ބޮލީވުޑް އެކްޓަރު ސަލްމާން ޚާން އަލަށް މަސައްކަތް ފަށަން ތައްޔާރުވަމުން އަންނަ ފިލްމަށް އެކްޓަރުގެ ހަށިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
އަންނަ މަހުތެރޭ ޝޫޓިންގް ފަށަން ޕްލޭންކޮށްފައިވާ މި ފިލްމަކީ ސަލްމާން އަސްކަރީ އޮފިސަރެއްގެ ރޯލް ކުޅެން ހަމަޖެހިފައިވާ ފިލްމެކެވެ. ހަނގުރާމައިގެ މައިދާނުގައި ސަލްމާންގެ ވަރުގަދަ އެކްޝަން މަންޒަރުތަކެއް ފެންނާނެ މި ފިލްމަށް ތައްޔާރުވުމުގެ ގޮތުން ކަސްރަތު ކުރުމުގައި ހަރަކާތްތެރިވާ މަންޒަރު ވެސް އެކްޓަރު ވަނީ ދާދިފަހުން ސޯޝަލް މީޑިއާގައި ޕޯސްޓުކޮށްފައެވެ.
އޭގެ ފަހުން ދެން ފެނުނީ ކުރިއަށްވުރެ ހަށިގަނޑުގެ ބަރުދަން ލުއިކޮށް މުޅިން ތަފާތު 'ލުކް'އެއްގައި ސަލްމާން ހުއްޓާ ފެނުނު ފޮޓޯއެކެވެ.

ސަލްމާން ޚާން ދާދިފަހުން ބައިވެރިވި ކޮމެޑީ ޝޯ "ދަ ގްރޭޓް އިންޑިއަން ކަޕިލް ޝޯ"ގައި--ފޮޓޯ/ފޭސްބުކް
ރިޕޯޓުތައް ބުނާގޮތުން ސަލްމާން އަލަށް މަސައްކަތް ފަށަން ތައްޔާރުވަމުން އަންނަ ފިލްމަކީ އަޕޫރުވާ ލާކިއާ ޑައިރެކްޓްކުރާ "ގަލްވާން ވޭލީ"ގެ ނަމުގައި އުފައްދާ މި ފިލްމެކެވެ. މި ފިލްމުގައި ސަލްމާން ކުޅޭ ކެރެކްޓާ ހުންނަންޖެހެނީ ވަރަށް ސްމާޓްކޮށް އަސްކަރީ އޮފިސަރުންގެ ހަށިގަނޑު ހުންނަ ގޮތަށް ވަރަށް ބޮޑަށް ބަރުދަން ލުއިކޮށްފައެވެ. އެހެންވެ, އެކްޓަރުގެ ބިޔަ ހަށިގަނޑުގެ މަސްތައް ވިރުވާލުމަށް ޚާއްސަ ތަމުރީނުތަކެއް ވެސް އެކްޓަރު އަންނަނީ ހަދަމުންނެވެ.
ސަލްމާންގެ ހަށިގަނޑަށް ގެނައި ބަދަލުތަކާ އެކު އެކްޓަރުގެ ފޮޓޯތައް ފެނުމުން ގިނަ ބަޔަކު ވަނީ ފިލްމު "ސުލްތާން"ގައި ފެނުނު އެކްޓަރު އަލުން އެނބުރި ސްކްރީނަށް އަންނަން ތައްޔާރަށް ހުރި ކަމަށެވެ.
ހަމައެއާއެކު ފިލްމުތަކުގައި ކުޅޭ ކެރެކްޓާއަށް ތައްޔާރުވުމުގެ ގޮތުން ސަލްމާން ކުރަމުން އަންނަ މަސައްކަތްތަކަށް ގިނަބަޔަކު ތައުރީފުކޮށްފައިވާއިރު މިއީ އަބަދުވެސް ސަލްމާންގެ ފަރާތުން ފެންނަ އެންމެ ގިނަ ބަޔަކަށް ކަމުދާ ސިފަ ކަމަށް އެއް ބަޔަކު ވަނީ ބުނެފައެވެ.
ފިލްމު "ސިކަންދަރު"އަށް ފަހު ބޭރު ތެރެއިން ސަލްމާން ފެނުނުއިރު ހަށިގަނޑަށް އައިސްފައިވާ ބަދަލުތަކާ ގުޅިގެން ގިނަ ބަޔަކު ވަނީ އޭރު ކަންބޮޑުވުން ފާޅުކޮށްފައެވެ. އޭރު ސަލްމާން ބަނޑެއްލާފައި ހުރެ ބަރުދަން އިތުރުވެފައިވާ މަންޒަރު ފެނުމުން ސަލްމާނަށް ސަޕޯޓުކުރާ ގިނަ ބަޔަކު ބުނެފައިވަނީ ސަލްމާން ވެސް ސިއްހަތާ މެދު ފަރުވާކުޑަކުރަން ފެށީ ކަމަށެވެ.
ނަމަވެސް، އެންމެ ފަހުން އެކްޓަރު ސޯޝަލްމީޑިއާއަށް ދޫކޮށްލި ފޮޓޯތަކާ އެކު ސަލްމާނަކީ ކަންކަމުގައި އެހާ އަވަހަށް ހިތްވަރުދޫކޮށްލާނެ ތަރިއެއް ނޫންކަން ސާބިތުކޮށްދީފި ކަމަށް ސަޕޯޓަރުން ވަނީ ބުނެފައެވެ.