ބޮލީވުޑް އެކްޓަރު ޝާހްރުކް ޚާން މަސައްކަތް ފަށާފައިވާ ފިލްމު "ކިންގް"ގެ ޝޫޓިންގް ތެރޭގައި އެކްޓަރަށް އަނިޔާވެ ފިލްމީ މަސައްކަތްތަކުން ބޮޑު ބްރޭކެއް ނެގުމަށް ޑޮކްޓަރުން އިރުޝާދު ދީފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ޝާހުގެ ދަރިފުޅު ސުހާނާ ޚާން ބޮޑު ސްކްރީނުން ފެންނާނެ ފުރަތަމަ ފިލްމު "ކިންގް"ގެ ޝޫޓިންގްތެރޭގައި ޝާހުއަށް އަނިޔާވެފައި ވަނީ އެ ފިލްމުގެ އެކްޝަން ސީންއެއް ނެގުމުގެތެރޭގައި ކަމަށް ރިޕޯޓުތައް ބުނެއެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ މިޑް-ޑޭގައި ބުނެފައިވާ ގޮތުގައި ޝާހު ވަނީ ލިބުނު އަނިޔާއަށް ފަރުވާ ހޯދުމަށް އެމެރިކާއަށް ކުއްލި ދަތުރެއް ވެސް ކޮށްފައެވެ. ޝާހުއަށް ލިބުނު އަނިޔާގެ ތަފުސީލު މިހާތަނަށް ހާމަކޮށްފައި ނެތް ނަމަވެސް އެކްޓަރުގެ ޓީމާ ހަވާލާދީ މީޑިއާތަކުން ބުނެފައި ވަނީ އެއީ މާ ސީރިއަސް އަނިޔާއެއް ނޫން ކަމަށެވެ.

ޝާހު ފިލްމު "ޕަތާން"ގެ ޑައިރެކްޓަރު ސިދާތު އާނަންދުއާ އެކު--ފޮޓޯ/ރެޑިފް
މުމްބާއީގެ ޓޮބޭކޯ ސްޓޫޑިއޯގައި ކުރިއަށްދިޔަ އެކްޝަން ސީންއެއް ޝޫޓްކުރުމުގެތެރޭ ޝާހުއަށް ލިބުނު އަނިޔާއާ ގުޅިގެން ޑޮކްޓަރުން ލަފާ ދީފައި ވަނީ މަސް ދުވަހު އަރާމު ކުރުމަށް ކަމަށާއި ފިލްމީ މަސައްކަތްތަކުން ކުޑަ ބްރޭކެއް ނެގުމަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.
ފިލްމު "ކިންގް"ގައި ޝާހު ހިމެނޭ މަންޒަރުތައް ހުއްޓުމަކަށް އައިސްފައިވާއިރު އެކްޓަރަށް އެންމެ އަވަހަށް ވެސް ފިލްމުގެ މަސައްކަތްކުރެވޭނީ މި އަހަރުގެ ސެޕްޓެމްބަރު ނުވަތަ އޮކްޓޯބަރު މަހު ކަމަށް މިޑް-ޑޭގައި ވަނީ ބުނެފައެވެ.
ޝާހަކީ އަބަދުވެސް ފިލްމީ މަސައްކަތްތަކަށް ވަރަށް ބޮޑު އިސްކަމެއްދޭ އެކްޓަރެއް ކަމަށާއި މީގެކުރިންވެސް ފިލްމުތަކުގެ ޝޫޓިންގްތަކުގައި އުޅެނިކޮށް އެކްޓަރަށް އަނިޔާވެފައި އެބަހުރި ކަމަށް ކިންގް ޚާންގެ ޓީމުން ވަނީ ބުނެފައެވެ.
ފިލްމު "ޕަތާން"ގެ ޑައިރެކްޓަރު ސިދާތު އާނަންދުގެ އަމިއްލަ ފިލްމު ކުންފުންޏާއި ޝާހުގެ ރެޑް ޗިލީސް ގުޅިގެން ގެނެސްދޭ "ކިންގް"އަކީ ވަރަށް ބޮޑު ބަޖެޓަކުން އުފައްދާ މެގަ ޕްރޮޖެކްޓެކެވެ.
ރިޕޯޓުތައް ބުނާގޮތުން ޝާހު އާއި ސުހާނާގެ އިތުރުން މި ފިލްމުގެ ކާސްޓުންގެތެރޭ ދީޕިކާ ޕަދުކޯން، ރާނީ މުކަރުޖީ، އަބީޝެކް ބައްޗަން، ޖައިދީޕް އަހުލަވާތު، އަނިލް ކަޕޫރު، އަރުޝަދު ވާރުސީ، ޖެކީ ޝްރޮފް އަދި ރާގަވް ޖުޔަލް ހިމެނެއެވެ.