިހާރުގެ ސީޕީ އިސްމާއީލް ނަވީނާ ހިއްސާކުރެއްވި ކަމަށެވެ. އެ ޕްރެސްއަށް ފަހު އަމީނަށް ގުޅުއްވި ކަމަށް ޝުޖާއު ވިދާޅުވިއެވެ.

އެ ކޯލްގައި އަމީން ވިދާޅުވީ އޭނާ ދިރިއުޅުއްވާ ގެއަށް ވަނުމަށް ކޯޓު އަމުރު ނުހޯދެއްވިޔަސް ފުލުހުންނަށް ކޮންމެ ވަގުތަކު ވެސް ވަނުމަށް ހުއްދަ އޮންނާނެ ކަމަށް ކަމަށް، ޝުޖާއު ވިދާޅުވިއެވެ.

ކުރީގެ ސީޕީ ވަނީ، އެ މެސެޖު ހޯމް މިނިސްޓަރު އަލީ އިހުސާނަށް ރައްދު ކުރެއްވި ކަމަށާއި އެ މައްސަލަ ވަކި ގޮތަކަށް ގެންދިޔުމަށް އެއްވެސް ފަރާތަކުން ނުފޫޒު ފޯރުވާފައި ނުވާ ކަމަށާއި، އެ މައްސަލައިގައި ތަހުގީގު ވަކި ގޮތަކަށް ގެންދަން އެއްވެސް ފަރާތަކަށް އިރުޝާދު ދީފައިނުވާނެ ކަމަށް ވިދާޅުވެފައެވެ.

ޔުމްނުގެ މައްސަލައިގައި ފުލުހުންގެ ތަހުގީގަށް އިތުބާރު ނުކުރެވޭ ކަމަށާއި އެ ތަހުގީގަށް އަމީނާއި ސަރުކާރުގެ އިސް ބޭފުޅުން ނުފޫޒު ފޯރުވާ ކަމަށް ބުނެ މުޒާހަރާކޮށް، އެ ބޭފުޅުންގެ އިސްތިއުފާއަށް ގޮވާލިއެވެ.

އެ މައްސަލައިގެ ތަހުގީގު ކުރިއަށްދަނިކޮށް، ޝުޖާއު ވަނީ އޭޕްރިލް 26ގައި މަގާމުން އިސްތިއުފާދެއްވައިފައެވެ.

comment ކޮމެންޓް