މާލޭ، ދިލްބަހާރުމަގުގައި ގަވައިދާ ޚިލާފަށް ވިޔަފާރިކުރަމުންދިޔަ 31 ބިދޭސީން އިއްޔެ އަތުލައިގަތް ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ބުނެފިއެވެ.
އިމިގްރޭޝަނުން ބުނީ މާލޭގެ ދިލްބަހާރުމަގުގައި ބިދޭސީންގެ ނުފޫޒު ބޮޑުކަމަށް ބެލެވޭ ވިޔަފާރިތައް ހިންގާ ކަމުގެ ރިޕޯޓު ގިނަ އަދަދަކަށް ލިބިފައިވާތީ އިއްޔެ ހަވީރު ޓާސްކްފޯހުން އެ ސަރަހައްދު ބަލައިފާސްކޮށްފައިވާ ކަމަށެވެ.
އަދި އެ އޮޕަރޭޝަނުން، އެ ތަންތަނުގައި ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ 31 ބިދޭސީން ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
ރާއްޖޭގައި ހުއްދަ ނެތި ވިޔަފާރި ކުރާ އެތައް ބިދޭސީންނެއް އުޅޭއިރު، އިމިގްރޭޝަނުން އަންނަނީ ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އެކި ސަރަހައްދުތަކުގައި ރެއިޑު އޮޕަރޭޝަންތައް ހިންގަމުންނެވެ.
އޭގެއިތުރަށް، އިމިގްރޭޝަނުން ދަނީ ރާއްޖޭގައި އުޅޭ ބިދޭސީންގެ މައުލޫމާތު އެއްކޮށް، އެ މީހުން ގާނޫނުގެ ތެރެއަށް ވެއްދުމާއި، ގާނޫނުގެ ދަށުން އެ މީހުންނަށް ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުންނެވެ. މީގެ ތެރޭގައި އެ މީހުން ލައްވައި ނުގަވާއިދުން މަސައްކަތް ކުރުވާ ފަރާތްތަކަށް ފިޔަވަޅު އެޅުން ވެސް ހިމެނެއެވެ.
މި ސަރުކާރުގެ އަމާޒަކީ، ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ދައުރުގެ ފުރަތަމަ ތިން އަހަރު ތެރޭގައި ހައްލުކުރުމެވެ.