ބިލް އޮޅުވާލާ ޝަކުވާއަށް ހައްލެއް, ސުމާޓް މީޓަރު ހަރުކުރުން ސެޕްޓެމްބަރަށް ނިންމަނީ

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ: 'އެކްސް'ގައި މިއަދު އޭނާ ލިޔުއްވިގޮތުގައި ސެޕްޓެމްބަރު މަހުގެ ނިޔަލަށް ސްޓެލްކޯގެ ހުރިހާ ކަސްޓަމަރުންގެ މީޓަރުތައް ސްމާޓް މީޓަރުތަކަށް ބަދަލުކުރެވޭނެ -- ފޮޓޯ/ ސްޓެލްކޯ

އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ސްޓެލްކޯގެ ހުރިހާ ކަސްޓަމަރުންގެ މީޓަރުތައް ސްމާޓް މީޓަރަށް ބަދަލުކޮށް ނިމޭނެ ކަމަށް، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ މިއަދު ވިދާޅުވެއްޖެއެވެ.

'އެކްސް'ގައި ލިޔުއްވި ޕޯސްޓެއްގައި ފަހުމީ ވިދާޅުވީ، ކަސްޓަމަރުންނަށް ޒަމާނީ ޚިދުމަތެއް ފޯރުކޮށްދިނުމުގެ މަގުސަދުގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ސްމާޓް މީޓަރު ހަރުކޮށް، ކަސްޓަމަރުންނަށް ސްމާޓް އެޕްލިކޭޝަން ތައާރަފްކުރުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާ ކަމަށެވެ.

"އަދި މާތްﷲގެ އިރާދަފުޅާއެކު ސެޕްޓެމްބަރު މަހުގެ ނިޔަލަށް ސްޓެލްކޯގެ ހުރިހާ ކަސްޓަމަރުންގެ މީޓަރުތައް ސްމާޓް މީޓަރަށް ބަދަލު ކުރެވިގެންދާނެ. ސްމާޓް މީޓަރުގެ މި ސްމާޓް އެޕްލިކޭޝަނާއެކު، ކަސްޓަމަރުންނަށް މީޓަރުގެ މަޢުލޫމާތު ފެނި، ގަޑިއިރަކަށް، ދުވާލަކަށް އަދި ހަފުތާއަކަށް ކަރަންޓު ބޭނުންކުރެވޭ މިންވަރު ވެސް ފެންނަމުންދާނެ،" އޭނާ ވިދާޅުވިއެވެ.

ސްމާޓް މީޓަރު ހަރުކުރުމުގެ ސަބަބުން ކަސްޓަމަރުންނަށް ލިބޭނެ އެންމެ ބޮޑު އެއް ފައިދާއަކީ ފަހުމީ ވިދާޅުވިގޮތުގައި، ކަރަންޓު ބޭނުންކުރެވޭ މިންވަރު ކަސްޓަމަރުންނަށް އެނގި، ކަރަންޓު އިގުތިސާދުކުރުމަށް ޚާއްސަ ސަމާލުކަމެއް ދެވި، ކަރަންޓަށް ކުރާ މާލީ ޚަރަދު ކުޑަކުރެވުމެވެ.

މީގެ އިތުރުން، ސްޓެލްކޯއިން ތައާރަފުކުރާ ސްމާޓް އެޕްލިކޭޝަންގެ ސަބަބުން ގިނަ ބިލުތަކަށް އެއްފަހަރާ ފައިސާ ދެއްކުމުގެ ފުރުސަތު ލިބުމުގެ އިތުރުން، ސްޓެލްކޯ ކެއާ މެދުވެރިކޮށް އެ ކުންފުނީގެ މުވައްޒަފުންނާ މުއާމަލާތުކުރުމުގެ ފުރުސަތު ވެސް ލިބިގެން ދާނެ ކަމަށް ފަހުމީ ވިދާޅުވިއެވެ.

ކަރަންޓު ފޯރުކޮށްދިނުމުގެ ނިޒާމު ޒަމާނީ ކުރުމަށްޓަކައި ރާއްޖޭގައި ސްމާޓް ގުރިޑެއް ތައާރަފުކުރުމުގެ މަސައްކަތް ސްޓެލްކޯއިން ފެށީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައެވެ.

comment ކޮމެންޓް