ޑޮލަރު ރޭޓު ދަށްނުވެ، ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު 20 ރުފިޔާއަށް މިއަދު އަރައިފިއެވެ.
ރާއްޖޭގައި ޑޮލަރު ވިއްކާ ރަސްމީ ބޭންކް ރޭޓަކީ 15.42 ރުފިޔާއެވެ. އެކަމަކު، ބޭންކުން އެކަށިގެންވާ މިންވަރަށް ޑޮލަރު ނުލިބޭ މައްސަލަ ބޮޑުވެ، އާންމުން ޒަރޫރީ ކަންކަމަށް ވެސް ޑޮލަރު ހޯދަން ޖެހެނީ ކަޅު ބާޒާރުންނެވެ.
ކަޅު ބާޒާރުގައި މިއަދު ޑޮލަރެއްގެ އަގު ހުރީ 20 ރުފިޔާއަށެވެ.
ޑޮލަރެއްގެ އަގު 19 ރުފިޔާއަށް ވުރެ މަތީގައި ހުންނަތާ ގިނަ ދުވަސްތަކެއް ވެއްޖެއެވެ. އެ ގޮތުން، މިދިޔަ މަހު ފަހުކޮޅު ވެސް ޑޮލަރެއްގެ އަގު ހުރީ 19.50 ރުފިޔާއާއި 19 ރުފިޔާއާ ދެމެދުގައެވެ. އަދި، އޭގެ ފަހުން މި މަހު ޑޮލަރެއްގެ އަގު ވަނީ 19.50 ރުފިޔާއާއި 19.80 ރުފިޔާއާ ހަމައަށް އުފުލިފައެވެ.
ޑޮލަރެއްގެ އަގު ބޮޑުވުމުން އާންމުންގެ ދިރިއުޅުމަށް ވަރަށް ބޮޑަށް އަސަރުކުރެއެވެ. ސަބަބަކީ، ރާއްޖެއަކީ އުފެއްދުންތެރިކަށް ދަށްވުމުގެ ސަބަބުން ރާއްޖެއަށް ބޭނުންވާ އެންމެ ޒަރޫރީ ތަކެތި ވެސް އެތެރެކުރަނީ ބޭރު ގައުމުތަކުންނެވެ. އެ ތަކެތި ގަންނަން ވިޔަފާރިތަކުން ވެސް ކަޅު ބާޒާރުން ޑޮލަރު ގަންނަން ޖެހުމުން ތަކެތީގެ އަގު ވަރަށް ބޮޑަށް އުފުލެއެވެ.
މުސާރައާއި އާމްދަނީ އިތުރު ނުވަނީސް ތަކެތީގެ އަގުތައް އުފުލުމުގެ ސަބަބުން މީހުން ހަރަދު ކުރާ ވަރު ދަށްވެ, ވިޔަފާރިތަކަށް އޭގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރެއެވެ.
އެ ގޮތުން، ބިޒްނަސް އެންޑް ޕްރޮޕަޓީ ޓެކްސް ނުވަތަ ވިޔަފާރީގެ އާމްދަނީއާއި މުދަލުން ނަގައި ޓެކުހުން ދައުލަތަށް ލިބޭ އާމްދަނީން 680 މިލިއަން ރުފިޔާ މި އަހަރުގެ މިހާތަނަށް ދަށަށް ގޮސްފައިވާކަން ފިނޭންސް މިނިސްޓްރީން މި ފަހުން ހާމަކުރި ތަފާސްހިސާބުތަކުން ދައްކައެވެ.
ޑޮލަރު އަގު ބޮޑުވުމަކީ އެކަށީގެންވާ ބޭސް ފަރުވާ ނުލިބޭތީ ރާއްޖޭން ބޭރަށް ދަތުރު ކުރަން ޖެހޭ ގިނަ އަދަދެއްގެ ބަޔަކަށް ވެސް އޮތް ބޮޑު ގޮންޖެހުމެކެވެ. އަދި، ރާއްޖޭން ބޭރުގައި ކިޔަވާ ކުދިންނަށް ވެސް މިއީ ބޮޑު ގޮންޖެހުމެކެވެ.
މި ސަރުކާރު އައިފަހުން ޑޮލަރުގެ އަގު އެންމެ ރަނގަޅަށް ހުރީ މިދިޔަ އަހަރުގެ ފެބްރުއަރީ ހިސާބުގައެވެ. އެ ދުވަސްވަރު ދުބާއީގައި ހުންނަވައި ނޫސްވެރިންނާ ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވިދާޅުވީ, ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ހަތަރު މަހެއްހައި ދުވަހުން ރާއްޖެއަށް ދިމާވެފައި އޮތް ޑޮލަރުގެ މައްސަލަ ހައްލުކުރުން ކަމަށެވެ.
އޭގެ ފަހުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެސް ވަނީ ޑޮލަރުގެ އަގު މަތި ނުވާނެ ކަމަށާއި ދެން ދާނީ ތިރިއަށް ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އަދިއަދަށް ވެސް އެކަން ކާމިޔާބު ވާގޮތެއް ނުވެއެވެ.
މިދިޔަ އޭޕްރީލް މަހު ރައީސް މުއިއްޒު ވަނީ ރާއްޖެއަށް ދިމާވެފައި އޮތް ޑޮލަރުގެ މައްސަލަ ހައްލުކުރެވި، ޑޮލަރެއްގެ އަގު ބޭންކް ރޭޓަށް 2027 ނިމުމުގެ ކުރިން ދަށްކުރެވޭނެ ކަމަށެވެ. އޭގެ ކުރިން ރައީސް ވަނީ ޑޮލަރުގެ ރޭޓު ދެން ވާނީ ދަށްކަމަށާއި އިތުރަށް މަތިނުވާނެ ކަމަށް ވިދާޅުވެފައެވެ.
އެކަމަކު، ޑޮލަރެއްގެ އަގު އަންނަނީ ދުވަހުން ދުވަހަށް ބޮޑުވަމުންނެވެ.
މަރުކަޒީ ބޭންކް، އެމްއެމްއޭއިން ވަނީ ރާއްޖޭގެ ރިސޯޓުތަކަށް ޒިޔާރަތްކުރާ ކޮންމެ ފަތުރުވެރިއެއްގެ ބޮލަކަށް 500 ޑޮލަރު ނުވަތަ ގެސްޓްހައުސްތަކުން 25 ޑޮލަރު ދިވެހި ބޭންކްތަކަށް މާރުކުރަން ޖެހޭ ގޮތް ހަދައިފައެވެ. އެ ގަވާއިދުގެ ދަށުން, ބޭންކުތަކަށް ކޮންމެ ހަފުތާއަކު ލިބޭ ބޭރު ފައިސާގެ 60 އިންސައްތަ, ޖެހިގެން އަންނަ ހަފުތާގެ ބުދަ ދުވަހުގެ ކުރިން, އެ ބޭންކަކުން އެމްއެމްއޭގައި މާރުކުރަން ޖެހޭނެއެވެ. އަދި، ޖޫން މަހުން ފެށިގެން އެ 60 އިންސައްތަ 90 އިންސައްތައަށް އެމްއެމްއޭއިން ވަނީ އިތުރުކޮށްފައެވެ.
އެމްއެމްއޭއަށް 90 އިންސައްތަ ޑޮލަރު މާރުކުރަން ޖެހޭ ގޮތް ހެދިއިރު ރާއްޖެއިން މި އަހަރު 668 މިލިއަން ޑޮލަރު އަދި އަންނަ އަހަރު 1.1 ބިލިއަން ޑޮލަރު ދަރަންޏަށް ދައްކަން ޖެހެއެވެ.