"އުމުރުން 79 އަހަރު ވިޔަސް މިހާރު ވެސް ވަރަށް ގަދަވާނެ. ވަރަށް ވަރުގަދަކޮށް މަސައްކަތްކޮށް އުޅޭނެ,"
އިއްޔެ ޑިންގީއެއްގައި ކަނޑަށް ނުކުމެ އުޅެނިކޮށް ގެއްލިގެން ހޯދަމުން އަންނަ, ގދ. ގައްދޫ, ކޯޒީރައުންޑް, ޒަކަރިއްޔާ މުޙައްމަދު, އެ ރަށު މީހަކު ސިފަކޮށްދިނީ މިގޮތަށެވެ.
އޭނާގެ ކަންކަން އެނގޭ މީހަކު "ސަން"އަށް ބުނި ގޮތުގައި މުޅި އުމުރު ދަނޑުވެރިކަމުގައި ހޭދަކުރަމުން އަންނަ ޒަކަރިއްޔާ އިއްޔެ ގައްދުއިން ހެނދުނު 9:30 އެހާކަންހާއިރު އެކަނި އޭނާގެ ކުޑަ ޑިންގީގައި ފުރީ, އެ ރަށާ ޖެހިގެން އޮންނަ ގަމަށް ދިއުމަށެވެ.
އެއީ ވަރަށް ކުޑަ ކަނޑުއޮޅިއެއް ހުރަސް ކޮށްފައި ދެވެން އޮންނަ ރަށެކެވެ. ޒަމާނުންސުރެ ގައްދޫ މީހުން ދަނޑުވެރިކަންކުރަން ގޮސް އުޅެނީ ގަމަށެވެ. އިއްޔެ ޒަކަރިއްޔާ ވެސް އެ ރަށަށް އާދައިގެ މަތިން ދިޔައީ އެފަދަ ބޭނުމެއްގައެވެ.

އިއްޔެ ހެނދުނު 11:15 ކަންހާއިރު އޭނާ "ބޮންތި" ކިޔާ ޑިންގީގައި ގަމުން ފުރިތަން ދުށް މީހެއް އެބަހުރި ކަމަށާއި އޭގެ ފަހުން އޭނާގެ ޚަބަރެއްނުވާ ކަމަށް މައުލޫމާތު ދިން މީހާ ބުންޏެވެ. އެންމެ ފަހުން ޒަކަރިއްޔާ ފެނުނު ވަގުތު ކޮޅިގަނޑެއްގެ އަސަރު އެ ސަރަހައްދަށް ކުރި ކަމަށް ވެސް އޭނާ ބުންޏެވެ.
"އެ ޑިންގީގެ އިންޖީނުގައި ވެސް އުޅޭ މައްސަލައެއް. އެހެންވެ އެކަނި ނުދާން ވެސް ބުނެފައިވަނީ އެ އާއިލާއިން ވެސް," މައުލޫމާތު ދިން މީހާ ބުންޏެވެ.
ޒަކަރިއްޔާ ގެއްލުނުއިރު ލައިގެން ހުރީ ނޫ ކުލައިގެ އަތްކުރު ގަމީހަކާއި ކަޅު ކުލައިގެ ސޯޓެކެވެ.
ޒަކަރިއްޔާ ހޯދުމަށްޓަކައި ސިފައިންނާއި ފުލުހުންގެ އިތުރުން ގައްދޫގެ ދޯނިފަހަރުން ނުކުމެ އިއްޔެއިން ފެށިގެން އަންނަނީ މަސައްކަތް ކުރަމުންނެވެ.
"މުޅި އައްޑުއާ ހަމައަށް ކަނޑުގެ ސަރަހައްދު ވެސް ބަލައިފި. އެއާ އެމްބިއުލާންސް ވެސް މަތިން ހެނދުނު ސާޗެއް ކުރި. އިއްޔެ ހަވީރުން ފެށިގެން މަސައްކަތް އެބަކުރޭ. އަދި ފެންނަ ގޮތެއް ނުވޭ," މައުލޫމާތު އެނގޭ މީހާ ބުންޏެވެ.
ކަނޑު މަގުންނާއި ވައިގެ މަގުގެ އިތުރުން ގަމާއި ގައްދޫ ވެސް ބަލައި ހަދައިފިއެވެ. ނަމަވެސް، ޒަކަރިއްޔާގެ ވެސް އަދި ޑިންގީގެ ހިލަމެއް ވެސް އަދި ނުފެނެއެވެ.
ޒަކަރިއްޔާގެ ދެމަފިރިންގެ ހަތް ދަރިން ތިބެއެވެ. އެ ހުރިހާ އެންމެން ވެސް މިހާރު ބޮޑެތި ވެފައިވާއިރު އެއީ ހަ އަންހެނުންނާއި އެއް ފިރިހެނެކެވެ. ދަރިން ބޮޑެތި ކުރުމަށާއި ދިރިއުޅުމުގެ އެހެން ހަރަދުތައް ބެލެހެއްޓުމަށް ވަރަށް ކުރީންސުރެ ޒަކަރިއްޔާ ކުރަމުން އައީ ދަނޑުވެރިކަމުގެ އެކިއެކި މަސައްކަތްތަކެވެ.
"މިހާރު ވެސް ރުކަށް އަރައި ރާބާލައި ވެސް ހަދާނެ. އަލަ ހައްދައިގެން އަލަ ވިއްކުމާއި ރާ ވިއްކުމާ އެކަހަލަ ކަންކަން އޭނާ ކުރަނީ އާމްދަނީ ހޯދަން," އެ ރަށުން ވާހަކަދެއްކި މީހާ ބުންޏެވެ.
އެމްއެންޑީއެފްއިން ބުނީ، ޒަކަރިއްޔާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މީޑިއާ އޮފިޝަލް ފޯނަށް ޖަވާބު ނުދެއްވާތީ އިތުރު ތަފުސީލު ލިބޭގޮތެއް އަދި ނުވެއެވެ.
ކަނޑު ބޭރުވާ އުޅަނދުތަކުގައި އެކަނި ދަތުރުކުރުމަކީ ރާއްޖޭގެ ގަވާއިދުތައް ބުނާގޮތުން މަނާ ކަމެކެވެ. އަދި، އެފަދަ ދަތުރުތައް ކުރާ އުޅަނދުތަކުގައި ވެސް ސަލާމަތީ ވަކި އާލާތްތަކެއް ހުރުން ގަވާއިދުން ލާޒިމުކުރެއެވެ. ނަމަވެސް އެކަނި މަސްވެރިކަމާއި އެހެނިގެން ބޭނުންތަކަށް ދަތުރު ކުރުމަކީ ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް ކޮށް އުޅޭ އާއްމު ކަމެކެވެ.