ޔުމްނު ވެއްޓުމުގެ ތަހުގީގުގައި މައްސަލަތަކެއް، ފަރުވާކުޑަކުރި ފުލުހުންނަށް ފިޔަވަޅު އަޅަންޖެހޭ: ކޮމިޝަން

ޔުމްނު ރަޝީދު ވެއްޓުނު ހާދިސާގެ ތަހުގީގުކުރުމަށް އުފެއްދި ރިޔާސީ ކޮމިޝަން -- ފޮޓޯ/ ރައީސް އޮފީސް

މިދިޔަ އޭޕްރީލް މަހުގެ 18ވަނަ ދުވަހު ހ. މިޓާޒްގޭގެ ފުރާޅުމަތީ އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދުގެ ތަހުގީގުގައި މައްސަލަތަކެއް ފާހަގަވެފައި ވާކަމަށާއި ފަރުވާކުޑަކުރި ފުލުހުންގެ މައްސަލަ ބަލައި، އިސްލާހީ ފިޔަވަޅު އެޅުން މުހިންމު ކަމަށް އެމައްސަލަ ދިރާސާކުރުމަށް އުފެއްދި ރިޔާސީ ކޮމިޝަންގެ ރިޕޯޓުގައި ބުނެފިއެވެ.

އެ ރިޕޯޓުގައި ވަނީ، އެމައްސަލަ ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރި ގޮތް ހާމަކޮށްފައެވެ.

އެގޮތުން، މިހާދިސާގެ މައުލޫމާތު ލިބުމުން އެކަށީގެންވާ ވަގުތެއްގެ ތެރޭގައި ހެންވޭރު ޕޮލިހުންގެ ރެސްޕޮންސް އެންޑް ޕެޓްރޯލް ބީޓަށް ހާދިސާ ހިނގި ސަރަހައްދަށް ދިޔުމަށް އެންގިކަމަށާއި އެކަމަކު، އިންވެސްޓިގޭޝަން އޮފިސަރު (އައިއޯ)އަށް އެ ސަރަހައްދަށް ހާޒިރުވާން ޖެހޭ ކަމަށް ކޮމާންޑު ސެންޓަރުން މައުލޫމާތު ދިނީ އޭގެ ގަޑިއިރެއް ފަހުން ކަމަށް ރިޕޯޓުގައި ވެއެވެ.

އެހެންވެ، އައިއޯއަށް ކުށުގެ ވެއްޓަށް ދެވުނީ ތަހުގީގަށް ބޭނުންވާނެ ހެއްކާއި ގަރީނާތައް ސީން އޮފް ކްރައިމް އޮފިސަރުން އެތަނުން ނަގައި ނިމުން ފަހުން ކަމަށް ކޮމިޝަނުން ބުންޏެވެ. އަދި، އައިއޯއަށް ސީނަށް ހާޒިރުނުވެވުމުން ތަހުގީގަށް ބޭނުންވާ ފުރިހަމަ މައުލޫމާތާއި ހެކިތައް ހޯދިފައިނުވާ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

އެކަށީގެންވާ ވަގުތެއްގައި ފަޔާ އެންޑް ރެސްކިއު ސާވިސްއާއި ޕެރެމެޑިކްސް ސީނަށް ހާޒިރުވި ނަމަވެސް، ކުށުގެ ވެށީގެ ބައުންޑްރީއެއް ކަނޑައަޅާފައި ނެތް ކަމަށާއި އެ ވެށި ރައްކާތެރިކުރެވިފައި ނެތްކަން ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

އެއާއެކު، ޔުމްނު ވެއްޓުނު ރޭ އޭނާ ހ. ފެންޓެނޯއީ ގޭގެ ހަތަކާއި އަށަކާއި ނުވަ ވަނަ ފަންގިފިލާގައި އުޅުނުކަން އެނގެން އޮތްއިރު، ،ސީން އޮފް ކްރައިމް އޮފިސަރުގެ ހައިސިއްޔަތުން ކުރަން ޖެހޭ ގިނަ ކަންތައްތަކެއް ނުކޮށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ސީން ދޫކޮށްލާފައިވާކަން ކޮމިޝަނުގެ ރިޕޯޓުގައިވެއެވެ.

އޭގެފަހުން، އިތުރު ހެކި ހޯދަން އެ ދުވަހުގެ ހަވީރު ފުލުހުން ދިޔަ ނަމަވެސް، މިޓާޒް ގޭގެ ފުރާޅު މައްޗަށް އަރައި، އެތަނުން ހެކި ލިބޭތޯ ބަލާފައި ނުވާކަން ވަނީ ފާހަގަކޮށްފައެވެ.

އެކަންކަމަށް ރިއާޔަތްކޮށް ކޮމިޝަނުން ބުނީ، މިފަދަ އަމަލުތައް ފުލުހުންގެ ފަރާތުން ތަކުރާރުވިޔަ ނުދިނުމަށްޓަކައި، އެ ޑިޕާޓުމަންޓުތަކުގެ އެސްއޯޕީއަށް ފުލުހުން އަހުލުވެރިކުރުވަން ޖެހޭ ކަމަށެވެ. އަދި، ހާދިސާގެ ތަހުގީގުގައި ފަރުވާ ކުޑަކުރި ފުލުހުންގެ މައްސަލަ ބަލައި، އިސްލާހީ ފިޔަވަޅު އެޅުން މުހިންމު ކަމަށް އެކޮމިޝަނުން ވަނީ ބުނެފައެވެ.

މީގެ އިތުރުން މި ރިޕޯޓުގައި ވަނީ، ހާދިސާ ހިނގި ރޭ ރައުދާއި ޔުމްނު ފިޔަވައި އިތުރު މީހަކު ނުފެންނަ ކަމަށް ސީސީޓީވީ ފުޓޭޖުން ދައްކާ ކަމަށެވެ.

އަދި ހެކިންގެ ހެކިބަހާއި ފޮރެންސިކް ރިޕޯޓުތަކަށް ބަލާއިރު ވެސް ތިންވަނަ ފަރާތެއް ހާދިސާ ހިނގި ތަނުގައި އެ ވަގުތު ހަރަކާތްތެރިވިކަން އެނގެން ނެތުމުން، ފެންޓޯނިއާގެ ނުވަވަނަ ފަންގިފިލާގެ ސިޑިގޮޅީގައިވާ ކުޑަ ދޮރުން ޔުމްނު ވައްޓާލުމުގައި ނުވަތަ ފުންމާލުމުގައި ނުވަތަ ވެއްޓުމުގައި ރައުދު ފިޔަވައި އެހެން ފަރާތެއްގެ ބައިވެރިވުމެއް އަމަލީ ގޮތުން އޮވެދާނެ ކަމަށް ކޮމިޝަނަށް ނުފެންނަ ކަމަށް އެ ރިޕޯޓުގައި ވެއެވެ.

comment ކޮމެންޓް